ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ހުރިހާ ދާއިރާއަކަށްވެސް ވާދަކުރައްވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު އެއް ބޭނުމަކީ އިންތިހާބުތަކުގައި ވާދަކޮށް ސިޔާސީ ބާރުވެރިކަން ހޯދުން ކަމަށްވާތީ އެމްޑީޕީން މަޖިލިސް އިންތިހާބުގައި ހުރިހާ ދާއިރާތަކަކަށްވެސް ވާދަކުރާނެ ކަމަށެވެ.
"މިކަމުގައި އަޅުގަނޑުމެންގެ ޕާޓީގެ ރަސްމީ ނިންމުމެއް އަދި ނެތް. އެހެންނަމަވެސް ގާތްގަނޑަކަށް މިއީ އަޅުގަނޑުމެންގެ ވިސްނުން ހުރި ގޮތް،" އިބްރާހީމް ވަހީދު ވިދާޅުވި އެވެ.
ރައީސް އޮފީހުގެ މިނިސްޓަރު ކަންވެސް ކުރައްވަމުން ގެންދަވާ އިބްރާހީމް ވަހީދު ވިދާޅުވީ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި އަލަށް އިތުރުވާ ހަ ގޮނޑިއަށްވެސް އެމްޑީޕީން ކެންޑިޑޭޓުން ހޯދައި ނެރޭނެ ކަމަށެވެ. މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ މަޖިލީހުގެ ދާއިރާތައް އެކުލަވާލައި ޝަކުވާ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލާފައިވާތީ އެކަން ބަލައި ޝަކުވާއެއް އޮތް ނަމަ ހުށަހެޅުމަށް ކަމަށްވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް އަލުން އާ ހިތްވަރަކާ އެކު އެމްޑީޕީން މަޖިލިސް އިންތިހާބަށް ނިކުމެ ކުރީގެ ފޯރިއާއި ޖޯޝު ދައްކާނެ ކަމުގައިވެސް އިބްރާހީމް ވިދާޅުވި އެވެ. އެމްޑީޕީގެ މަޖިލިސް ޕްރައިމަރީތައް އަހަރު ފަހުކޮޅު އޮންނާނެ ކަމަށާއި ޕްރައިމަރީއާ އެކު އެމްޑީޕީގެ ސަފުތައް އަލުން ބަދަހިކޮށް ރުކުރުވާލެވިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ޕްރައިމަރީއަކީ އަޅުގަނޑުމެން ހިންގާނެ ވަރަށް ބޮޑު ސިޔާސީ ހަރަކާތަކަށް ވާނެ. އެ ހަރަކާތަށްފަހު އަޅުގަނޑުމެން ތިބޭނީ އެކައްޗެއް ގޮތުގައި އިންތިހާބަށް ތައްޔާރުވެގެން،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނެ ސީދާ ތާރީހެއް އިލެކްޝަންސް ކޮމިޝަނުން އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް އަންނަ އަހަރުގެ ފެބްރުއަރީ ފަހުކޮޅު ނުވަތަ މާޗްގެ ކުރީކޮޅު އިންތިހާބު އޮންނާނެ ކަމަށް ބެލެވެ އެވެ.