ފިނިޕޭޖް

އިހްތިޖާޖު ނިމުމާއެކު ސީރީޒްތަކުގެ މަސައްކަތް ފަށައިފި

ހޮލީވުޑްގެ ލިޔުންތެރިންގެ އިހުތިޖާޖް ނިމުމާއެކު ސީރީޒްތަކާއި ޝޯތަކުގެ މަސައްކަތްތައް އަލުން ފަށައިފި އެވެ.

ފަސް ވަހަރަކަށް މަސް ވަންދެން ކުރިއަށް ދިޔަ ލިޔުންތެރިންގެ އިހްތިޖާޖް ނިންމާލީ ސެޕްޓެމްބްރު 27 ގައެވެ. އެއީ ރައިޓާސް ގިލްޑް އޮފް އެމެރިކާ (ޑަބްލިއުޖީއޭ) އާއި އެލަޔަންސް އޮފް މޯޝަން ޕިކްޗާސް އެންޑް ޓެލެވިޝަން ޕްރޮޑިއުސާޒް (އޭއެމްޕީޓީޕީ) އިން ވާހަކަ ދެއްކުމަށްފަހު އާ އެއްބަސްވުމަކަށް ގޮސްގެންނެވެ.

އެ ދުވަސްވަރު ހޮލީވުޑްގެ ގާތްގަނޑަކަށް ހުރިހާ ޝޯތަކަކާއި ސީރީޒް އަދި ގިނަ ފިލްމުތަކެއްގެ މަސައްކަތް ހުއްޓުނެވެ. އަދި އާ ކޮންޓެންޓް ދެއްކުންވެސް ހުއްޓުނެވެ.

އިހްތިޖާޖަށްފަހު އަލުން މަސައްކަތް ފަށާފައިވަނީ ޖިމީ ކިމެލް، ސެތް މާޔާސް، ސްޓީވަން ކޮލްބާ އަދި ޖޯން އޮލިވާގެ ލޭޓް ނައިޓް ޝޯ އަދި ބައެއް ޕޮޑްކާސްޓް ތަކެވެ. އަދި ޑިކް ވުލްފްގެ ސީރީޒްތައް ކަމުގައިވާ "ލޯ އެންޑް އޯޑާ: ސްޕެޝަލް ވިކްޓިމްސް ޔުނިޓް"، "ޝިކާގޯ" ފްރެންޗައިޒް (ޕީޑީ، މެޑް އަދި ފަޔާ)، "އެފްބީއައި: މޯސްޓް ވޯންޓަޑް" އަދި "އިންޓަނޭޝަނަލް" ވެސް ފެށުމަށް ވަނީ ނިންމާފަ އެވެ. މިއީ ގިނަ އަހަރުތަކެއްވި ސީރީޒްތަކެކެވެ. ހާއްސަކޮށް "ލޯ އެންޑް އޯޑާ: ސްޕެޝަލް ވިކްޓިމްސް ޔުނިޓް"ގެ ދެން ފަށާނީ 25 ވަނަ ސީޒަނެވެ.

ބައެއް ސީރީޒްތައް އަލުން ފެށި ނަމަވެސް "ލޯ އެންޑް އޯޑާ: އޯގަނައިޒްޑް ކްރައިމް" ފެށުން ލަސްވާނެ ކަމަށް ދަ ހޮލީވުޑް ރިޕޯޓާ އިން މައުލޫމާތު ދެއެވެ. ސަބަބަކީ އެ ސީރީޒްގެ ކަންތައްތައް ބަލަހައްޓާނެ އާ ޝޯ ރަނާއެއް ހޯދަމުންދާތީ އެވެ.