( 15 އޮކްޓޯބަރ 2023 އާ ގުޅޭ )
"ލިވީ، ގެއަށް ދިއުމުގެ ކުރިން ސްޓާފް ރޫމަށް އަންނައްޗޭ، އެބައޮތް ހަވާލުކުރަންޖެހޭ ކަރުދާހެއް، ހަނދާންނައްތާ ނުލާ ކޮންމެވެސް އަންނައްޗޭ" އަރަޝް މިހެން ބުނިއިރު އޭނާގެ އަޑުގައި ކުރިން ނުހުންނަ ގޮތެއް ހުރިކަން އަހަންނަށް ފާހަގަކުރެވުނެވެ. ބައެއް ކުދީންނާއެކީ އޭނާ ވެސް ކުލާހުން ނުކުމެގެންދިޔައެވެ. އަހަރެންގެ ގާތުގައި ހުރި ޝިއުނާ އެއްޗެއް ނުބުނިކަމުގައި ވިޔަސް ފާޑަކަށް އޭނާއަށް ބަލާލިތަން ދުށީމެވެ.
"ޓީޗަރެއްކަމަކު އެކަހަލަ މީހުންނަށް ވަރަށް ސަމާލުވާންޖެހޭނެ. ސްޓާފްރޫމް ކައިރި އޮންނާނީ ފަޅަށް. ލިވީ އެކަނި ދާކަށް މަށަކަށް ނުފެނޭ." ޝިއުނާ ނިކަން ސިއްރުސިއްރުން ބުނެލިއެވެ.
"އެކަހަލަ ޑާޓީ ކަމެއް ކޮށްގެން މިހާރު ސިއްރެއްނުވާނެ. ޝިއު ހާސްނުވޭ." އަހަރެން ބުނީމެވެ. ޝިއުނާ ބޭނުންވިޔަސް އޭނާއަށް އަހަރެންނާއެކީ މަޑުކުރާން އުނދަގޫވާނެއެވެ. އޭނާގެ ބައްޕަ ނޫނީ ބޭބެ އަބަދުވެސް ބަލާ އަންނާނެއެވެ. އަނެއްކޮޅުން އަހަރެން ހުރީ އެކުވެރިޔާ ފޮނުވާލާފައި އަވަހަށް އަރަޝްގެ ގާތަށް ދާން ކެތްމަދުވެފައެވެ. ސުކޫލުން ނޫން ގޮތަކަށް އަހަރެންނަށް އަރަޝް ނުފެނެއެވެ. އެހެންވެ ލިބޭ ކުޑަކުޑަ ފުރުޞަތެއް ވެސް އަހަރެންނަށް ވަނީ ރަނުގެ ފުރުޞަތަކަށެވެ.
ލިބިފައިވާ އުފާވެރިކަން އެތެރެއަށް ހިންދައިލައިގެން ހުރެ ސްޓާފްރޫމާ ދިމާއަށް އައީމެވެ. ހިތުގައި އޮތީ އެންމެ އެދުމެކެވެ. އެބުނާ ކަރުދާހަކާ ހަވާލުވުމުގެ ބަހަނާގައި ވިޔަސް އަހަންނަށް މިފިނި ދުވަހު އެކަހެރިކޮށް ތަންކޮޅެއް ގާތުން އަރަޝް ފެނުމުގެ ނަސީބު ލިބުމެވެ. އެ މޫނަށް ތަންކޮޅެއް ގިނައިރު ބަލާލަން ހުންނާނޭ ފުރުޞަތު ލިބުމެވެ.
