އެޗްޕީއޭ

އާންމު ބަލިތަކުގެ ނަންބަރުތައް ވަރަށް ބޮޑަށް މައްޗަށް

މިދިޔަ ސެޕްޓެމްބަރު މަހު އަރިދަފުސް ރޯގާ ޖެހުނު މީހުންގެ އަދަދު 39،000 އަށް އަރާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އެޗްޕީއޭ އިން ގެންދަނީ ފަސޭހައިން ގައިން ގަޔަށް އަރާ އާންމު ބަލިތަކުގެ ތަފާސްހިސާބުތައް މަހަކު އެއް ފަހަރު އާންމުކުރަމުންނެވެ.

އެގޮތުން އާންމުކުރި މިދިޔަ ސެޕްޓެމްބަރު މަހުގެ އަދަދުތަކަށް ބަލާއިރު އެ މަހުގެ ތެރޭގައި 39,000 އަށްވުރެ ގިނަ މީހުންނަށް އަރިދަފުސް ރޯގާ ޖެހިފައިވެ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަރިދަފުސް ރޯގާ ޖެހިފައިވަނީ 33,800 މީހުންނަށެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހު 288 މީހަކަށް ޑެންގީ ހުން ޖެހިފައިވާއިރު ބޭރަށް ހިންގުމުގެ އުދަނގުލުގައި މިދިޔަ ސެޕްޓެމްބަރު މަހު 7،160 މީހުން ރިޕޯޓްކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޑެންގީ ހުން ޖެހިފައިވަނީ 269 މީހަކަށެވެ. އަދި އެ މަހުގެ ތެރޭގައި ބޭރަށް ހިންގުމުގެ އުދަނގުލުގައި ރިޕޯޓްކޮށްފައިވަނީ 3,627 މީހުންނެވެ.

އިންފްލުއެންޒާއަށް ޝައްކުކުރެވުނު 180 މީހުންގެ ތެރެއިން 97 މީހަކު ބައްޔަށް ޕޮޒިޓިވްވި ކަމަށްވެސް އެޗްޕީއޭގެ ތަފާސްހިސާބުތަކުގައިވެ އެވެ.