ސިވިލްސާވިސް ކޮމިޝަން

ސަރުކާރު ވަޒީފާތަކަށް މީހުން ނުނެގުމަށް އަންގައިފި

ސަރުކާރުގެ މަގާމުތަކަށް މުވައްޒަފުން ނަގާއިރު ހުއްދަ ހޯދުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އަންގައިފި އެވެ.

ސީއެސްސީ އިން މިފަދަ އެންގުމެއް އަންގާފައި މިވަނީ ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށްދާތީ އެވެ.

ސީއެސްސީގެ ސިޓީއެއްގައި ބުނެފައިވަނީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި މުދިމުންނާއި އިމާމުން ފިޔަވައި އިތުރު ބަޔަކަށް ވަޒީފާ ދޭނަމަ ކޮމިޝަނަށް ލިޔެ ހުއްދަ ހޯދުމަށެވެ.

ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި މުދިމުންނާއި އިމާމުން ނަގަން ފުރުސަތު ދީފައިވަނީ އެއީ މެދުނުކެނޑި ދޭންޖެހޭ ހިދުމަތްތަކަކަށްވާތީ އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށްދާތީ އާ މަގާމުތައް އުފެއްދުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، ހުސްވެފައިވާ މަގާމުތަކަށް މީހުން ނެގުން މަޑުޖައްސާލުމަށްވެސް ސީއެސްސީ އިން އަންގާފައިވެ އެވެ.

މީގެއިތުރުން ކޮންޓްރެކްޓް، ވޭޖް އަދި ކޮންސަލްޓެންޓު އުސޫލުން މީހުން ނެގުންވެސް މިވަގުތަށް މަޑުޖައްސާލުމަށް އަންގާފައިވެ އެވެ.

ސަރުކާރުގެ ވަޒީފާތަކަށް މީހުން ނެގުމާއި މަގާމުގެ ކުރިއެރުން ދިނުން މިވަގުތަށް މަޑުޖައްސާލުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ސަރުކާރުގައި އެދިވަޑައިގެންފައިވާ ކަމެކެވެ.