ބަޖެޓް ކުރި ވަރަށްވުރެ އާސަންދައިގެ ހަރަދު މިއަހަރު 120 ޕަސަންޓް އިތުރުވާނެ ކަމަށް ލަފާކޮށްފި އެވެ.
ދައުލަތުގެ ބަޖެޓުގައި އާސަންދައަށް މި އަހަރު ކަނޑައަޅާފައިވަނީ އެއް ބިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި "ފިސްކަލް ހިރާސްތަކުގެ ބަޔާން 2023" ގައި އަންދާޒާކޮށްފައިވާ ގޮތުން މިއަހަރުގެ ނިޔަލައަށް އާސަންދައަށް 2.3 ބިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
އާސަންދައިގެ ހަރަދު އިތުރުވާނެ ކަމަށް ލަފާކޮށްފައިވާއިރު އާސަންދައަށް ކުރާ ހަރަދުތައް އިތުރުވާ ނިސްބަތް ކުޑަކުރުމަށާއި ހަރުދަނާ ކުރުމުގެ ގޮތުން ފާއިތުވި އަހަރުތަކުގެ ބަޖެޓާއެކު ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ބަޖެޓުގައި ހިމެނިކަން ފިނޭންސް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.
އާސަންދައިގެ ހަރަދުތަކުގެ ތެރެއިން ނިސްބަތުން ބޮޑު އިންސައްތައެއް ބޭހަށް ކުރެވޭއިރު ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ކަމާގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރެވުނު ނަމަވެސް މި ފިޔަވަޅުތަކުގެ ތަންފީޒީ މަރުހަލާގައި ދަތިތަކާއި ކުރިމަތިވެ އެންމެ އެދެވޭ މިންވަރަށް ހަރަދުތައް އިތުރުވާ މިންވަރު ކޮންޓްރޯލް ކުރެވިފައިނުވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެ ފިޔަވަޅުތައް ތަންފީޒުކުރުން ލަސްވުމާއި ތަންފީޒު ނުކުރެވުމަކީ ބަޖެޓަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމެއްކަން އެ މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓު ތައްޔާރުކުރެވުނުއިރު ރާއްޖޭގެ ފިސްކަލް ހާލަތު ދެމެހެއްޓެނިވި މަގަށް މިސްރާބު ޖެހުމުގެ މަގުސަދުގައި އޭރު ގެންނަންޖެހޭނެ ކަމަށް ބެލެވުނު ފިސްކަލް އެޖަސްޓްމަންޓުގެ ތެރެއިން ބޭހުގެ ބަލްކް ޕްރޮކިއުމަންޓްގެ ސަބަބުން 460.7 މިލިއަން ރުފިޔާ އާސަންދައިގެ ބޭހުގެ ހަރަދުގެ ތެރެއިން ކުޑަކުރެވޭނެ ކަމަށް ބެލެވުނެވެ.
މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން ރާއްޖެއަށް ގަނޑުކޮށް ބޭސް އެތެރެ ކުރެވޭނެ ކަމަށް ބަލައިގެން ކުރި އަންދާޒާއެއް ނަމަވެސް މި މަސައްކަތް ފެށުމާއެކު އެކިއެކި ސަބަބުތަކާހުރެ އަންދާޒާކުރި މިންވަރަށްވުރެ މި މަސައްކަތް ލަސްވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އާސަންދައިގެ ހަރަދު ބަޖެޓަށްވުރެ އިތުރުވާނެ ކަމަށް އަންދާޒާކޮށްފައިވާއިރު މިދިޔަ އަހަރުވެސް ބަޖެޓު ކުރި އަދަދަށްވުރެ އާސަންދައިގެ ހަރަދު ވަނީ އިތުރުވެފަ އެވެ.
އާސަންދައަށް މިދިޔަ އަހަރުގެ ބަޖެޓުގައި ފުރަތަމަ ކަނޑައެޅީ 730.9 މިލިއަން ރުފިޔާ އެވެ. އާސަންދަ ބަޖެޓު ހުސްވުމުން ސަރުކާރުން ވަނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައި އާސަންދައަށް 906.7 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ.
ސަޕްލިމަންޓްރީ ބަޖެޓާއެކު މިދިޔަ އަހަރުގެ އާސަންދަ ބަޖެޓަކީ 1.6 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު އާސަންދައަށް ކުރި ހަރަދު 1.8 ބިލިއަނަށް އަރަ އެވެ.