ފިނިޕޭޖް

ދުއާ ލިޕާ ފިލްމެއް ކުޅެފި

ލަވަކިޔުންތެރިޔާ ދުއާ ލިޕާ ފިލްމެއް ކުޅެފި އެވެ.

ދުއާ ފެނިގެންދާނީ އެޕަލް އޮރިޖިނަލް ފިލްމުގެ "އާޖީލް" އިންނެވެ.

މި ފިލްމަކީ ޖޭމްސް ބޮންޑް ފިލްމު ސީރީޒް ފަދަ ސްޕައި ތްރިލާ އެކެވެ. "އާޖީލް"ގެ ޓްރޭލާ މިހާރު ވަނީ ނެރެފަ އެވެ.

މި ފިލްމުގައި ލީޑް ރޯލް އަދާކުރަނީ ބްރީސް ޑެލާސް ހަވޯޑް އާއި ސޭމް ރޮކްވެލް އެވެ. މުހިއްމު ރޯލްތައް އަދާކުރާ އެހެން އެކްޓަރުންގެ ތެރޭގައި ދުއާގެ އިތުރުން ހެންރީ ކެވިލް، ސެމިއުލް އެލް ޖެކްސަން، ޖޯން ސީނާ، ބްރާޔަން ކްރެންސްޓަން، ކެތަރިން އޯ ހޭރާ އާއި އާރިއާނާ ޑިބޯސް ހިމެނެ އެވެ.

"އާޖީލް"ގެ ޓްރޭލާއިން ފެންނަނީ ބްލޮންޑް އިސްތަށިގަނޑެއް ހުރި ދުއާ ރަންކުލައިގެ ހެދުމެއްގައި އައިސް ހެންރީއާ އެކު ނަށާ ތަނެވެ. އަދި ހިނދުކޮޅެއްގެ ތެރޭގައި ހެންރީ މަރާލުމަށް ރާވައި، މަސައްކަތްކުރާ ތަނެވެ. ހެންރީ، އެހެން ތަނެއްގައި ކޮމްޕިއުޓަރަކާ އެކު ހުރި ޖޯން ސީނާ ގާތު އެހީއަށް އެދެ އެވެ. ދުއާ ސައިކަލެއްގައި ދުއްވާފައި ދަނިކޮށް ޖޯން، ދުއާގެ ހެދުމުގައި ހިފާފައި ސައިކަލުން އުފުލާލާ ތަންވެސް ފެނެ އެވެ.

ދެން ފެންނަ ސީން އިން ދޭހަވަނީ ބްރީސް އަކީ އެލީ ކޮންވޭ ކިޔާ ސްޕައި ތްރިލާ ވާހަކަ ލިޔުންތެރިއެއް ކަމެވެ.

އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ސްޕައި އާޖީލް (ހެންރީ)ގެ ވާހަކަ ސީރީޒް ލިޔުނު މީހާ އެވެ. އަދި ކުރިން ހިނގި ސީންތަކަކީ އޭނާގެ ވާހަކައެއްގެ ސީންތަކެކެވެ. އެލީ އަކީ ގެއިން ބޭރަށް ވަރަށް ނުދާ މީހެކެވެ. އޭނާ އާއި އޭނާގެ ބުޅާ އަލްފީ ޓްރޭންގައި ދަތުރު ކުރަނިކޮށް އެއިޑަން ކިޔާ ސްޕައި އެއް އޭނާގެ ފުރާނަ ސަލާމަތް ކުރެ އެވެ. އަދި އެލީއަށް ދޭހަވަނީ އޭނާގެ ފޮތްތަކުގެ ޕްލޮޓް ހަގީގީ ސްޕައި މިޝަންތަކާ އެއްގޮތްވުމުން އޭނާއަށް ބޮޑު ނުރައްކަލެއް ކުރިމަތިވާ ކަމެވެ.

މި ފިލްމް ޑައިރެކްޓްކޮށްފައިވަނީ މެތިއު ވޯން އެވެ. މެތިއު ޑައިރެކްޓް ކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ސްޓާޑަސްޓް (2007)"، "ކިކްއޭސް (2010)"، "އެކްސް މެން: ފަސްޓް ކްލާސް (2011)"، "ކިންގްސްމަން" ފިލްމް ސީރީޒް ހިމެނެ އެވެ. އަދި ސްކްރިޕްޓް ލިޔެފައިވަނީ "އައިސް އޭޖް: ކޮންޓިނެންޓަލް ޑްރިފްޓް (2012)"، "ޕާން (2015)" އާއި "ވޮންޑާ ވުމަން (2017)" ގައި ލިޔުނު ޖޭސަން ފުކްސް އެވެ.

މި ފިލްމު ޔުނިވާސަލް މެދުވެރިކޮށް ސިނަމާތަކުގައި އަޅުވާނީ ފެބްރުއަރީ 2، 2024 ގައެވެ. އަދި ފަހުގެ ތާރީހެއްގައި އެޕަލް ޓީވީ އަށް ސްޓްރީމް ކުރަން ފަށާނެ އެވެ.