މޯލްޑިވްސް ޕޮލިސް ސާވިސް

ބްރިޖުގައި ބާރަށް ދުއްވައިގެން އިންޒާރުގެ 120 މެސެޖު

ސިނަމާލެ ބްރިޖްގައި ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތަކާއި ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތަކުގެ ވެރިފަރާތްތަކަށް އެކަން އަންގައި މެސެޖު ފޮނުވަން ފެށީ އިއްޔެ އިން ފެށިގެންނެވެ.

ފުލުހުން މި މެސެޖު ފޮނުވަން ފެށީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. ފުލުހުން އަޅަން ފެށި މި އާ ފިޔަވަޅުގެ ދަށުން އިއްޔެ އެކަނިވެސް 120 ނަސޭހަތުގެ މެސެޖު ފޮނުވި ކަމަށް ފުލުހުން ބުނެ އެވެ. މިއީ އިއްޔެގެ 07:30 އިން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި މެސެޖު ފޮނުވި އަދަދެވެ.

ބްރިޖުގައި ބާރަށް ދުއްވާނަމަ ފޮނުވާ އިންޒާރުގެ މެސެޖު އިބާރާތް ކުރެވިފައި އޮންނާނެ ގޮތްވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.

ބްރިޖްގައި ބާރަށް ދުއްވާ އުޅަނދުތަކާއި ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތައް ދެނެގަނެ، އެ އުޅަނދެއް ދުއްވި ބާރުމިން އެނގޭ ގޮތަށް މެސެޖު ފޮނުވަނީ އެ އުޅަނދެއް ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ ފޯނަށެވެ.

އުޅަނދު ދުއްވި ބާރުމިނާއި ލޭން ބަދަލުކުރިކަން ފުލުހުން ދެނެގަންނަނީ ސިނަމާލެ ބްރިޖުގައި ހަރުކޮށްފައިވާ ސްޕީޑް ބަލާ ކެމަރާތައް މެދުވެރިކޮށެވެ.

"މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގަވައިދުތަކުގައި ކަނޑައަޅާފައިވާ ސްޕީޑަށް ވުރެ ބާރަށް އުޅަނދު ނުދުއްވުމަށް ދަންނަވަމެވެ،" ފުލުހުން މިމައްސަލައިގައި ކުރިން ނެރުނު ބަޔާނެއްގައިވެ އެވެ.

ސިނަމާލެ ބްރިޖުގައި ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތައް ދެނެގަނެ މެސެޖުކުރަން ފަށާފައި މިވަނީ ބްރިޖުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވެ ނުރައްކާވާން ފަށާފައި ވަނިކޮށެވެ.