އެ ދުވަސް ވެގެން ދިޔައީ އަހަރެންގެ ޚިޔާލީ މަންޒަރުތަކުގައި ހަޤީޤީ ކުލަ ޖެހިދާނޭކަމުގެ އުންމީދުގެ ހުޅުކޮޅު އަރަޝް ދިއްލައިލަދިން ދުވަހަކަށެވެ. ހަޔާތަށް އަންނަން އުޅޭ ބަދަލުތަކުގެ ފުރަތަމަ ހަރުފަތަށް އަހަރެންނަށް އެރިއްޖެއެވެ. ސްޓާފްރޫމުން ބޭރުގައި މަޑުކޮށްލައިގެން ހުރި އަރަޝްއަށް އަހަރެން ފެނުމުން ބަލާލާފައި ހިނގައިގަތީ އެތެރެއަށެވެ. ވައަތްފަރާތުން އިންވާ ފާރާ ނިވާވާނޭހެން އޭނާ ހުއްޓިލައިގެން ހުރިއިރު އޭނާގެ ކޮންމެ އަދާއަކަށް އަހަރެންގެ ޅަހިތް އޭރު ވެސް ހުރީ ދީވާނާވެފައި ކަހަލައެވެ. ޖީންސްގެ ދެ ޖީބަށް އަތްކޮށްޕާލައިގެން ފާރުގައި ލެނގިލައިގެން އޭނާ ހުރީ ސީދާ އަހަރެންނަށް ނަޒަރު އަމާޒުކޮށްލައިގެންނެވެ. އެދިމާއަށް މީހަކު އައިސްގެން ނޫނީ އެތާ ބަޔަކު ތިބިކަމެއް ނޭނގޭނެއެވެ. މޮޔައަކު ފަދައިން ރަކި ހިނިތުންވުމެއް ފޮރުވަމުން އަހަރެން އައިސް އަރަޝްގެ ކުރިމަތީ މަޑުކޮށްލީމެވެ.
"ޕޭޕަރު..." ބަހެއް ނުކިޔާ އަރަޝް ބަލަން ހުންނާތީ އަހަރެންނަށް ކެތްނުވެގެން ބުނީމެވެ. އަހަރެންގެ ހަމުގައި ހިރުވުމެއްގެ އަސަރު އުފެދެމުން ދިޔަ ކަހަލައެވެ. އޭނާ އިނގިލިކުރި ޖައްސާނުލި ނަމަވެސް އަރަޝްގެ ނަޒަރު އަހަރެން އަމާޒުވަމުންދިޔަ ގޮތުން އަހަރެންގެ ހަށިގަނޑުގެ އެކި ދިމާގައި ބީހެމުންދާފަދަ ހޫނުކަމެއްގެ އިޙްސާސް މޭގައި ރޯވެފައި ވިއެވެ.
"މިތާ އިނދޭ ދޯ ކަޅުތިލައެއް." އަރަޝްގެ ޝަހާދަތް އިނގިލި އަހަރެންގެ ކަނާއަތުގެ ކޮނޑާދިމާއިން މޭގައި ޖައްސާލަމުން މަޑުމަޑުން ވަށްބުރެއް އަޅާލިއެވެ.
މުޅިގައިން ހީބިހައި ނަގައިގެން ދިޔައީ އަހަރެންގެ އިޚްތިޔާރަކާނުލައެވެ. ނޭވާ ހުއްޓެން އުޅުނުހެން ހީވިއެވެ. ހިންދިރުވާލީމެވެ. ވާހަކަދައްކަން އަރުތެރޭން އަޑެއް ނުނިކުތެވެ. ލަދުން ހުރެ އަރަޝްއާ ހަތަރުކަޅި ހަމަކޮށްލީމެވެ. އޭނާއަށް ޖަވާބުދިނީ ބޯޖަހާލުމަކުންނެވެ. އެ ބުނާ ކަޅުތިލައެއް އަރަޝްއަށް ފެނުނީ ތަމިފައިވާ ޔުނީފޯމް އަހަރެންގެ ގައިގާ ތަތްލާފައި ހުރި ވަގުތެއްގައިކަން ޔަގީނެވެ.
