އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މި ގަރާރު މަޖިލީހަށް ތައާރަފުކުރުމެވެ.
މި ގަރާރުގައި ވަނީ އިޒްރޭލުން ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ދެމުންގެންދާ ނުރައްކާތެރި އުދުވާނީ ހަމަލާތައް ކުށްވެރިކޮށް އެ ހަމަލާތައް ވަގުތުން ހުއްޓުވާލުމަށް ގޮވާލާފަ އެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކޮށް އެ އަނިޔާތައް ހުއްޓާލައި ފަލަސްތީނުގައި އިންސާނީ ހައްގުތައް ކަށަވަރުކޮށް އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންގެ ކިބައިން ފޭރިގެންފައިވާ އެންމެހައި ބިންތަކުން ފައިބާ އަދި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް މި ގަރާރުގައި ވަނީ ގޮވާލާފަ އެވެ.
އިޒްރޭލުން ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ބޮންއަޅާ މުޅި ގައުމު ސުންނާފަތި ކުރުމަށް ފަލަސްތީނަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކަކީ ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނުތަކާއި ހިލާފަށް ހިންގާ ޓެރަރިސްޓް ހަމަލާތަކެއް ކަމަށް ގަބޫލުކުރެވޭ ކަމަށް މި ގަރާރުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން އުދުވާނީ އިޒްރޭލުން ބައިނަލް އަގުވާމީ މުއާހަދާތަކާއި ގާނޫނުތަކުން މަނާކޮށްފައިވާ ބައެއް ހަތިޔާރު ބޭނުންކުރަމުންދާކަން ބައިނަލްއަގުވާމީ މީޑިއާތަކުން ފާހަގަކުރަމުންދާކަން ގަރާރުގައިވެ އެވެ.
އިޒްރޭލުގެ އަނިޔާތަކާއި ދެކޮޅު ހެދުމުގެ ގޮތުން ރާއްޖެއަށް އިޒްރޭލު ރައްޔިތުން އެތެރެވުން މަނާކުރުމާއި އިޒްރޭލުގައި އުފައްދާ އަދި އެގައުމުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް މި ގަރާރުގައި ވަނީ ގޮވާލާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު މަޖިލީހަށް ތައާރަފު ކުރެއްވުމަށްފަހު މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އިޒްރޭލު މައްސަލައިގައި ކުއްލި މައްސަލައެއްވެސް މަޖިލީހަށް ލިބިފައިވާ ކަމަށެވެ.
"އިއްޒަތްތެރި މެންބަރުންގެ މައުޅޫމާތަށްޓަކާ އަޅުގަނޑު ދަންނަވާލަން ބޭނުން މިއަދު ހަމަ މި މައްސަލައިގައި ކުއްލި މައްސަލައެއްވެސް ލިބިފަ އެބަ އޮތް. އެހެން ނަމަވެސް މަޖިލީހުގައި މިހާރު ގަރާރެއްގެ ގޮތުގައި އެޖެންޑާ ކުރެވިފައިވާތީ އަޅުގަނޑުމެން މި ގަސްތުކުރަނީ އަދި މަޖިލިސް ގަވާއިދުވެސް ޖާގަދެނީ ގަރާރައިގެން ކުރިއަށްދާން،" އީވާ ވިދާޅުވި އެވެ.
ފަލަސްތީނުގެ މައްސަލައިގައި ކުއްލި މައްސަލަ ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.
ގަރާރުން ދުރާލާ ނަތީޖާ ނެރެވޭކަން ފާހަގަކުރައްވާ އީވާ ވިދާޅުވި ގޮތުގައި ކުއްލި މައްސަލައަށް ބަހުސް ކުރެވޭނީ އެޖެންޑާގައި އެމައްސަލަ ނުހިމެނޭނަމަ އެވެ.