ވަޒީފާއާބެހޭ ޓްރައިބިއުނަލް

ފާއިޒު ވަކިކުރީ ގޯސްކޮށް ކަމަށް ނިންމައިފި

ސުޕްރީމް ކޯޓްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމުގައި ހުންނަވަނިކޮށް ޑރ. ހުސައިން ފާއިޒު ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ޖެނުއަރީ 7، 2019 ގައި އައްޔަންކުރި ފާއިޒު އެ މަގާމުން ވަކިކުރީ އޭނާއަށް ތުހުމަތުކުރެވުނު މައްސަލަތަކުގައި އެތައް މަހެއް ވަންދެން ސަސްޕެންޑްކޮށްފައި ބެހެއްޓުމަށްފަހު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކުރިން ބުނި ގޮތުގައި ފާއިޒު ވަޒީފާއިން ވަކިކުރީ ސުޕްރީމް ކޯޓުގައި ސީސީޓީވީ ކެމެރާ ހަރުކޮށްގެން އޭނާ ހުންނެވި ކޮޓަރިއަށް ކެމެރާގެ ފީޑް ލިބޭ ގޮތް ހަދައި ފަނޑިޔާރުންނާއި މުވައްޒަފުންނަށް ފާރަލާފައިވާތީ ކަމަށެވެ. ކެމެރާ ހަރުކުރުމަށް ބަޖެޓުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވަނީ މާލިއްޔަތު އުސޫލުތަކާ ހިލާފަށް ކަމަށްވެސް ޑީޖޭއޭ އިން ފާހަގަކޮށްފައިވެ އެވެ.

ޑީޖޭއޭ އިން ބުނި ގޮތުގައި ފަނޑިޔާރުން ފާއިޒަށް ދީފައިވާ އިރުޝާދާ ހިލާފަށް އަމަލުކޮށް މުވައްޒަފުންނަށް ނުބައި ނަމޫނާ ވެސް ދައްކާފައިވާތީ ސުޕްރީމް ކޯޓުގެ އިދާރީ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކުރި އިތުބާރު އޭނާ ގެއްލިފައި ވުމަކީވެސް ވަޒީފާ އިން ވަކިކުރަން ޖެހުނު ސަބަބުތަކެކެވެ.

ފާއިޒު ވަޒީފާ އިން ވަކިކުރި މައްސަލަ ވަޒީފާއަ ބެހޭ ޓްރައިބިއުނަލަށް އޭނާ ހުށަހެޅުއްވުމާ ގުޅިގެން ޓްރައިބިއުނަލުން މިއަދު ނިންމާފައިވަނީ ފާއިޒު ވަޒީފާ އިން ވަކިކުރީ ވަޒީފާއާއި ބެހޭ ގާނޫނާއި އަދި ވަޒީފާ ދިނުމަށް ހަދާފައިވާ އެއްބަސްވުމާ ހިލާފަށް ކަމަށެވެ. އެހެންވެ ޓްރައިބިއުނަލުން ވަނީ އޭނާ ވަޒީފާ އިން ވަކިކުރިއިރު ލިބެމުން ދިޔަ މުސާރަ އާއި އިނާޔަތްތައް 30 ދުވަހުގެ ތެރޭގައި ދިނުމަށް އަންގާފަ އެވެ.

ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އަލުން ވަޒީފާ ހޯދުމަށް ފާއިޒު އެދިފައި ނުވާތީ ޓްރައިބިއުނަލުން އެކަމުގައި ގޮތެއް ނިންމާފައެއް ނުވެ އެވެ.