އާސަންދަ

އާސަންދައަށް ތިން މަސް ތެރޭގައި 628 މިލިއަން ރުފިޔާ ހަރަދުކޮށްފި

ދައުލަތުގެ ބަޖެޓުން މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އާސަންދައަށް 628.1 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

އާސަންދައަށް މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ އެއް ބިލިއަން ރުފިޔާ އެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ ފުރަތަމަ ތިން މަސް ދުވަސް ނިމުނުއިރު އާސަންދަ ބަޖެޓުގެ 60 ޕަސަންޓު ވަނީ ހަރަދުވެފަ އެވެ.

ދިވެހި ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާކޮށްދޭ ގައުމީ ހެލްތު އިންޝުއަރެންސް ސްކީމް -- އާސަންދައަށް މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ބޮޑު ހޭދައެއް ކޮށްފައިވާއިރު، މިދިޔަ އަހަރު އާސަންދައަށް ކަނޑައެޅި ބަޖެޓުވަނީ އަހަރު ދެބައި ނުވަނީސް ހުސްވެފަ އެވެ.

އާސަންދައަށް މިދިޔަ އަހަރުގެ ބަޖެޓުގައި ކަނޑައެޅީ 730.9 މިލިއަން ރުފިޔާ އެވެ. އާސަންދަ ބަޖެޓު ހުސްވުމުން ސަރުކާރުން ވަނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައި އާސަންދައަށް 906.7 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ. ސަޕްލިމަންޓްރީ ބަޖެޓާއެކު މިދިޔަ އަހަރުގެ އާސަންދަ ބަޖެޓަކީ 1.6 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު އާސަންދައަށް ކުރި ހަރަދު 1.8 ބިލިއަނަށް އަރަ އެވެ.

އާސަންދަ އާއި ސަބްސިޑީތަކަށް ކުރާ ހޭދަ ކުޑަކުރަން ވޯލްޑް ބޭންކުން ވަނީ ލަފާދީފަ އެވެ.