ފިނިޕޭޖް

ކިއަނަން ޝިޕްކާގެ "ޓޯޓަލީ ކިލާ"ގެ ފޯމިއުލާ ތަފާތު

މާސްކެއް އަޅައިގެން ހުންނަ މީހަކު ފުރާވަރުގެ ކުދިން މަރަމުން ދާއިރު، ލީޑް އަންހެން ކުއްޖާ ސަލާމަތްވާން އެކި ކޮޅަށް ދުވާ ފޯމިއުލާ އަކީ ޒަމާންވީ ފޯމިއުލާ އެކެވެ. "ހެލޮވީން"، "ސްކްރީމް"، "އައި ނޯ ވަޓް ޔޫ ޑިޑް ލާސްޓް ސަމާ" ފަދަ ފިލްމްތަކަކީ މި ފޯމިއުލާގެ މައްޗަށް ކާމިޔާބީ ހޯދާފައިވާ ބައެއް މަޝްހޫރު ފިލްމުތަކެވެ.

އެހެންނަމަވެސް އޮކްޓޯބަރު ހަވަނަ ދުވަހު އެމެޒޯން ޕްރައިމްއަށް ރިލީޒްކުރި ކިއަނަން ޝިޕްކާގެ އާ ފިލްމް، "ޓޯޓަލީ ކިލާ" ގައި މި ފޯމިއުލާގެ އިތުރުން "ޓައިމް ޓްރެވެލް" ކުރުން އިތުރުކޮށްފައިވެ އެވެ.

"ޓޯޓަލީ ކިލާ"ގައި ޖޭމީ (ކިއަނަން)ގެ މަންމަ ޕޭމް (ޖޫލީ ބޮވަން) އަބަދުވެސް އޭނާގެ ރައްކާތެރިކަމާ މެދު އާދަޔާ ހިލާފަށް ސަމާލުކަންދީ، ޖޭމީ ހިފަހައްޓަ އެވެ. ސަބަބަކީ އޭގެ 35 އަހަރު ކުރިން މަންމަގެ ގޭންގުގެ ތިން ރައްޓެހިން މާސްކެއް އަޅައިގެން ހުރި ގާތިލަކު އައިސް މަރާލުމުންނެވެ. އެ ގާތިލު އެ 16 އަހަރުގެ ތިން ކުދިންގެ ގަޔަށް 16 ފަހަރު ވަޅި ހަރާފައިވެ އެވެ.

ހެލޮވީން ދުވަހުގެ ރޭ ޖޭމީގެ އެންމެ ގާތް ރަހްމަތްތެރިޔާ އެމީލިއާއާ އެކު ކޮންސަޓަކަށް ލާދިނުމަށް ޖޭމީގެ ބައްޕަ ބްލޭކް (ލޮކްލީން މަންރޯ) ދާވަގުތު، 35 އަހަރު ކުރިން އެ ކުދިންތައް މަރާލި މީހާ އަޅައިގެން ހުރި ކަމަށް ބުނާ މާސްކް އަޅައިގެން މީހަކު އައިސް ތަޅާފޮޅާ، ޕޭމް މަރާލަ އެވެ.

ނަހްނަޗްކާ ކާން ޑައިރެކްޓްކުރި މި ފިލްމުގައި އުޅޭ އިތުރު ތަރިންގެ ތެރޭގައި ރެންޑަލް ޕާކް، އޮލީވިއާ ކޯލްޓް، ޗާލީ ގިލްސްޕައި، ކިމްބާލީ ހިއު، ކެލްސީ މަވޭމާ އަދި ނެތޭނިއަލް އަޕިއާ ހިމެނެ އެވެ.

މި ފިލްމަށް މައިގަނޑު ގޮތެއްގައި ވަނީ ރަނގަޅު ރިވިއުތަކެއް ލިބިފަ އެވެ. އަދި މިއީ ބަލާލަން ރަނގަޅު ފިލްމެއް ކަމުގައި ބުނެފައިވެ އެވެ. އެގޮތުން ރޮޓަން ޓޮމާޓޯސްގެ ކްރިޓިކްސް ރިވިއުގައި 86 ޕަސަންޓް ލިބިފައިވެ އެވެ.