ރައްޔިތުންގެ މަޖިލީހުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 187 މިލިއަން ރުފިޔާގެ ބަޖެޓެއް އެކުލަވާލައިފި އެވެ.
މަޖިލީހުގެ އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އަންނަ އަހަރުގެ ބަޖެޓާ މެދު މަޝްވަރާކުރައްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައިވަނީ 182 މިލިއަން ރުފިޔާ އެވެ.
އާންމު ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން މަޖިލީހުގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަހްމަދު ފާއިޒް މުހައްމަދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓް އިތުރުވީ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބާ އެކު މެންބަރުންގެ އަދަދުވެސް އިތުރުވާތީ ކަމަށެވެ.
އަންނަ އަހަރު އިންތިހާބު ކުރާ 20 ވަނަ މަޖިލީހުގައި ހަ މެންބަރުން އިތުރުވެ އެވެ. އެއާއެކު މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު 93 އަށް އިތުރުވާނެ އެވެ. މަޖިލީހުގައި މިވަގުތު ތިއްބެވީ 87 މެންބަރުންނެވެ.
ފާއިޒު އިތުރަށް ވިދާޅުވީ ދައުލަތުގެ ބަޖެޓުގައި ހިމެނުމަށް މަޖިލީހުގެ ބަޖެޓް އެކުލަވާލައި ފިނޭންސް މިނިސްޓްރީއަށް އާންމު ގޮތެއްގައި ފޮނުވަނީ މަޖިލީހުގެ އާންމު ކޮމިޓީގައި މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ. ނަމަވެސް މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުން ލަސްވުމާއި އަދި ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅަންޖެހޭ މުއްދަތު ގާތްވަމުންދާތީ އާންމު ކޮމިޓީއަށް މިއަދު ހުށަހެޅި މަޖިލީހުގެ ބަޖެޓަކީ ފިނޭންސް މިނިސްޓްރީއަށް ފޮނުވައި އެމިނިސްޓްރީގެ ލަފައާއި އެކު އެކުލަވާލާފައި އޮތް ބަޖެޓެއް ކަމުގައިވެސް ފާއިޒު ވިދާޅުވި އެވެ.