ފިނިޕޭޖް

ޓޭލާ އާއި ޓްރޭވިސްއަށް ބޮޑު ސަމާލުކަމެއް

ލަވަ ކިޔުންތެރިޔާ ޓޭލާ ސްވިފްޓަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ތަރި އެވެ.

މިކަން ސާބިތުކޮށްދެނީ ޓޭލާގެ ލަވަތަކަށް ލިބޭ އެވޯޑްތަކުގެ އިތުރުން އަލްބަމްތައް ވިކި، ސްޕޮޓިފައި ފަދަ ޕްލެޓްފޯމްތަކުގައި ޓޭލާގެ އަލްބަމް އަދި ލަވަތަކުގެ ސްޓްރީމިން ރިކޯޑްތައް މުގުރަމުން ގެންދާތީ އެވެ.

މީގެ އިތުރުން ޓޭލާގެ އެރާސް ޓުއާގެ ކާމިޔާބީ އާއި އެ ޓުއާގެ ފިލްމު އިއްޔެ ރިލީޒްކުރުމުގެ ކުރިން އެޑްވާންސް ޓިކެޓް ސޭލް 100 މިލިއަން ޑޮލަރަށް އެރުމުންވެސް އެކަން ދޭހަވެ އެވެ.

އެހެންކަމުން މިފަދަ މަގުބޫލު ތަރިއެއްގެ ލޯބީގެ ހަޔާތަށްވެސް މީޑިއާ އާއި ފޭނުންގެ ސަމާލުކަން ވަރަށް ބޮޑުވާނެ އެވެ. އެގޮތުން ދާދި ފަހުން އަޑުއެރީ އެމެރިކަން ފުޓްބޯޅަ ޓީމް -- ކޭންސަސް ސިޓީ ޗީފްސްގެ ޓްރޭވިސް ކެލްސީއާ، ޓޭލާ ލޯބީގެ ގޮތުން ގުޅުނު ހަބަރެވެ. ޓްރޭވިސް އަކީ ވެސް އެމެރިކަން ފުޓްބޯޅައިގައި ވަރަށް މަޝްހޫރު ތަރިއެކެވެ. މިހަބަރުތަކަށް ފަހު ޓޭލާ ޓްރޭވިސްގެ މަންމަ އާއި އެކު މެޗްތަކަށް ގޮސް ސަޕޯޓްކުރާ މަންޒަރު ފެނުންވެސް ވަނީ އާންމުވެފަ އެވެ.

ޓޭލާ އަދި ޓްރޭވިސް އަށް މިދުވަސްވަރު މާބޮޑު ސަމާލުކަމެއް މީޑިއާ އިން ދޭތީ މި ދެ މީހުންވެސް ވަނީ މީޑިއާ އިން އެހާ ބޮޑު ސަމާލުކަމެއް ނުދިނުމަށް އެދިފަ އެވެ.

އާންމު ގޮތެއްގައި މެޗަކަށް ސަޕޯޓްކުރަންދާއިރު ސަޕޯޓްކުރާ ޓީމެއްގެ ޖާޒީ ނުވަތަ ކުލަތަކުގެ ހެދުމެއް ލުމަކީ އާންމު ކަމެކެވެ. އެހެންނަމަވެސް ޓޭލާގެ ފޭނުން މެޗްތަކަށް ދަނީ ޓޭލާގެ ފޭނުންކަން ދޭހަވާ ހެދުމެއް ނޫނީ "ޓޭލާ ސްވިފްޓް ބޯއިފްރެންޑް" ޖަހާފައިވާ ޓީ-ޝާޓް ލައިގެންނެވެ.