ވެރިކަމުގެ ހުވާކުރެއްވުމަށްފަހު މާލެ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ހަމަޖައްސައިދީ ލޯކަލް ކައުންސިލްތަކަށް ލާމަރުކަޒީ ގާނޫނުގައި ބުނާ ހަގީގީ މާނައިގައި ސަރުކާރުން އެއްބާރުލުން ދެމުން ގެންދާނެ ކަމުގައި އިންތިހާބީ ރައީސް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޑރ. މުއިއްޒު މިހެން ވިދާޅުވީ މޭޔަރުގެ މަގާމުގައި ހުންނަވައިގެން މާލެ ސިޓީ ކައުންސިލްގެ ހުރިހާ މުވައްޒަފުންނާ އެކު މިރޭ ބޭއްވެވި ފަހު ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދަރުބާރުގޭގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި މުއިއްޒު ވިދާޅުވީ އެމަނިކުފާނު މާލޭ މޭޔަރު ކަމުގައި ހޭދަކުރެއްވި ދެ އަހަރުގެ ތެރޭގައި މާލޭގައި ކުރަން ބޭނުންވި ގިނަ ކަންކަން ހަގީގަތަކަށް ހެދުމަށް ދިމާވީ އެންމެ ބޮޑު ގޮންޖެހުމަކީ ސަރުކާރުގެ ތެރެއިން ލިބެންޖެހޭ ހުއްދަތައް ނުލިބުމުން ކަމަށެވެ.
"އެކަމާ ގުޅިގެން [ހުއްދަތައް ނުލިބުމުން] ހަގީގަތުގައިވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި. އެ ގޮންޖެހުންތައް ކުރިމަތިނުވިނަމަ މިހާރަށް ވުރެ މާފުރިހަމައަށް މާގިނަ ކަންކަން ކުރެވި ހުންނާނީ ނިމިފައި. "މަގުތައް ހުންނާނީ ހެދިފައި. ޕާކިން ބިލްޑިންތައް އެޅި އެކަމަށް އޮންނާނީ ހައްލު ގެނެވިފައި،" އެމަނިކުފާނު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމަށްފަހު ދެން ފެނިގެންދާނީ ލާމަރުކަޒީ ގާނޫނުގައި ބުނާ ހަގީގީ މާނައިގައި ސަރުކާރުން ކައުންސިލްތަކަށް އެއްބާރުލުން ދީގެން މަސައްކަތް ކުރާ ދުވަސްތަކެއް ކަމަށެވެ. އެގޮތުން ކައުންސިލްތަކުގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ސަރުކާރުގެ ތެރެއިން ހަމަޖައްސާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.
"އެހީތެރިކަން ފޯރު ކޮށްދިނުމަށް މިހުރީ ތައްޔާރަށް. އެކަމުގެ ޔަގީންކަން އަރުވަން،" މުއިއްޒު ވިދާޅުވި އެވެ.
މިބައްދަލުކުރެއްވުމުގައި މުއިއްޒު ވަނީ އޭނާ މޭޔަރު ކަމުގައި ހޭދަކުރެއްވި މުއްދަތުގައި ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް މުވައްޒަފުން ދެއްވި އެހީތެރިކަމާއި އެެއްބާރުލުން ފާހަގަކުރައްވާ މުވައްޒަފުންނަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.
މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނަވައިގެން މާލޭގައި ހުރި ބޮޑެތި މައްސަަލަތައް ހައްލުކުރުމަށް ފަސް އަހަރުގެ ޕްލޭނެއް އެކުލަވާލާ ތަންފީޒުކުރަން މަސައްކަތް ކުރެއްވި ނަމަވެސް މި ޕްލޭންގައި ހިމެނޭ ބޮޑެތި މަސައްކަތްތައް ކުރުމަށް ސަރުކާރުގެ ތެރެއިން ލިބެންޖެހޭ ހުއްދަތައް ނުލިބި މާލެ ސިޓީ ކައުންސިލާއި ސަރުކާރު ވަރަށް ބޮޑު ކޯޅުމަކަށް ދިޔަ މަންޒަރު މިދިޔަ ދެ އަހަރެއްހާ ދުވަހު ފެނިގެންދިޔަ އެވެ.