އާސަންދަ

އާސަންދަ ބަޖެޓުގެ 80 ޕަސަންޓު ހޭދަކޮށްފި

ދައުލަތުގެ ބަޖެޓުން އާސަންދައަށް ކަނޑައެޅި އަދަދުގެ 80 ޕަސަންޓު ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެޕްރީލް 20 ވަނަ ދުވަހުގެ ނިޔަލަށް އާސަންދައަށް 807 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދައަށް ކުރި ހަރަދަށްވުރެ 300 މިލިއަން ރުފިޔާ އިތުރު މިންވަރެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދައަށް ހޭދަކުރީ 507 މިލިއަން ރުފިޔާ އެވެ.

ދައުލަތުގެ ބަޖެޓުގައި މިއަހަރު އާސަންދައަށް ކަނޑައަޅާފައިވަނީ އެއް ބިލިއަން ރުފިޔާ އެވެ.

ދިވެހި ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާކޮށްދޭ ގައުމީ ހެލްތު އިންޝުއަރެންސް ސްކީމް -- އާސަންދައަށް މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ބޮޑު ހޭދައެއް ކޮށްފައިވާއިރު، މިދިޔަ އަހަރު އާސަންދައަށް ކަނޑައެޅި ބަޖެޓުވަނީ އަހަރު ދެބައި ނުވަނީސް ހުސްވެފަ އެވެ.

އާސަންދައަށް މިދިޔަ އަހަރުގެ ބަޖެޓުގައި ކަނޑައެޅީ 730.9 މިލިއަން ރުފިޔާ އެވެ. އާސަންދަ ބަޖެޓު ހުސްވުމުން ސަރުކާރުން ވަނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައި އާސަންދައަށް 906.7 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ. ސަޕްލިމަންޓްރީ ބަޖެޓާއެކު މިދިޔަ އަހަރުގެ އާސަންދަ ބަޖެޓަކީ 1.6 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު އާސަންދައަށް ކުރި ހަރަދު 1.8 ބިލިއަނަށް އަރަ އެވެ.

އާސަންދަ އާއި ސަބްސިޑީތަކަށް ކުރާ ހޭދަ ކުޑަކުރަން ވޯލްޑް ބޭންކުން ވަނީ ލަފާދީފަ އެވެ.