ދުނިޔެ

ޔަހޫދީ ދައުލަތަށް ހަމްދަރުދީ ވުމެއް ނެތް: ކްރޮއޭޝިއާ

ހަމާސްއިން ޔަހޫދީ އާބާދިތަކަށް އަރައިގަތުމަކީ ޣައްޒާއަށް އެވަރުކުރަން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ކްރޮއޭޝިއާގެ ރައީސް ޒޮރާން މިލަނޮވިޗް ވިދާޅުވެއްޖެ އެވެ.

ޣައްޒާގެ އާންމު ރައްޔިތުންގެ ބޮލަށް ބޮންއެޅުން ހުއްދަކުރެވޭ ވަރުގެ ހުއްޖަތެއް ޔަހޫދީ ދައުލަތަށް ދެއްކެން ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޒޮރާން ވިދާޅުވީ ޔަހޫދީ އާބާދީތަކަށް ހަމާސްގެ ހަނގުރާމަވެރިން އަރައިގަތުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެހެންވެ ހަމާސްގެ ހަމަލާތަކާ ގުޅިގެން ޔަހޫދީންނަށް ފުރަތަމަ ހަމްދަރުދީވެ ވަޑައިގެންނެވި ކަމުގައި ވިދާޅުވި އެވެ. އެކަމަކު އެ ހަމްދަރުދީ ދެމިއޮތީ އެންމެ 15 މިނެޓަށް ކަމުގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔަހޫދީ އަސްކަރިއްޔާ އިން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތައް ދެކެވަޑައިގެންނެވި ކަމަށާއި ޔަހޫދީންނަކީ ކުލުނެއް އޯގާތެރިކަމެއް ނެތް ބައެއްކަން ކަށަވަރުވެ ވަޑައިގެންފި ކަމަށެވެ.

އެއްވެސް ބަޔަކު އެއްވެސް ބަޔަކަށް ދޭ ހަމަލާއަކަށް ތާއީދު ނުކުރައްވާނެ ކަމަށްވެސް ޒޮރާން ވިދާޅުވި އެވެ. އެކަމަކު ޔަހޫދީންނަށް ދިރިތިބުމުގެ ހައްގު އޮންނަން ޖެހޭ ފަދައިން ފަލަސްތީނަށްވެސް އެ ހައްގު އޮންނަންވާނެ ކަމަށް ޒޮރާން ގަބޫލުކުރައްވަ އެވެ.

ޒޮރާން ވިދާޅުވީ ޔަހޫދީ އަސްކަރިއްޔާއިން ޣައްޒާއަށް ދެމުންދާ ހަމަލާތަކަކީ ޔަހޫދީ ނަސްލުގެ ހިމާޔަތުގައި ދޭ ހަމަލާތަކެއް ނޫން ކަމަށެވެ. ޔަހޫދީންގެ ބޭނުމަކީ ފަލަސްތީންގެ ނަސްލު އެކީއެކަށް ނައްތާލުން ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ޔަހޫދީ ދައުލަތުން މިހާރު ރާވާފައި ވަނީ އެއްގަމު މަގުން ޣައްޒާއަށް އަރައިގަތުމަށެވެ. އދ އާއި އަދި މިފަދައިން ގިނަ ބަޔަކު ބައިހަތު ހިފައިގެން ތިބި ޖަމާއަތްތަކުން ޔަހޫދީ ދައުލަތަށް ގޮވާލަނީ އެއްގަމު މަގުން ޣައްޒާއަށް ނޭރުމަށެވެ.

ޔަހޫދީ ސިފައިން ޣައްޒާއަށް އަރައިގަތުމަށް ތައްޔާރުވަމުން އަންނައިރު ޣައްޒާގައި ދިރިއުޅޭ މިލިއަނަކަށް ވުރެ ގިނަ މީހުން އެ ސަރަހައްދު ދޫކޮށް ދިއުމަށް ޔަހޫދީ ދައުލަތުން ވަނީ އިންޒާރު ދީފަ އެވެ.

ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް ވަނީ ޣައްޒާގެ އާބާދީ އެހެން ތަނަކަށް ގެންދިއުމަށް ދެކޮޅު ހައްދަވާފަ އެވެ.

ޣައްޒާގައި ދިރިތިބިހާ ބަޔަކު ކޮންމެވެސް އެހެން ތަނަކަށް ގެންދިއުމަކީ މުސްތަހީލް ކަމެއް ކަމަށް މިސްރާއި ސައުދީ އަރަބިއްޔާ، ކުވޭތު އަދި ގަތަރުން ވެސް ވަނީ ބުނެފަ އެވެ.

އިޒްރޭލުގެ މި އަމުރަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ދެކޮޅު އަދި ލާއިންސާނީ އަމުރެކެވެ.