ދުނިޔެ

ޣައްޒާއަށް ރޭގައި އެކަނިވެސް 200 އަށް ވުރެ ގިނަ ހަމަލާ

ޔަހޫދީ ދައުލަތުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާ ފުޑާލަން ނެރުއްވާފައި އޮތް އަމުރަށް ޔަހޫދީ އަސްކަރިއްޔާއިން ރޭ އެކަނިވެސް 200 އަށް ވުރެ ގިނަ ހަމަލާ ވަނީ ދީފަ އެވެ.

ފަލަސްތީންގެ އިދާރާތަކުން ބުނާ ގޮތުން ޔަހޫދީން ހަމަލާތައް އަމާޒުކުރީ ގޮތެއް ފޮތެއް ބެލުމެއް ނެތި -- އާންމުންނަށާއި އާންމުން ދިރިއުޅޭ އިމާރާތްތަކަށެވެ.

މި ހަމަލާތަކަށްފަހު ޔަހޫދީ ދިފާއީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަމަލާތައް ދިނީ ހަމާސްގެ އަސްކަރީ ގުދަންތަކަށާއި އެ މީހުންގެ ހަނގުރާމަވެރިން ފިލާ ތިބި އިމާރާތްތަކަށް ކަމަށެވެ.

ޔަހޫދީ ބާރުތަކުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ފައިޓަރު ޖެޓުތަކާއި މަނަވަރުތައް ވެސް ބޭނުންކުރެ އެވެ. ޣައްޒާ ވަށާލައިގެން ހަމަލާތައް ދެމުން ގެންދާ ކަމަށް ހަބަރު ހޯދަން ގޮސް ތިބި ނޫސްވެރިން ބުނެ އެވެ.

ހަމާސްއިން ހަތިޔާރު ރައްކާކުރުމަށް އާންމުން ދިރިއުޅޭ އިމާރާތްތަކާއި ވިޔަފާރި މޯލްތައް ބޭނުންކޮށްފައި ހުންނަ ކަމަށް ޔަހޫދީން ތުހުމަތުކުރެ އެވެ. އެ ތަންތަނަށް ހަމަލާ ދޭން ޖެހެނީ ހަމާސްއަށް މަދަދުވެރިވާތީ ކަމަށްވެސް ޔަހޫދީ އަސްކަރިއްޔާ އިން ބުނެ އެވެ.

ޣައްޒާގެ ދާޚިލީ ވުޒާރާ އިން ބުނާ ގޮތުން ޔަހޫދީ ޖެޓުތަކުން އާންމުން ދިރިއުޅޭ އިމާރާތްތަކަށް ހަމަލާދީފައިވަނީ ގަސްދު ގައެވެ. ހަމާސްއާ ގުޅުމެއް ނެތް އިމާރާތްތަކަށް ވެސް ހަމަލާދީފައިވާ ކަމަށް އެ އިދާރާ އިން ބުނެ އެވެ.

ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 700 ފަހަނައަޅާފައިވާ ކަމަށް އިދާރާތަކުން ބުނެ އެވެ.

ޔަހޫދީ ނޫސްތަކުން ބުނާ ގޮތުން ހަމާސްގެ ހަމަލާތަކުގައި 1،300 ޔަހޫދީން ވެސް މިހާތަނަށް ވަނީ މަރުވެފަ އެވެ. މީގެ ތެރޭގައި އާންމުންނާއި ސިފައިން ހިމެނެ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ވަރަށް ހެނދުނާ ހަމާސްއިން ޔަހޫދީ އާބީދީތަކަށް ދިން ކުއްލި ހަމަލާތަކުގައި ޔަހޫދީ ދައުލަތް ވަނީ ވަރަށް ބޮޑަށް ސިހިފަ އެވެ. އެއީ ޔަހޫދީން މީގެ ކުރިން އެއްވެސް ގޮތަކަށް އުއްމީދުކޮށްގެން ވެސް ތިބި ވަރުގެ ހަމަލާއެއް ނޫނެވެ.

ހަމާސްއިން ދިން ހަމަލާތަކަށްފަހު ޔަހުދީން މިހާރު ރާވަނީ އެއްގަމު މަގުން ޣައްޒާއަށް އަރައިގަތުމަށެވެ. ޣައްޒާގައި ތިބި ނަމަ ތިބި ބަޔަކު އެ ސަހަރު ދޫކޮށް މިސްރަށް ދިއުމަށްވެސް ޔަހޫދީ ދައުލަތުން ވަނީ އަންގައި އިންޒާރު ދީފަ އެވެ.