ފިނިޕޭޖް

މެރެން މޮރިސް ވަރިވާން އެދިއްޖެ

ލަވަކިޔުންތެރިން ކަމަށްވާ މެރެން މޮރިސް، 33، އާއި ރަޔާން ހަޑް، 36، ކައިވެނި ރޫޅާލާން ތައްޔާރުވަނީ އެވެ.

ޕީޕަލްއިން ބުނި ގޮތުގައި ވަރިވާން އެދުނީ މެރެން އެވެ.

ޓެނެސީގެ ނޭޝްވިލް ސާކިޓް ކޯޓްގައި މިމަހުގެ ދެވަނަ ދުވަހު ފައިލްކުރި ވަރީގެ މައްސަލައިގެ ލިޔެކިޔުންތަކުގައި ބަޔާންކުރާ ގޮތުގައި މެރެން ވަރިވާން އެދޭ ސަބަބަކީ "ގުޅުން ރަނގަޅު ނުކުރެވޭވަރަށް ދެބަސްވުންތަކެއް" ހުރުމެވެ. ވަރިވާން އެދުނު ދުވަހުން ފެށިގެން ދެމީހުން ވަކިވެފައިވާ ކަމަށްވެސް ލިޔެކިޔުންތަކުން އެނގެ އެވެ.

މި ދެމަފިރިންގެ ފަސް އަހަރުގެ ކައިވެންޏަށް ތިން އަހަރާއި ހަމަހުގެ ހޭޒް އެންޑްރޫސް ލިބިފައިވެ އެވެ.

ޑޭވިޑްސަން ކައުންޓީގައި ވަރިވާން އެދޭ ފަރާތްތަކުގެ ދަރިން ތިބޭނަމަ ވަރިވާން އެދޭ ދުވަހުން ފެށިގެން 60 ދުވަސް ތެރޭގައި އެ ފަރާތްތަކުން "ޕޭރަންޓިން ސެމިނާ" އެއް ފުރިހަމަ ކުރަންޖެހެ އެވެ. ލިޔެކިޔުންތަކުން ދައްކާ ގޮތުގައި މެރެން ވަނީ އޮކްޓޯބަރު 14 ގައި ހަތަރު ގަޑިއިރުގެ ޕޭރަންޓިން ސެމިނާ ފުރިހަމަކޮށްފަ އެވެ. މިކަމާ ބެހޭގޮތުން ރަޔާންގެ ބަހެއް ލިބިފައެއް ނުވެ އެވެ.

މީގެ ތިން ވަރަކަށް ހަފްތާ ކުރިން މެރެން ކަންޓްރީ މިއުޒިކް ދޫކޮށްލާ ކަމަށް އިއުލާންކުރި އެވެ.

މެރެން އަކީ އެކި ކަންކަމާ ވަރަށް ބޮޑަށް އަޑު އުފުލާ ލަވަކިޔުންތެރިއެކެވެ. ރަޔާން ވަނީ އޭނާގެ އިންސްތަގްރާމްގައި މެރެން އަށް ތައުރީފްކޮށް ވާހަކަވެސް ދައްކާފަ އެވެ.

މެރެން އާއި ރަޔާން 2013 ގައި ފުރަތަމަ ދިމާވިނަމަވެސް ޑޭޓްކުރަން ފެށީ ޑިސެމްބަރު 2015 ގައެވެ. 2016 ގައި އެންގޭޖްވުމަށްފަހު ކައިވެނިކުރީ މާޗް 2018 ގައެވެ. 2020 ގައި ހޭޒް ލިބުމަށްފަހު އެސްކުއަޔާއަށް ދިން އިންޓަވިއުއެއްގައި މެރެން ބުނީ ކައިވެނިކުރުމަށްފަހު ދިގުދެމިގެންދާ އިންޓަނޭޝަނަލް ޓުއާއަކަށް ދިއުމުން ދެމީހުންގެ ގުޅުމަށް ވަރަށް ބޮޑަށް އަސަރުކުރި ކަމަށެވެ. އެކަމަކު ތެރަޕީއަށް ދިއުމުން ދެމީހުންގެ ގުޅުން ރަނގަޅުވި ކަމަށެވެ.

2021 ގައި ދެމަފިރިންގެ ޑުއެޓް "ޗޭސިން އާފްޓާ ޔޫ" ކާމިޔާބުވެ، އެ ