ފިނިޕޭޖް

ޖޭޑާ ޕިންކެޓް އާއި ވިލް ސްމިތް ތިބީ ވަކިވެގެން

ޖޭޑާ ޕިންކެޓް ސްމިތާއި އޭނާގެ ފިރިމީހާ ވިލް ސްމިތް 2016 ވަނަ އަހަރު ވަކިވެފައިވާ ކަމަށް ހާމަކޮށްފި އެވެ.

އުމުރުން 52 އަހަރުގެ ޖޭޑާ މިކަން ހާމަކުރީ ދައްކަން ތައްޔާރުވަމުންދާ ޓުޑޭ ޝޯގެ ޕްރިވިއު ގައެވެ.

ޖޭޑާ މި ޝޯއަށް އެރީ އޭނާގެ ރިލީޒްކުރަން އުޅޭ މެމުއާ "ވޯދީ" ޕްރޮމޯޓް ކުރުމަށެވެ.

ޖޭޑާ ބުނީ ދެމަފިރިން ވަރިނުވި ނަމަވެސް 2016 އާ ހަމައަށް އައިއިރު ދެމީހުންވެސް ގުޅުން ދެމެހެއްޓުމަށްޓަކައި މަސައްކަތް ކޮށްކޮށް ވަރުބަލިވެފައިވާ ކަމަށެވެ. އަދި ކަންކަން ހައްލުކުރާނެ ގޮތެއް ހޯދިފައި ނެތް ކަމަށާއި ވަރިވުމަށް ވައުދު އުވާލަންވެސް ނުކުރޭ ކަމަށެވެ.

އުމުރުން 55 އަހަރުގެ ވިލް ސްމިތާއި ޖޭޑާ ކައިވެނިކުރީ 1997 ގައެވެ. މި ކައިވެންޏަށް 25 އަހަރުގެ ޖޭޑަން އަދި 22 އަހަރުގެ ވިލޯ ލިބިފައި ވެއެވެ. ވިލް ސްމިތްގެ ކުރީގެ އަނބިމީހާއަށް 30 އަހަރުގެ ޓްރޭ ލިބިފައި ވެއެވެ.

ޖޭޑާ 2022ގެ އެކަޑަމީ / އޮސްކާ އެވޯޑްސް ހަފްލާގައި ހިނގި ހާދިސާއާ ގުޅޭގޮތުންވެސް ވާހަކަ ދެއްކި އެވެ. މިއީ ވިލް އާއި ޖޭޑާ އަށް ދުނިޔޭގެ ސަމާލުކަން އައި ހާދިސާ އެކެވެ. އެއީ ޝޯގެ ހޯސްޓް އެކްޓަރު އަދި ކޮމެޑިއަން ކްރިސް ރޮކް ޖޭޑާގެ ބޮލުގައި އިސްތަށި ނެތް ކަމަށް މަލާމާތްކުރުމުން، ވިލް ސްޓޭޖް މައްޗަށް އަރައި ކްރިސްގެ މޫނުމަތީގައި ޖެހުމުންނެވެ.

އެއީ ވިލްގެ "އިމެންސިޕޭޝަން" އަށް ބެސްޓް އެކްޓަރުގެ އެކަޑަމީ އެވޯޑް ލިބިމުގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ. މިއީ ކްރިސް، ޖޭޑާއަށް މިގޮތަށް އެކަޑަމީ އެވޯޑް ޝޯއެއްގައި މަލާމާތްކުރި ދެވަނަ ފަހަރެވެ. ޖޭޑާ އޭރު ހުރީ އެލޮޕޭޝިއާ ބަލީގެ ސަބަބުން ބޮލުން އިސްތަށި ފައިބާތީ، އެއްކޮށް ބޯބާލާފައެވެ.

ޖޭޑާ ބުނީ އޭނާ ފުރަތަމަ ހީކުރީ އެއީ ރާވައިގެން ކުރި ކަމެއް ކަމަށެވެ. އަދި އެ ޖޯކް އެހާ ސަކަރާތް ނުވި ނަމަވެސް އެލޮޕޭޝިއާގެ ސަބަބުން މީހުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަދި ބޮޑު އަސަރު މީހުންނަށް ދޭހަނުވާތީ އެކަމާ ފްރަސްޓްރޭޓްވާ ކަމަށް ޖޭޑާ ބުންޏެވެ. ވިލް ވަނީ އެކަޑަމީ އިން އިސްތިއުފާދީ، ކްރިސް ގާތު މައާފަށް އެދިފަ އެވެ.

މި ހާދިސާގެ އިތުރުން ޖޭޑާގެ މެމުއާގައި މަސްތުވާތަކެތި ބޭނުންކުރާ ދެމަފިރިންގެ ދަރިއަކަށް ވުމުގެ ސަބަބުން ކަޑައްތުކުރަން ޖެހުނު ކަންކަމަށް އަލިއަޅުވާލާފައި ވެއެވެ. އަދި ޑިޕްރެޝަނަށް ގޮސް އިހްސާސް ކުރަމުންދިޔަ ކަންކަންވެސް ކިޔައިދީފައި ވެއެވެ. މީގެތެރޭގައި ފުރާނަ ގެއްލިގެންދާ ފަދަ ކަންތައްތައް ކުރަން ވިސްނުންވެސް ހިމެނެ އެވެ. ކުޑައިރު ދަތި އުދަނގޫ ދިރިއުޅުމެއް ކަޑައްތު ކުރަމުން ގޮސް ޖޭޑާ ވަނީ ހޮލީވުޑާއި މިއުޒިކް އިންޑަސްޓްރީގައި ކާމިޔާބީ ހޯދާފަ އެވެ.

ޖޭޑާގެ މެމުއާ "ވޯތީ" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހު 17 ގައެވެ.