ދުނިޔެ

ޔަހޫދީން ދެކުނު ލުބުނާންގައިވާ ހިޒްބުﷲގެ އަމާޒުތަކަށް ބޮންއަޅަނީ

ލުބުނާނަށް މުގޫލައިގެން ތިބި ހިޒްބުﷲ ޖަމާއަތުން ޔަހޫދީ ދައުލަތަށް އަމާޒުކުރި ރޮކެޓް ހަމަލާތަކަަށް ބަދަލުހިފުމުގެ ގޮތުން ޔަހޫދީ އަސްކަރިއްޔާ އިން ދެކުނު ލުބުނާންގެ އަވަށްތަކަށް ބޮންއަޅަން ފަށައިފި އެވެ.

ޣައްޒާއިން ޔަހޫދީ އާބާދީތަކަށް މިދިޔަ ހޮނިހިރު ދުވަހު ދިން ހަމަލާތަކަށް ފަސް ދުވަސް ވާން އަންނައިރު ހިޒްބުﷲ ޖަމާއަތުން ވެސް ވަނީ ޔަހޫދީ އަވަށްތަކަށް ކާމިޔާބު ހަމަލާތަކެއް ދީފި އެވެ.

ޔަހޫދީ އާބާދީތަކަށް މި ހަފުތާގެ ކުރީކޮޅު ހިޒްބުﷲ ޖަމާއަތުން ދިން ހަމަލާތަކަށް ޔަހޫދީ އަސްކަރިއްޔާއިން ދިން ރައްދުގައި އެ ޖަމާއަތުގެ މުހިއްމު ދެ މެމްބަރަކު ވަނީ މަރާލާފަ އެވެ.

ޔަހޫދީންގެ ހަމަލާތަކަށް އެކަށީގެންވާ ވަގުތުގައި އެކަށީގެންވާ ހަތިޔާރުން ހަމަލާދީ ބަދަލުހިފާނެ ކަމަށް ހިޒްބުﷲ އޮތީ ބުނެފަ އެވެ. ހިޒްބުﷲގެ ހަމަލާތައް އަނިޔާވެރިވާނެ ކަމަށްވެސް އެ ޖަމާއަތުން ބުނެ އެވެ.

ލުބުނާންގައި ތިބި ރޮއިޓާސްގެ ނޫސްވެރިން ބުނާ ގޮތުން ޔަޔޫދީ ފައިޓަ ޖެޓުތަކުން ރޮކެޓް ހަމާލާތައް އަމާޒުކުރީ ހިޒްބުﷲ ޖަމާއަތުން މިސައިލް ފޮނުވާ ލޯންޗް ޕެޑްތަކަށެވެ. ޔަހޫދީންގެ ހަމަލާތަކުގައި ލުބުނާނަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަަމަށްވެސް ރޮއިޓާސް ރިޕޯޓްކުރެ އެވެ.

ލުބުނާންގެ ދެކުނު ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުން، ޔަހޫދީންގެ ހަމަލާތައް ސިފަކުރީ 2006 ވަނަ އަހަރު ޔަހޫދީ އަސްކަރިއްޔާ އިން ލުބުނާނަށް ދިން ހަމަލާތަކާ އެއްވަރުގެ ހަމަލާތަކެއްގެ ގޮތުގަ އެވެ. އެ މީހުން ބުނި ގޮތުން ފައިޓަ ޖެޓުތައް ވައިކަފާފައި ދާ އަޑު އިވޭ ކޮންމެ ފަހަރަކު ހަނދާން ވަނީ އެ ދުވަސްވަރު ކުރި ހަނގުރާމައިގެ މަތިންނެވެ.

ހިޒްބުﷲ އަކީ އީރާންގެ ހިޔަނީގައި ދެމިއޮތް ޖަމާއަތެކެވެ. ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުން ޔަހޫދީ ދައުލަތަށް ހަމަލާދޭ ކޮންމެ ފަހަރަކު ހިޒްބުﷲގެ މަދަދުވެރިކަން ހަމާސްއަށް ފޯރުކޮށްދެ އެވެ.

ޔަމަނުގައި ވަކި ދައުލަތެއް ގާއިމުކުރަން ހަނގުރާމާކުރާ ހޫސީންނަކީ ވެސް ހިޒްބުﷲ ބުނާ ބަސް އަހާ ބައިގަނޑެކެވެ. ހިޒްބުﷲ އާއި ހަމާސް އަދި ހޫސީންނަށް ވެސް އީރާން މަދަދުވެރިވެ އެވެ.

ހަމާސްއިން ހޮނިހިރު ދުވަހު ޔަހޫދީ އަވަށްތަކަށް ދިން ހަމަލާތަކަށް މަގުފަހިކޮށްދިނީ އީރާނުން ކަމަށް އެމެރިކާ ތުހުމަތުކުރެ އެވެ.