"ވަރަށް ލޯބި." އަހަރެންނަށް ގެއްލިފައި ހުރެ އަރަޝް ބުންޏެވެ. އަހަރެން ހޫން ލައްވާލުމުން އޭނާ އޮޅުވާލާ ކަމަށް ހަދާފައި ކަޅުތިލަ ލޯތްބޭ ބުނެލި ގޮތުން އަހަރެންނަށް ހެވުނެވެ. އެހިނދު އޭނާ ވެސް ހީނލިއެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު އަރަޝް އެހީ ފޯނެއް އޮވޭތޯއެވެ. އަހަރެން އާނއެކޭ ބުނުމުން ނަންބަރު ލިބިދާނެތޯ އެއްސެވެ. އުފަލުން އަހަރެންގެ ހިތް ނަށައިގަތެވެ. އަވަހަށް ދަބަހުގެ ތެރެއިން ފޯނު ނެގީމެވެ. އަހަރެމެން އެކަކުއަނެކަކުގެ ފޯނު ނަންބަރު ސޭވްކުރީމެވެ. އަރަޝް ޖީބުން ނެގި ކަރުދާސްކޮޅެއް އަހަރެންނަށް ދިއްކޮށްލިއެވެ.
"މީ ހަވާލުކޮށްލަން ބޭނުންވި ކަރުދާހަކީ." ސަމާސާގެ ހިނިތުންވުމަކާއެކު އަރަޝް އެއްލޯ މަރާލިއެވެ. ރަކިވެގެން އަހަރެންނަށް ތިރީތުންފަތުގައި ދަތްއަޅާލެވުނެވެ. އަދި އެ ކަރުދާސްކޮޅުގައި އަހަރެން ހިފާލި ހިނދު އަހަރެންގެ އިނގިލިތަކުގެ ކޮޅުގައި އަރަޝް މަޑުމަޑުން ހިފާލާފައި ދޫކޮށްލިއެވެ. ހިނިތުންވުމަކާއެކު އަހަރެން ކައިރީ ދެން ގެއަށް ދާން އަރަޝް ބުނެލިއެވެ.
އަހަންނާ އަރަޝްގެ ދެމެދުގައި މުދައްރިސަކާއި އޭނާގެ ދަރިވަރާއި ދެމެދުގައި އޮވެގެން ނުވާނޭ ފަދަ ގުޅުމެއް އުފަންވެ ކުރިޔަށް ދާންފެށީ ދެނެވެ. ކުރީން އެ އިޙްސާސްތަކާއި ޖަޒުބާތުތައްވީ އަހަރެންގެ ހިތުގައެވެ. އަރަޝް އިސްނުނެގިނަމަ އަހަރެންނަށް އިސްނަގާކަށް ނުކެރުނީހެނެވެ. އަހަރެމެންގެ ގުޅުން ދުނިޔެއަށް އޮތީ ސިއްރުވެފައެވެ. އަހަރެންނަށް އަރަޝް ފާހަގަވީ ފަދައިން އޭނާއަށް ވެސް އަހަރެން މިވަނީ ފާހަގަވެފައެވެ. ދެ ހިތުގައި ވަނީ އެއް އެދުމެއް ކަހަލައެވެ. އޭނާއަކީ އަހަރެންގެ ހިތް ފަތަހަކޮށް މިލްކު ކުރި ރީތި ޒުވާނާއެވެ. އަދި އަހަރެން މިވަނީ އޭނާދެކެ ވެވުނު ލޯބީގައި ދީވާނާވެފައެވެ. ދުވަހެއް ދުވަހަކަށް އަހަރެންގެ ކަރުހިއްކުން ވަނީ އިތުރެވެ. އެ ކަރުހިއްކުމަކީ އާދައިގެން ފެންފޮދަކުން އަލާކެނޑިދާނޭ ފަދަ ކަރުހިއްކުމެއްނޫނެވެ.
* * * * *
ރޭގަނޑު އެގާރަ ޖަހަނީއެވެ. ކޮންމެ ކުއްޖަކަށް ކޮޓަރިއެއް ހުންނާތީ އަހަރެން ބޭނުންވާ މިނިވަންކަން އޮވެއެވެ. ދިހައެއް ނުޖަހަނީސް އަހަރެން ނިދަން ވަދެއްޖައީމެވެ. އެކަމަކު އެއީ މަންމަމެންގެ ލޮލުގައި އެޅުވި އަދުނެކެވެ. އަހަރެން އޮތީ އަރަޝްގެ ކޯލުގައެވެ.
