އާބަންކޯ

ތިންވަނަ ފިޔަވަހީގެ ބިން ހިއްކާ ނިންމަން އަދި ދެ ދުވަސް ނަގާނެ

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ސައިޓް އޭގެ ބިން ހިއްކުމުގެ މަސައްކަތް ހުކުރު ދުވަހު ނިންމާލަން މަސައްކަތް ކުރި ނަމަވެސް އެ މަސައްކަތް ނިންމަން އަދި ދެ ދުވަހެއް ވަރު ނަގާނެ ކަމަށް އާބަންކޯ އިން ބުނެފި އެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. ކުރިން ލަފާކޮށްފައި އޮތީ މިދިޔަ ހުކުރު ދުވަހަށް މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ނަމަވެސް މިއަދު އާބަންކޯ އިން ބުނީ ހިއްކަން ނިންމާފައިވާ ސަރަހައްދުގައި ހުރި ކުންޏާއި ގާކުނޑީގެ ސަބަބުން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ހުރި ކަމަށެވެ. އެހެންވެ އެތަން ސާފުކުރުމަށް އެއް ދުވަސްވަރު ހޭދަވާނެތީ އެ މަސައްކަތް ކުރުމަށްފަހު ސައިޓް އޭގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް އަދި ދެ ދުވަހެއް ވަރު ނަގާނެ ކަމަށެވެ.

ސައިޓް އޭގައި 10 ހެކްޓަރު ސައިޓް ބީގައި 29 ހެކްޓަރު ސައިޓް ސީގައި 24 ހެކްޓަރާ އެކު ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މި މަޝްރޫއަކި މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގަމުންދާ ތަފާތު ތަރައްގީގެ މަޝްރޫއުތަކުގެ ބައެކެވެ. މިމަޝްރޫއަކީ މާލޭގެ ގިނަ ރައްޔިތުން، އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި ގިނަ ބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫއެއް ކަމަށްވެސް އާބަންކޯ އިން ބުނެ އެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ އިތުރުން ކުޑަގިރި، ތިލަފުށި، ގުޅިފަޅު އަދި ދިޔަނެރު ފަޅު ތަރައްގީކުރުމުގެ މަޝްރޫއު ވެސް އާބަންކޯ އިން ދަނީ ކުރަމުންނެވެ.