މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ބިންވެރިޔާ ސްކީމުން ގޯތި ދޫކުރާ ސަރަހައްދުތަކުގެ ލޭންޑް ޔޫޒް ޕްލޭން އާންމުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުގެ ލޭންޑް ޔޫޒް ޕްލޭން އާއްމުކޮށްފި އެވެ.

މި ސަރުކާރުގެ "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ދޫކުރުމަށް ނިންމާފައިވަނީ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުންނެވެ.

ސަރުކާރުން އިއްޔެ އާންމުކޮށްފައިވާ ލޭންޑް ޔޫޒް ޕްލޭންގައި ވަނީ ގޯތި ދޫކުރުމަށް ނިންމާފައިވާ ސަރަހައްދުތަކާއި، ވިޔަފާރި އަދި ސިނާއީ ބޭނުމަށް ދޫކުރާ ސަރަހައްދާއި، ތިމާވެށީގެ ކަންކަމަށް ހާއްސަކޮށްފައިވާ ސަރަހައްދުތަކާއި. ކުޅިވަރާއި ރެކްރިއޭޝަން އަދި ޔޫޓިލިޓީ ހިދުމަތްތަކަށް ދޫކުރާ ސަރަހައްދު ފާހަގަކޮށްފަ އެވެ.

ޕްލޭނިން މިނިސްޓްރީ އިއްޔެގެ ވަގުތެއްގައި ލޭންޑް ޔޫޒް ޕްލޭން އާންމުކޮށްފައި މިވަނީ ދައުލަތުގެ ބިންތައް އެކި ބޭނުންތަކަށް ބޭނުންކުރުމުގެ ކުރިން ލޭންޑް ޔޫޒް ޕްލޭން އެކުލަވާލުމަށް ލާމަރުކަޒީ ގާނޫނުގައި ލާޒިމުކޮށްފައިވާތީ އެވެ.

މާލެ ސަރަހައްދުން ގޯތި ލިބުނު މީހުނަށް ރަޖިސްޓްރީ ދޫކުރަން ފެށީ މިދިޔަ އޮގަސްޓް 27 ގައެވެ.

މި ސްކީމުގެ ދަށުން ގޯޗަށް ހުށަހެޅި 97 އިންސައްތަ މީހުންނަށް ސަރުކާރުން ވަނީ ގޯތި ދޭން ނިންމާފަ އެވެ. މީގެތެރެއިން ހުޅުމާލޭން ގޯތި ލިބޭ މީހުންނަށާއި ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކުރުމުގެ މަސައްކަތްތައް ވެސް މިނިސްޓްރީން ދަނީ ކުރަމުންނެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުށަހެޅި ފޯމުތަކުގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އަދި ޖޮއިންޓް އެޕްލިކަންޓުގެ ގޮތުގައި ޖުމްލަ 23،088 މީހުން ހިމެނިފައިވެ އެވެ. މީގެ ތެރެއިން 18،955 މީހުން ޝަރުތު ހަމަވިއިރު 9،003 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.

މި ޕްރޮގްރާމުގެ ދަށުން ދޫކުރަމުން ދަނީ ތިން ސައިޒެއްގެ ގޯއްޗެވެ. އެގޮތުން ވަކި ފަރުދަކަށްނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށް ވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހެޅި އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރެ އެވެ.