"ލިވީ އަހަރެންދެކެ ވަރަށް ލައިކްވާކަން އެނގޭ. އަހަރެންނަށް ވެސް ވަރަށް ބޮޑަށް ލިވީ ކަމުގޮސްފި... ވަރަށް ބޭނުން މިގުޅުން މިހާރު މިއޮތްވަރަށްވުރެ ގާތްވާން. އެކަމަކު އަދިއެއްނެތް އެހާ އޯޕަންކޮށް ލިވީ ގޮވައިގެން އުޅެވޭކަށް. އަހަރެންނަކީ އަދިވެސް ލިވީގެ ޓީޗަރު. ތީ އަހަރެންގެ ސްޓޫޑެންޓެއް. އަހަރެން ލިވީ ގޮވައިގެން ޑޭޓަކަށް ނުކުންނަތަކުން ސުކޫލުގެ ސްޓާފަކަށް ނޫނީ ލިވީގެ ކްލާސްމޭޓަކަށް ފެނިއްޖެއްޔާ ރަނގަޅެއްނުވާނެ." އަރަޝް ބުންޏެވެ.
"ތިކަން އަންޑަސްޓޭންޑްވޭ. އެހެންވެ ނުބުނަމެންނު މީޓުކުރާކަށް." އަހަރެން ބުނީމެވެ.
"އެކަމަކު މިހެން ފޯނުން ވާހަކަދައްކައިލައިގެން ހިތެއް ނުފުރޭ. އަހަރެންގެ ކައިރީގައި ލިވީ ހުންނާނެނަމައޭ ހިތަށް އަރަނީ. ބޭނުމީ ނިކަން ގާތުން ތި މޫނަށް ބަލާލަން. އަތުގައި ހިފާލަން. ވަކިވުމުގެ ކުރީން ގުޑްނައިޓް ކިސްއެއް ދޭން... ލީވީ ބުނެބަލަ... ބޭނުމެއްނުވޭތަ އަހަރެން ދުށުމަށް. ކުޑަވަގުތުކޮޅަކަށް ވިޔަސް އަހަރެންގެ ކައިރީގައި ހުރެލާކަށް." އަރަޝް ބުންޏެވެ.
އަރަޝް އެރޭ ދެއްކީ އަހަރެންގެ ވެސް ހިތުގެ ހާލު އޮތް ގޮތެވެ. އޭނާ ހާމަކުރި އެ ހަޤީޤަތާއެކު ވަކިން ބޮޑަށް އަހަރެންގެ ހިތާއި ނަފްސު އަރަޝްއަށް ބޭނުންވާންފެށިއެވެ. އަވަސްކަމުގައި ހީވެ ނުބުނަން ބާއްވާފައި އޮތް ލަފުޒުތައް އަހަރެންގެ ދުލުން ބޭރުވިއެވެ. އަރަޝްދެކެ ލޯބިވާކަން އަހަރެން ހާމަކުރީއެވެ. އަހަރެންނަށް އެރޭ ޖަވާބެއް ނުދިނެއްކަމަކު އަރަޝް އަހަރެންނަށް ޖަވާބުދޭނަންކަން ވަޢުދުވިއެވެ.
