ފަލަސްތީނުގެ ގާޒާއަށް އިޒުރޭލުގެ ސިފައިން ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ޒަހަމްވާ މީހުންނަށް ސިއްހީ ފަރުވާ ދިނުމަށް މަސައްކަތް ކުރާ ގާޒާގެ ހޮސްޕިޓަލްތަކުގެ މުވައްޒަފުންނަށް ދިވެހިންގެ އެހީގައި ކެއުމުގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
ދިވެހިންގެ ފަރާތުން މިކަން ކޮށްދެނީ ދިވެހިންތަކެއް އިސްވެ ތިބެ ހިންގަމުން ގެންދާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)ގެ ފަރާތުންނެވެ.
އައިއޭސީ އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އެކި ކަންކަމާ ގުޅިގެން ހާލުގައި ޖެހޭ މުސްލިމުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވަރަށް ފުޅާދާއިރާއެއްގައި މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާ އެކެވެ.
އައިއޭސީ އިން ބުނީ އިޒުރޭލުގެ ދަތިކުރުންތަކާއި އެކުވެސް ގާޒާގެ ހެލްތު މިނިސްޓްރީ އާއި ގުޅިގެން ގާޒާގެ ސިއްހީ ފަރުވާދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ހޮޓްމީލް ޕެކޭޖު ފޯރުކޮށްދެމުންދާ ކަމަށެވެ.
.
އައިއޭސީ އިން މިވަގުތު ގެންދަނީ ގާޒާގެ ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ 1،500 މުވައްޒަފުންނަށް ކެއުމުގެ ހިދުމަތް ދެމުންނެވެ.
އައިއޭސީއަށް އެހީދެވިދާނެ ގޮތްތައް
- ބީއެމްއެލް އިސްލާމިކް އެކައުންޓް ނަމްބަރު: 7770000062741
- އެކައުންޓް ނަން: International Aid Campaign
- އެކައުންޓް ލޭބަލް: IAC | EMERGENCY
ވަރުބަލިކަމެއްނެތި ހިތްވަރާއިއެކު ބުރަ މަސައްކަތްތަކެއް ކުރަމުންގެންދާ މުވައްޒަފުންގެ މަސައްކަތްތަކަށް ބުރޫނާރާ ކުރިއަށް ގެންދިއުމަށް ދެވޭ އެހީއަކަށް ހޮޓްމީލް ޕެކޭޖުތައް ވެގެންދާނެ ކަމަށް އައިއޭސީ އިން ދެކެ އެވެ.
"ކަންކަން ކުރުމަށް އެހާމެ ދަތި. ނަމަވެސް އަޅުގަނޑުމެންގެ މިސައްކަތް ހުއްޓުނުލާ ކުރިއަށް ގެންދާނަށް އިންޝާالله. މިކަމުގައި އަޅުގަނޑުމެންނާ ބައިވެރިވެ އެހީވަމާ،" އައިއޭސީ އިން ބުނެފައިވެ އެވެ.