ވީބީ ބްރަދާސްގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝިޔާމު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވައިފި އެވެ.
ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕާއި އާންމުންގެ ތާއީދާ އެކު ހަސަން ވާދަކުރެއްވުމަށް ނިންމަވާފައިވަނީ މާލެ ސިޓީގެ މެދުހެންވޭރު ދާއިރާގެ މެންބަރު ކަމަށެވެ.
ޕީޕީއެމްގެ ސްޓިއަރިން ކޮމިޓީގެ މެދުހެންވޭރު ދާއިރާގެ ރައީސްގެ ގޮތުގައި ހުންނެވި ހަސަންގެ ބެއްލެވުމުގެ ދަށުން ކުރެއްވި މަސައްކަތްތަކާ އެކު ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ދެބުރުގައިވެސް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ އިންތިހާބުގެ ދެބުރުގައި ވެސް މެދުހެންވޭރު ދާއިރާ އިން ބޮޑު އަގުލަބިއްޔަތެއް ހޯއްދަވާފަ އެވެ.
ހަސަން މިރޭ ވިދާޅުވީ އޭނާ އަކީ ރައްޔިތުންގެ އިހްސާސްތައް ދަންނަ ރައްޔިތުންނާ ގާތުން މަސައްކަތްކުރާނެ މީހަކަށް ވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 2019 ވަނަ އަހަރުވެސް ހަސަން ވަނީ މެދުހެންވޭރު ދާއިރާއަށް ވާދަކުރައްވާފަ އެވެ. ހަސަން އަލުން އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވާ އެކަން އިއުލާންކުރެއްވުމާ އެކު ސޯޝަލްމީޑިއާގައި ވަރަށް ގިނަ ބަޔަކު ވަނީ ހަސަންއަށް މަރުހަބާ ކިޔާފަ އެވެ. އަދި ހަސަން އަކީ މެދުހެންވޭރު ދާއިރާއަށް އެންމެ ރަނގަޅު ބޭފުޅާ ކަމަށްވެސް ބައެއް މީހުން ބުނެފައިވެ އެވެ.