އޭގެ ދެ ދުވަސް ފަހެވެ. ހުކުރުވިލޭރެއެވެ. އަރަޝް އަހަރެންނަށް ގުޅާގަޑި ޖެހުމާއެކު އަހަރެން އިނީ ފޯނު އަތަށް ލައިގެން ތައްޔާރުވެއެވެ. ނަމަވެސް އެރޭ ފޯނުކޯލުގެ ބަދަލުގައި އައީ މެސެޖެކެވެ. އަރަޝްއާ ބައްދަލުކޮށްލަން ކެރިދާނެތޯ އަހާފައި އޮތެވެ. ސުކޫލުން ދިމާނުވީތީ ވަކިން ބޮޑަށް އަރަޝް ހުރީ އަހަރެން ދުށުމަށް ބޭނުންވެފައިކަން ބުނެފައި އޮތެވެ. އަހަރެންނަށް ވިސްނާލެވުނެވެ. މަންމަމެން އަހަރެންނަށް ކިތަންމެ މިނިވަންކަމެއް ދީފައި އޮތަށް އެގާރައިގެ ފަހުން ބޭރަށްދާން އެއްބަހެއް ނުވާނެއެވެ. މައްސަލައަކީ އަހަރެންނަކީ އަދިވެސް ކިޔަވާކުއްޖަކަށްވީމައެވެ. އަހަރެން ވިސްނަން އިންދާ އަރަޝްގެ ފޯނުކޯލު އައެވެ. އަހަރެން ހެލޯ ބުނުމުން އެކޮޅުން ހެލޯއޭ ބުނުމުގެ ބަދަލުގައި އަރަޝް ވާހަކަދައްކަންފެށީއެވެ.
"ނާދެވޭނެ ދޯ... ލިވީ ޤަބޫލުނޫންކަމެއް ކުރާކަށް ނުބުނާނަން." އަރަޝް ބުންޏެވެ. އެ އަޑުގައި ހުރި ނުތަނަވަސްކަން އަހަރެންގެ ހިތާއި ސިކުނޑިއަށް އުނދަގޫކުރިއެވެ. އަރަޝްގެ ވާހަކަދައްކަން ފެށި ގޮތުން ހީވީ އަހަރެން އޭނާދެކެ ލޯބިވާއިރު ބައްދަލުކޮށްލަން އެދުމުން އެވަރުގެ ކަމެއް ވެސް އަހަރެންނަށް ކޮށް ނުދެވުނޭ އެވެ. އަހަރެން ހާލަތު ބަޔާންކުރީމެވެ. މަންމަމެން މަނާކޮށްފައި އޮތީމާކަން ކިޔާދިނީމެވެ. އެ ނޫން ގޮތެއް ނެތްތޯ އަރަޝް ސުވާލުކުރަން ފެށިއެވެ. ދޮރޯށި ކައިރިޔަށް ވިޔަސް ނުކުމެ ނުލެވޭނެތޯ އަރަޝް އަހަންފެށިއެވެ. ހަމައެކަނި އަހަރެންގެ މޫނު ދައްކާލާފައި އެތެރެއަށް ވަންނަން ވިޔަސް އޭނާއާ ބައްދަލުވެލަން އެދެމުންދިޔައެވެ. އަރަޝްގެ އެ އަދޭސް ބަލައިގަންނަން އަހަރެންގެ ހިތަށް މަޖުބޫރުވީއެވެ. އޭނާދެކެ ވާ ލޯބި އަހަރެން ކަނުމީހަކަށް ހެދީއެވެ. އަހަރެން ވެސް އިނީ އަރަޝް ދުށުމަށް ނުހަނު ބޭނުންވެފައެވެ. ގޭގެ އެންމެން ނިދަންދެން މަޑުކުރާން އަހަރެން އަރަޝް ގާތުގައި ބުނީމެވެ.
