ހުޅުމާލެ

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ ބޮޑު ބައި ނިންމައިފި

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ސައިޓް އޭގެ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން ހިއްކަންޖެހޭ ބިމުގެ 70 ޕަސަންޓް ބިން ހިއްކައިފި އެވެ.

އާބަންކޯ އިން ބުނާ ގޮތުގައި ކުރިއަށް އޮތް ހުކުރު ދުވަހުގެ ނިޔަލަށް ސައިޓް އޭގެ މަސައްކަތް އެއްކޮށް ހިއްކާ ނިންމާލެވޭނެ އެވެ.

ސައިޓް އޭ އަށްފަހު ސައިޓް ބީގެ މަސައްކަތް ވެސް ފެށުމަށް ވަނީ ހަމަޖައްސާފަ އެވެ. އެހެންކަމުން ސައިޓް ބީގެ މަސައްކަތް ފެށުމަށް އެސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް، އެ ސަރަހައްދުން ވީހާވެސް އަވަހަށް ނެގުމަށް އާބަންކޯ އިން މިއަދު ވަނީ އެދިފަ އެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މި މަޝްރޫއަކި މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގަމުންދާ ތަފާތު ތަރައްގީގެ މަޝްރޫއުތަކުގެ ބައެކެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ދަށުން 63 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. މިމަޝްރޫއަކީ މާލޭގެ ގިނަ ރައްޔިތުން، އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ގިނަ ބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫއެއް ކަމަށްވެސް އާބަންކޯ އިން ބުނެ އެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ އިތުރުން ކުޑަގިރި، ތިލަފުށި، ގުޅިފަޅު އަދި ދިޔަނެރު ފަޅު ތަރައްގީކުރުމުގެ މަޝްރޫއު ވެސް އާބަންކޯ އިން ދަނީ ކުރަމުންނެވެ.