ފިނިޕޭޖް

ބިޔޯންސޭގެ ރެނޯސަންސް ވޯލްޑް ޓުއާގެ ފިލްމު ނެރެނީ

ބިޔޯންސޭގެ ރެނޯސަންސް ވޯލްޑް ޓުއާ ކޮންސަޓް ފިލްމމު މިއަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރަނީ އެވެ.

މި ފިލްމްގެ ޓްރޭލާ މިހާރު ވަނީ ނެރެފަ އެވެ.

މި ފިލްމުގައި ބިޔޯންސޭގެ ރެނޯސަންސް ޓުއާގެ ފެށުމާއި އެކިއެކި ކޮންސަޓްތަކުގެ ފުޓޭޖް ހިމަނާފައިވެ އެވެ.

ކޮންސަޓްތަކަށް ޕްރެކްޓިސް ކުރާއިރުގެ ފުޓޭޖާއި އެކި ތައްޔާރީތައް ވާއިރުގެ ފުޓޭޖުވެސް މި ފިލްމުގައި ހިމަނާފައިވެ އެވެ. މީގެއިތުރުން، ޓުއާގެ ތެރޭގައި ބިޔޯންސޭ އާއި ތިން ކުދިން ބްލޫ އައިވީ، ސާ އަދި ރޫމީއާ އެކު އުޅޭތަންވެސް ފެންނާނެ އެވެ. ބްލޫ އައިވީ ވަނީ ބިޔޯންސޭގެ ޝޯތަކުގައި ނެށުންތެރިންނާއެކު ޕާފޯމްވެސް ކޮށްފަ އެވެ.

ރެނޯސަންސް ޓުއާ ފަށާފައިވަނީ މިދިޔަ މޭ މަހުގެ 10 ވަނަ ދުވަހު ސްވިޑްންގެ ސްޓޮކްހޯމްއިންނެވެ. އޭގެފަހުން ކާދިފް، އެޑިންބަރާ، ސަންޑާލޭންޑް، ޕެރިސް، ލަންޑަން، މާސޭ، އެމްސްޓަޑަމް، ވާސޯ އާއި އިތުރު ސިޓީތަކުގައި ކުރިއަށް ގެންގޮސްފައިވެ އެވެ. އުތުއެމެރިކާގެ އުތުރުގެ ސިޓީތައް ކަމަށްވާ ފިލަޑެލްފިއާ، ނޭޝްވިލް، ލުއީވިލް، މިނިއެޕޮލިސް، ޝިކާގޯ، ޑީޓްރޮއިޓް، އީސްޓް ރުދާފޯޑް، ބޮސްޓަން، ޕިޓްސްބާގް، ވޮޝިންޓަން ޑީސީ، ޝާލޮޓް ކަހަލަ 25 ސިޓީގައިވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. އެންމެ ފަހު ޝޯ އޮތީ މިދިޔަ ސެޕްޓެމްބަރު 27 ވަނަ ދުވަހު ނިއު އޯލިއަންސް ގައެވެ.

މިދިޔަ ހުކުރު ދުވަހު ޓޭލާ ސްވިފްޓްގެ އެރާސް ކޮންސަޓް ޓުއާގެ ފިލްމް ރިލީޒްކުރިއިރު، މި ފިލްމު ވަނީ އެޑްވާންސް ޓިކެޓް ސޭލްސް އިން އެކަނި 100 މިލިއަން ޑޮލަރަށް ވުރެ ގިނައިން ވިކިފަ އެވެ. ޓޭލާގެ ފިލްމް ޕްރީމިއާގައި ބިޔޯންސޭ ވެސް ބައިވެރިވެފައިވެ އެވެ.