އެރޭ އަހަރެންގެ ހަޔާތުން ފުރަތަމަ ފަހަރަށް މައިންބަފައިންނަށް ނޭނގި ވަގަށް ސިއްރުކަމެއް ކުރި ރެޔެވެ. ދަންވަރު އެއްކެއް ޖެހިފަހުން ގޭގެ މައިދޮރުގެ "ޑަބަލް ކީ" ނަގައިގެން އައިސް ދޮރޯށި ހުޅުވައި ބޭރަށް ބޯދިއްކޮށްލީމެވެ. ފަޅުކަން ވެރިވެފައި އޮތް މަގުގައި ދޮރުމައްޗަށް ވާހެން މަޑުކޮށްފައި އޮތް ކާރުގައި ލެނގިލައިގެން އަރަޝް ހުއްޓެވެ. ދޮރޯށި ހުޅުވުނު ހިނދުން އޭނާ ވެސް ބަލާލައިފިއެވެ. އަހަރެން ފެންނަ އިރަށް އޭނާގެ ދަތްތައް ފެންނަހާ ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލައިފިއެވެ. އެ ހިނިތުންވުން އަހަރެންގެ ހުރިހާ ބިރެއް ފައްސާލި ކަހަލައެވެ. ކާރުގެ ދޮރުފަތް ހުޅުވާލައި އަރަޝް އަތުން ހަނާއަޅާލިއެވެ. ކެތްމަދުވެފައި ހުރި މީހަކުހެން އަހަރެން އަވަސް އަވަހަށް ދޮރޯށި ލައްޕާލުމާއެކު ތަޅުލާފައި އައިސް ކާރަށް އަރާ ހަމަޖެހިލީމެވެ.
އަރަޝް އަހަރެން ގޮވައިގެން އައީ އޭނާގެ ގެއަށެވެ. ބުރިބުރިއަށް ނަގާފައި ހުރި އެ ގޭގެ ހަތްވަނަ ފަންގިފިލާގައި ހުރި އެޕާޓްމެންޓް އަރަޝް ހުޅުވިއެވެ. އޭނާގެ ފަހަތުން އަހަރެން ވަނީމެވެ. ތަނަށް ވެރިވެފައި އޮތީ ފަނޑު އަލިކަމެވެ. އަނދިރިކަމުގެ ތެރޭގައި މުޅި ގެ ނިދާފައިވާ ކަހަލައެވެ. ވަށައިގެން ފެންނަނީ ފަޅުކަމެވެ. އަނެއްކާ އަރަޝް އަހަރެން ގެއަށް ވެއްދީ އޭނާގެ ޢާއިލާއަށް ސިއްރުންބާއެވެ. އެ ގޭގެ މީހަކަށް ހޭލެވިގެން އެކަން އެނގިއްޖެއްޔާ ދެންވާނީ ކިހިނެއްބާއެވެ. އަހަރެންގެ ގޮވައިގެން އަރަޝް އައިސް ނިދާ ކޮޓަރިއަށް ވަންނަންދެން ސިކުނޑީގައި އެނބުރެމުންދިޔައީ އެފަދަ ޚިޔާލުތަކެކެވެ.
"ލިވީ." ކޮޓަރީގެ ދޮރު ލައްޕާލާފައި އަރަޝް ގޮވާލީ މަޑުމަޑުންނެވެ. އަހަރެން ސަމާލުކަން އޭނާއަށް ދެވުނެވެ. ވެރިވެފައި އޮތް ފަނޑު އޮރެންޖު އަލިކަމުގައި ކޮޓަރިތެރެ ސާފުކޮށް ފެނެއެވެ. ފައިދަށުގައި އޮތް ކެހެރިބޯ ރަގުގެ މަޑުކަން ފަޔަށް އިޙްސާސް ކުރެވުނެވެ.
"އަރަޝް ފެމެލީއަށް އަހަރެން ވެއްދިކަން އެނގުނީމަ ކަނޑަވާނެއެއްނު." އަހަރެން ބުނީމެވެ.
"އެކަކުވެސް ނާންނާނެ." އަރަޝް ބުނެލިއެވެ. އަހަރެން އިތުރަށް ސުވާލު އުފެދުނީއެވެ.
"އަހަރެންގެ ފެމެލީ އުޅެނީ ސިންގަޕޫރުގައި. ޑޭޑަކީ ހާޓްޕޭޝަންޓެއް. އެހެންވެ އެކޮޅަށް ދިރިއުޅުން ބަދަލުކޮށްލީ. މިގޭ އެހެން ބައިތަކުގައި އެ އުޅެނީ ކުއްޔަށް އުޅޭ މީހުން... އިތުރު ސުވާލެއް." އަހަރެންނަށް އެނގެން ބޭނުންވެފައި ހުރިކަން އަރަޝް ދެނެގަތީއެވެ.
