އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ގައުމީ ތަރައްގީގެ ޕްލޭންތަކަށް ފުރިހަމަ އެހީތެރިކަން ދެއްވާނެ ކަމުގައި އދ އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރު ކެތަރިން ހޭޒްވެލް ވިދާޅުވެެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުއިއްޒުއާ މިއަދު ބައްދަލުކުރައްވާ ދެ ބޭފުޅުންގެ ދެމެދުގައި ކުރިއަށްދިޔަ ވާހަކަތަކުގައެވެ.
މިބައްދަލުކުރެއްވުމުގައި ކެތަރިން ވަނީ ދިވެހިރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން އދގެ ތެރެއިން އަބަދުވެސް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ވަކިން ހާއްސަކޮށް އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ޕްލޭނަށާއި، އާ ސަރުކާރުގެ ވައުދުތަކާއި ގައުމީ ތަރައްގީގެ ޕްލޭންތައް ހަގީގަތަކަށް ހަދައިދިނުމަށް އދ. އިން އެހީވާނެ ކަމުގައި ވިދާޅުވި އެވެ. އަދި މުއިއްޒުގެ މެނިފެސްޓޯގައި އަންހެނުން ބާރުވެރިކުރުވުމަށް ހިމަނާފައިވާ ވައުދުތަކަށް އެކަމަނާ ތައުރީފް ކުރެއްވި އެވެ.
މިބައްދަލުކުރެއްވުމުގައި އިންތިހާބީ ރައީސް ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމާއި މުއައްސަސާތައް ވަރުގަދަކުރުމާއި ޑިމޮކްރަސީ ހަރުދަނާކުރުމުގައި އދ އިން ދެމުންގެންދާ ފަންނީ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވި އެވެ. އަދި ކުރިއަށް އޮތް ދައުރުގައިވެސް އެކި ދާއިރާތަކުން ދިވެހިރާއްޖޭގެ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އދގެ އެހީތެރިކަމަށް އެދިވަޑައިގެންނެވި އެވެ.
އދ. އަކީ ރާއްޖޭގެ ތަރައްގީއަށް އެކި ދާއިރާތަކުން އަބަދުވެސް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ޖަމާއަތެކެވެ.