އިޒުރޭލާއި ފަލަސްތީނުގެ އަރައިރުން

ފަލަސްތީނާ އެކު ދިވެހިން ތިބިކަން އަންގައިދިނުމަށް ނިކުންނަނީ

ދިވެހިން ތިބީ ފަލަސްތީން ރައްޔިތުންނާ އެކުގައި ކަމަށް އަންގައިދިނުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ހާއްސަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ތައްޔާރުވެއްޖެ އެވެ.

ހަރަކާތް އިންތިޒާމު ކުރާ ފަރާތްތަކުން ބުނާ ގޮތުން ހުކުރު ދުވަހު މާލޭގައި ހާއްސަ ސައިކަލް ބުރެއް އޮންނާނެ އެވެ.

ސައިކަލް ބުރު ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހަވީރު ރަސްފަންނު ކުރިމަތިންނެވެ.

ހުކުރު ދުވަހު މާލެއާއި އަތޮޅު ތެރޭގެ ރަށްތަކުގައި ފަލަސްތީނުގެ ރައްޔިތުންނާ އެކު ދިވެހިން ތިބިކަން އަންގައިދިނުމަށް ހިނގާލުންތަކެއް ކުރިއަށް ގެންދިއުމަށްވެސް ނިންމާފައިވެ އެވެ.

މާލެއާއި އަތޮޅު ތެރޭގެ ރަށްތަކުގައި ހަރަކާތްތައް ކުރިއަށްދާ ވަގުތު ފަންޑް ފޮށިތަކެއް ބެހެއްޓުމަށްވެސް ނިންމާފައިވެ އެވެ. އެހީގެ ގޮތުގައި ލިބޭ ފައިސާ އަކީ ފަލަސްތީނު ރައްޔިތުންނަށް ބޭނުންވާ ކަންކަން ހަމަޖެއްސުމަށް އެއްކުރާ ފައިސާ އެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން މިދިޔަ ހޮނިހިރު ދުވަހު އިޒުރޭލަށް ދޭން ފެށި ކުއްލި ހަމަލާތަކުގައި އެ ދުވަހު އެކަނިވެސް 5،000 ރޮކެޓް ހަމަލާ އިޒްރޭލަށް ދީފައިވެ އެވެ. ހަމަލާތައް މިހާރުވެސް ކުރިއަށްދާއިރު ހަމާސްގެ ހަމަލާތަކުގައި އިޒުރޭލުގެ 1،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި ރައްދުގައި އިޒުރޭލު ސިފައިން ގާޒާއަށް ދޭން ފެށި ހަމަލާތަކުގައިވެސް ފަލަސްތީނުގެ ހާހަކާ ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ދިވެހިންނަކީ ފަލަސްތީނު ރައްޔިތުން މިނިވަންކަމަށްޓަކައި ކުރާ ޖިހާދުގައި އަބަދުވެސް ވަރަށް ބޮޑަށް ހިތްވަރުދީ އަދި އެކި ފަހަރު މަތިން މާލީ އެހީތައްވެސް ފޯރުކޮށްދީފައިވާ ބައެކެވެ.