ދުނިޔެ

ބޯކޯ ހަރާމުގެ 92 ހަނގުރާމަވެރިން މަރާލައިފި

ކެމަރޫން ސަރުކާރުގެ އަސްކަރީ ސިފައިންނާ ނައިޖީރިޔާ އަސްކަރީ ސިފައިން އުފައްދާފައިވާ ޖޮއިންޓް ފައުޖަކުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ބޯކޯ ހަރާމްގެ ހަނގުރާމަވެރިންނަށް ދިން ހަމަލާތަކެއްގައި އެޖަމާއަތުގެ 92 މެމްބަރުން މަރާލައިފި އެވެ. އަދި އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައި ތިބި 850 އާންމު ރައްޔިތުން މިނިވަންކޮށްފި އެވެ.

މިހަމަލާތަކުގައި ކެމަރޫންގައި މައިނެއް ގޮވައި ކެމަރޫންގެ ދެ ސިފައިން މަރުވިއިރު އިތުރު ފަސް ހަނގުރާމަވެރިންވަނީ ޒަހަމްވެފަ އެވެ. މި އޮޕަރޭޝަންގައި ނައިޖީރިޔާ އިން މަރުވި އަދި ޒަހަމްވި ސިފައިންގެ ތަފްސީލް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ބޯކޯ ހަރާމަކީ ހައްދު ފަހަނައަޅާފައިވާ ޖަމާއަތެކެވެ. އިސްލާމީ އުސޫލުތައް ގާއިމްކުރަން ކަމަށްބުނެ ޖާނުން ފިދާވުމުގެ އެތައް ހަމަލާތަކެއްދީފައިވެ އެވެ. ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މި ޖަމާއަތުން ދިން ހަމަލާތަކުގައި ކެމަރޫން، ޗެޑް އަދި ނައިޖީރިޔާއިން ޖުމްލަ ހާހެއްހާ މީހުންވަނީ މަރުވެފަ އެވެ.

މިދިޔަ ޖެނުއަރީ މަހު އެކަނިވެސް އެޖަމާއަތުން ދިން ހަމަލާތަކުގައި ނައިޖީރިޔާގެ 86 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ކެމަރޫންގައި މިމަހުގެ ކުރީކޮޅު ދިން ޖާނުންފިދާ ވުމުގެ ހަމަލާތަކުގައި 12 މީހުން މަރުވެ 50 އެއްހާ މީހުންވަނީ ޒަހަމްވެފަ އެވެ.

ބޯކޯ ހަރާމަކީ ދުނިޔޭގައި އޮތް އެންމެ އަނިޔާވެރި ރަހުމުކުޑަ ޖަމާއަތުގެ ގޮތުގައި އެމެރިކާއިން ސިފަކުރެ އެވެ. ދެހާސްނުވަ ވަނަ އަހަރުން ފެށިގެން މިހާތަނަށް އެޖަމާއަތުން ދިން ހަމަލާތަކުގައި 20،000 މީހުން މަރުވެފައިވާއިރު 2.3 މިލިއަން މީހުންނަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

އެގޮތުން ކުޑަކުދިންނަށާއި އަންހެނުންނަށް ޖިންސީ ގޯނާ ކުރުމާއި، ޅައުމުރުގައި ގަދަ ކަމުން ކައިވެނި ކުރުވުމާއި ވަގަށް ނެގުމުގެ އިތުރުން އެއްވެސް ކުށަކާއި ނުލާ މަރާލާފައިވެ އެވެ. އަދި މީގެއިތުރުން ތައުލީމް ހާސިލް ކުރުމުގެ ހައްގުން އެތައް ކުދިންނެއްވަނީ މަހުރޫމްކޮށްފަ އެވެ.