ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ ހާރިޖީ ސިޔާސަތަށް އޮސްޓްރޭލިއާގެ ތައުރީފު

އިންތީހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ޕްރޯ-މޯލްޑިވްސް" ހާރިޖީ ސިޔާސަތަށް އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ތައުރީފު ކުރައްވައިފި އެވެ.

މުއިއްޒުގެ ހާރިޖީ ސިޔާސަތަށް އޮސްޓްރޭލިއާ ސަފީރު ތައުރީފު ކުރައްވާފައިވަނީ މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގަ އެވެ.

މި ބައްދަލުވުމުގައި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި މުއިއްޒު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުގެ ރިޔާސީ ދައުރުގައި ރާއްޖެ އާއި އޮސްޓްރޭލިއާގެ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ދެގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އުފެދިފައިވާ ގާތް ގުޅުންތައް ފާހަގަކުރައްވާ ތައުލީމީ ދާއިރާއިން ދިވެހި ދަރިވަރުންނަށް ފުރުސަތުތައް ފަހިކޮށްދެއްވާ ރާއްޖޭގެ އިންސާނީ ވަސީލަތް ބިނާކުރުމަށް އޮސްޓްރޭލިއާއިން ދޭ އެހީތެރި ކަމަށް ޝުކުރު އަދާ ކުރެއްވި އެވެ.

މި ބައްދަލުވުމުގައި އޮސްޓްރޭލިއާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެ-އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.