އައިލެންޑް އޭވިއޭޝަން

ބަނގުރޫޓްވާން ދަނިކޮށް ގައުމީ އެއާލައިނަށް ފައިދާވާން ފަށައިފި

އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑަށް ފަސް ކުއާޓަރަށްފަހު ފުރަތަމަ ފަހަރަށް ހިންގުމުގެ ފައިދާވެއްޖެ އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް -- ޕީސީބީ އިން އާންމުކުރި މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ކުއާޓަލީ ރިވިއުއަށް ބަލާއިރު އައިލެންޑް އޭވިއޭޝަނަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 41.5 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މިއީ ފާއިތުވި ފަސް ކުއާޓަރުގެ ތެރޭގައި އައިލެންޑް އޭވިއޭޝަނަށް ހިންގުމުގެ ފައިދާވި ފުރަތަމަ ފަހަރުކަން ޕީސީބީގެ ކުއާޓަލީ ރިވިއު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ހިންގުމުގެ ފައިދާގެ ގޮތުގައި 41.5 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އައިލެންޑް އޭވިއޭޝަނަށް ސާފު ފައިދާގެ ގޮތުގައި 10.7 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ކުއާޓަލީ ރިވިއު ދައްކާ ގޮތުން އައިލެންޑް އޭވިއޭޝަނަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 557.6 މިލިއަން ރުފިޔާ ލިބުނެވެ.

މިއީ އޭގެ ކުރީ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނު 474.7 މިލިއަން ރުފިޔާއަށްވުރެ 17 ޕަސަންޓް އިތުރުވުމެކެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީއަށްވުރެ 27 ޕަސަންޓް އިތުރު އަދަދެކެވެ.

އައިލެންޑް އޭވިއޭޝަނަށް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 53.4 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާއިރު މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 53.6 މިލިއަން ރުފިޔާގެ ގެއްލުންވެފައިވެ އެވެ.

ކުންފުނީގެ އާމްދަނީ އިތުރުވެ ފައިދާވެފައިވާއިރު އައިލެންޑް އޭވިއޭޝަންގެ އޮޕަރޭޝަނަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ އޭޓީއާރް މަރުކާރު ދެ ފްލައިޓް ހޯދާފަ އެވެ.

މީގެ އިތުރުން ފަރެސްމާތޮޑާ އެއާޕޯޓަށް ދަތުރުތައް ފަށައި މާފަރު އެއާޕޯޓުގައި ޖެޓް ފިއުލް ވިއްކަން އަލުން ވަނީ ފަށާފަ އެވެ.