"މިތާތަ އަރަޝް ހުންނަނީ." އަހަރެން އަހާލީމެވެ.
"އާން. މީ އަހަރެންގެ އެޕާޓްމެންޓް. ފެމެލީ މީހަކު މާލެ އަތުވެއްޖެއްޔާ މިބައިގައި އުޅޭނީ. އެކަމަކު ޔޫ ޑޯންޓް ވޮރީ. މިވަގުތު އަހަރެން އެކަނި މިތާ އުޅެނީ. އެއްވެސް މީހަކަށް ފެނިދާނެތީ ލިވީ ހާސްނުވޭ." އަރަޝް ބުންޏެވެ.
"ކޮޅަށްތަ ހުންނަނީ. އާދެބަލަ." އެނދުގައި އިށީނުމާއެކު އަރަޝް އަހަރެންނަށް ގޮވާލައިފައި ބުނެލިއެވެ. ހަދަންވީގޮތެއް ނޭނގި އަހަރެން ހުރީ ފިނިވެފައެވެ. އެ ބޮޑު އެނދުގެ އަރިމަތީ އިށީނދެލައިގެން އިން އަރަޝްގެ ގާތަށް ޖެހިލީ ހިނދު އޭނާ އަހަރެންގެ އަތުގައި ހިފައި ދަމާލުމާއެކު އޭނާގެ އުނގުގައި ބައިންދައިފިއެވެ. އަހަރެން ތެދުވަލަން އުޅުމުން ވެސް އުނަގަނޑުގައި ދެ އަތް ވަށާލި ގޮތަށް ހައްތަހާ އަރަޝްއާ ގާތްކޮށްލީއެވެ.
"ވަރަށް އުފާވެއްޖެ. ލިވީ އުފާވޭތަ؟." އަރަޝް އަހާލިއެވެ. އަހަރެން އާނއެކޭ ބުނަން ބޯޖަހާލީމެވެ.
"ލޯބިން ސަމާސާއެއް ކޮށްލިޔަސް އެންމެ ރަނގަޅުތަ. ރުޅި ނާންނައްޗޭ. ލިވީ ޤަބޫލިއްޔާ އިނގޭ." އަރަޝްގެ ނޭވާ އިޙްސާސްވާހާ މޫނު ކައިރިކޮށްލުމާއެކު ސިއްރުން ވާހަކަދެއްކިއެވެ. އޭނާގެ އެ އިޝާރާތް އަހަރެންނަށް ދޭހައެއްނުވިއެވެ.
"ޕްލީޒް... ސޭ ސަމްތިންގް." ސިއްރުސިއްރުން އަރަޝް ބުނެލިއެވެ. އަހަރެންގެ ހިތް އަވަސްވެފައިވާއިރު މޭގައި އެ ހިތް ނެގިނެގިފައި ޖެހޭއަޑު އަރަޝްއަށް އިވޭނެއޭ ހީކުރީމެވެ. ޖެހިލުންވަނީ ކީއްވެކަމެއް ބުނާން އަހަރެންނަކަށް ނޭނގެއެވެ. ނަމަވެސް ހިތް ގޮވަމުންދިޔައީ ސަމާސާގެ އަޖުމަ ބަލައިލުމަށެވެ. އަހަރެން ގަޔާނުވާނެ ކަމެއް ސަމާސާއަށް ވިޔަސް އަރަޝް ކުރާނެއެކޭ ހިތެއް ނުބުނެއެވެ. އަހަރެން އާނއެކޭ ބުނާން ބޯޖަހާލީމެވެ.
"ޓެލް މީ އިފް ޔޫ ލައިކް އިޓް." ކަންފަތްދޮށުގައި ސިއްރުން ބުނެލާފައި އަހަރެންގެ ކޯތާފަތުގައި ހިފަހައްޓާލިއެވެ.
(ނުނިމޭ)