ބޭރު ކުޅިވަރު

އާސެނަލް އަކީ އެފްއޭ ކަޕްގެ ފޭވަރިޓެއް: ވެންގާ

އިނގިރޭސި އެފްއޭ ކަޕްގެ ހަަތަރު ވަނަ ބުރުގައި ރޭ ބްރައިޓަން އަތުން 3-2 އިން މޮޅުވެ، އާސެނަލް މުބާރާތުގެ ފަސް ވަނަ ބުރުން ޖާގަ ހޯދިއިރު، އާސެނަލް އަކީ މިހާރު މުބާރާތުގެ ފޭވަރިޓެއް ކަމަށް އެ ޓީމުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ބްރައިޓަންގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ތިއޯ ވޮލްކޮޓް އާއި މެސުތު އޮޒިލް ޖެހި ލަނޑުތަކާއެކު އާސެނަލް އިން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއެކު އެވެ. ދެވަނަ ހާފުގެ ކުރީކޮޅު ބްރައިޓަންގެ ކްރިސް އޯ ގްރޭޑީ ވަނީ ލަނޑެއް ޖަހައި ތަފާތު ކުޑަކޮށްފަ އެވެ. އެކަމަކު އޭގެ ނުވަ މިނިޓު ފަހުން އާސެނަލްގެ ޗެކް ރިޕަބްލިކް މިޑްފީލްޑަރު ތޯމަސް ރޮސިސްކީ ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގެ 75 ވަނަ މިނިޓުގައި ބްރައިޓަން އަށް ތަފާތު ކުޑަކޮށްދިނީ ސޭމް ބޯލްޑޮކް އެވެ.

"މިހާރު މުބާރާތުގައި އޮތް ޕްރިމިއާ ލީގުގެ ކްލަބުތަކާއެކު، މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި މިހާރު އާސެނަލް ހިމެނޭނެ. އެކަމަކު މި މުބާރާތް ކާމިޔާބުކުރާނެ ޓީމެއް ނޭނގެ،" ވެންގާ ބުންޏެވެ. "މިދިޔަ އަހަރު އަހަރެމެންނަށް ރަނގަޅު ތަޖުރިބާއެއް ލިބުނު. އަހަރެމެން ބޭނުން ތަށި ދިފާއުކުރަން."

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އާސެނަލް ދެވަނަ ބުރުން ޖާގަ ހޯދިއިރު، އިނގިރޭސި ލީގު ތާވަލްގެ އެންމެ ކުރީގައި އޮތް ޗެލްސީ އާއި މެންޗެސްޓާ ސިޓީ ވަނީ މުބާރާތުގެ ހަތަރު ވަނަ ބުރުން ހޮނިހިރު ދުވަހުގެ ރޭ ކަޓައިފަ އެވެ. ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް ހަތަރު ވަނަ ބުރުގައި ކުޅުނު މެޗުތައް އެއްވަރުވިއިރު، ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާ އާއި ސައުުތުހެމްޓަން ވެސް ވަނީ މުބާރާތުން ކަޓައިފަ އެވެ.

ވެންގާ ބުނީ ހަތަރު ވަނަ ބުރުގައި ބޮޑެތި ކްލަބުތައް ކެޓުމުން، އާސެނަލް އަށް މެޗަށް އިތުރު ސަމާލުކަމެއް ދެވުނު ކަމަށެވެ. -- ބީބީސީ