ލައިފްސްޓައިލް

ނަފްސާނީ މައްސަލަތަކުން ސަލާމަތްވެވިދާނެ

ނަފްސާނީ ސިއްހަތަކީ ދިރިއުޅުމުގެ ކޮންމެ މަރުހަލާއެއްގައި ވެސް ކޮންމެ މީހަކާ ވެސް ކުރިމަތިލާން ޖެހިދާނެ މައްސަލަ އެކެވެ.

ނަފްސާނީ ދުޅަހެޔޮ ކަމަކީ އަހަރެމެން ވިސްނާ ގޮތާއި، އިހުސާސް ކުރާ ގޮތާއި، އަމަލުކުރާ ގޮތަށް އަސަރުކުރާ ކަމެކެވެ. އަދި ސްޓްރެސް އާއި ކުރިމަތިލާ ގޮތް ކަނޑައެޅުމާއި، އެހެން މީހުންނާ ގުޅުން ބަދަހިކުރުމާއި، ތިމާއަށް އެންމެ ދުޅަހެޔޮ ގޮތް ކޮންމެވެސް އެއްގޮތަކަށް ނިންމުމަށް އެހީވާ ކަމެކެވެ. އެއީ ހާލަތުގެ ގޮތުން ރަނގަޅު އަދި ގޯސް ނިންމުމަކަށްވެސް ވެދާނެ އެވެ.

ވަށައިގެންވާ މާހައުލާއި ގުދުރަތީ ކަންކަމާ ގާތްވުން

އަހަރެމެން އެންމެން އުޅެނީ ކަންބޮޑުވުމާއި ބިރުވެރިކަމާއި، ޔަގީންކަން ނެތް ކަންކަމާ ހެދި ސްޓްރެސް ވެފައިވާ މުޖުތަމައެއްގައެވެ. ގުދުރަތުން އަހަރެމެންނަށް ހަގީގަތުގައިވެސް ހަމަޖެހޭ އަސަރެއް ކޮށްފާނެ އެވެ. އަހަރެމެން ވަށައިގެން ގަސްގަހާގެއްސާއި ޖަނަވާރުތައް ދިރިއުޅޭތާ އެތައްހާސް އަހަރެއް ވެއްޖެ އެވެ. ބައެއް މީހުން ބުނާ ގޮތުގައި ގުދުރަތުގެ ސަބަބުން އެމީހުންނަށް ހަމަޖެހުމާއި، ލިބޭ އުއްމީދު ބޮޑުވެ، އެކަނިވެރިކަން ކުޑަވެގެންދެ އެވެ.

ނަފްސާނީ މައްސަލަތަކުގެ ވަގުތުތަކުގައި ތިމާގެ ދީނީ އާދަތައް ހާއްސަކޮށް ވަކި ކަމެއް ވަކި ގޮތަކަށް ކުރަން އޮންނަނަމަ އެކަމެއް އެވަގުތަކު ކުރަން އިސްކަން ދިނުމަކީ ވެސް ނަފްސާނީ މައްސަލަތަކުން ދުރުވުމަށް ލިބޭނެ އިތުރު ހިތްވަރެކެވެ. މިސާލަކަށް ނަމާދަށް ސަމާލުވުން ފަދަ އާދަތަކަކީ މިފަދަ މައްސަލަތަކަށް އޮތް ފަސޭހަ ހައްލެކެވެ.

އިހްސާސްތައް މެނޭޖުކުރަން ދަސްކުރުން

ވަރަށް ބޮޑަށް ކަންބޮޑުވުމަކީ އަހަރެމެންގެ ދިރިއުޅުމަށް ހުރަސްއެޅި، ހަމަޖެހޭ ވިސްނުމަކުން ވިސްނުމަށް ނުވަތަ މަސައްކަތް ކުރަން އަރާމުކުރަން، ކިޔެވުމަށް، ނިދުމަށް ނުވަތަ އެހެން މީހުންނާ މުއާމަލާތް ކުރަން އުނދަގޫވާ ކަމެކެވެ.

އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ދެރަވީމާ އެނގެ އެވެ. އެކަމަކު އަހަރެމެންނަށް ނޭނގޭ ކަމަކީ އެކަން އިހުސާސް ކުރެވޭ ވަގުތު މެނޭޖުކުރުމެވެ. އެއީ ހިތާމަވެރިކަމާއި، ބިރުވެރިކަމާއި، ލަދުވެތިކަމާއި، އެކަނިވެރިކަމާއި، ރުޅިވެރިކަމުގެ ތެރޭގައި ހުންނައިރު ތަފާތު އެކި ކަންކަމުގައި އަމިއްލައަށް ސުވާލު އުފެއްދޭތީ ވެގެންދާ ކަންކަމެވެ.

ގިނަ ފަހަރަށް އިހްސާސްތަކާ މެދު ވިސްނައި ރަނގަޅަށް މެނޭޖުކުރުމަކީ އަމިއްލަ ނަފްސަށް ސަމާލުވުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަމެކެވެ. މިކަން ކުރުމަކީ އާދަޔާ ހިލާފު އަދި ނުތަނަވަސް ކަމެއް ކަމުގައި ބައެއް ފަހަރު ހީވެދާނެ އެވެ. އެކަމަކު އަމިއްލަ ނަފްސުގެ މައްޗަށް އަބަދުވެސް ގަދެވެ ގަތުމާއި ކެތްތެރިވުމަކީ ނަފްސާނީ އެތައް މައްސަލައަކުން ސަލާމަތްވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

އިތުބާރު ކުރެވޭ މީހަކާ ވާހަކަތައް ހިއްސާކުރުން

އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ދަސްވެފައިވަނީ އަމިއްލަ ނަފްސަށް ކުރެވޭ އިހްސާސްތައް ހަށިގަނޑުގެ ތެރޭގައި ބަންދުކޮށްލުމަށާއި، ވޭންދެނިވި އިހްސާސްތައް އެހެން މީހުންނާ ހިއްސާކުރުމުގެ ބަދަލުގައި އަމިއްލަ ނަފްސުގެ ތެރޭގައި އެކަންކަން ފޮރުވައިގެން އަމިއްލަ ނަފްސަށް ގެއްލުންވާ ގޮތަށް ދިރިއުޅުމަށެވެ. އަހަރެމެންނަށް އިހްސާސް ކުރެވޭ ގޮތް ނުވަތަ އުނދަގޫވާ ކަންތައްތައް އެހެން މީހަކަށް ކިޔައިދިނުމަކީ ވަރަށް ބޮޑު ހިތްވަރެއް ބޭނުންވެދާނެ ކަމެކެވެ. އާންމުކޮށް މިކަހަލަ ކަމެއް ނުކުރާ މީހަކު މިކަމުގައި ވަރަށް ބޮޑު ހިތްވަރެއްވެސް ލާންޖެހެ އެވެ.

ނަފްސާނީ ގޮތުން އުދަނގޫ ހާލަތެއްގައި ހުންނައިރު އިތުބާރުކުރާ މީހަކާ އެ ވާހަކަތައް ހިއްސާކޮށްލުމަކީ ސިކުނޑިއަށް ވަރަށް ބޮޑު ލުއިކަމެއް އިހްސާސް ކުރެވިގެންދާނެ ކަމެކެވެ. މީހަކާ ވާހަކަތައް ހިއްސާ ކުރާއިރު އަމިއްލަ ބަސްތަކާއި އަމިއްލަ ގޮތްތައް ބޭނުން ކުރާށެވެ. އެއީ ރައްކާތެރިކަން އިހްސާސް ކުރެވޭނެ ކަމެކެވެ. އެއީ ނަފްސާނީ ސިއްހަތު ރައްކާތެރިކޮށް، މައްސަލަތަކުން އަރައިގަތުމަށް އެހީތެރިވެދޭނެ ވެސް ކަމެކެވެ.