ދުނިޔެ

ހަމާސްގެ ހަމަލާތަކުގައި ޔަހޫދީންގެ 1،000 މަރު ފަހަނަ އަޅައިފި

ހަމާސްގެ ހަމަލާތަކުގައި 1،000 އަށް ވުރެ ޔަހޫދީން މަރުވެފައިވާ ކަމަށް ޔަހޫދީންގެ ނޫސްތަކުން ބުނެފި އެވެ.

ޔަހޫދީ އާބާދީތަކަށް އަމާޒުކޮށް ހަމާސް ޖަމާއަތުން ހޮނިހިރު ދުވަހު ދޭން ފެށި ކުއްލި ހަމަލާތަކުގައި މިއަށް ވުރެ ގިނަ މީހުން މަރުވެފައި ވާނެ ކަމަށް ވެސް ޔަހޫދީ ނޫސްތަކުން ބުނެ އެވެ.

ރަސްމީ ހިސާބުކިތާބެއް ބެލިފައި އަދި ނެތުމުން ހަމާސްގެ ހަމަލާތުގައި މަރުވި ޔަހޫދީންގެ ފުރިހަމަ އަދަދު އަދި ކަށަވަރު ނުވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ޔަހޫދީ ދައުލަތުން ބުނާ ގޮތުން ހަމާސްއިން ޔަހޫދީން 150 އަށް ގިނަ މީހުން ވަނީ އަސީރުކޮށްފަ އެވެ. މި މީހުން ދަމާކޫއްތާފައި ޣައްޒާއަށް ގެންދިއުމުގެ އިތުރުން، މި މީހުންނާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަކަށް ވެސް ޔަހޫދީ ޚަބަރުތައް ބުނެ އެވެ.

ހަމާސްއިން މަރާފައި ވަނީ ކިތައް ޔަހޫދީން ކަމާއި އަސީރުންގެ ގޮތުގައި ތިބި ފުރިހަމަ އަދަދު ހާމަކުރުމަކީ ޔަހޫދީ ދަައުލަތުގެ ސިޔާސަތެއް ވެސް ނޫނެވެ.

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން އެދޭ ގޮތަކީ ޔަހޫދީ ނޫސްތަކުގައި ވެސް މި ވާހަކަތައް ނުލިޔުމެވެ.

ޔަހޫދީ ސިއްހީ ވުޒާރާއިން ބުނާ ގޮތުން ހަމާސްގެ ހަމާތަކުގައި ބޮޑެތި ގެއްލުން ލިބިގެން 2،315 އަށް ވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ. ސިއްހީ އޮފިޝަލުން ބުނާ ގޮތުން މަރު ކަށަވަރުކުރުމަށް 700 އަށް ވުރެ ގިނަ ހަށިގަނޑު ހޮސްޕިޓަލްތަކަށް ވަނީ ގެންގޮސްފަ އެވެ.

ހަމާސްއިން ބުނާ ގޮތުން ޔަހޫދީންނަށް ދިން މި ހަމަލާ އަކީ ފޭރިގެންފައި އޮތް އިރުމަތީ ގުދުސްގެ އަލް އަޤްސާ މިސްކިތުގައި ޔަހޫދީން ހިންގާ ހަމަނުޖެހުންތަކާއި ފަލަސްތީންގެ ބިންތަކުގައި ވަޒަންވެރިވެ ތިބެ ހަޔޫދީން ހިންގާ ހަމަނުޖެހުންތައް އިތުރުވުމާ ގުޅިގެން ދިން ހަމަލާއެއް ކަމަށެވެ.

ހަމާސްގެ ހަމަލާތަކަށް ބަދަލުހިފުމަށް ޔަހޫދީ އަސްކަރިއްޔާއިން ދަނީ މުޅި ޣައްޒާ ބިމާހަމަކުރަމުންނެވެ. ދުވެލި ބާރު ފައިޓަރު ޖެޓުތަކުން މުޅި ގައްޒާއަށް ބޮން އަޅައި މިސައިލުން އިމާރާތްތައް ސުންނާފަތިކުރަމުންނެވެ.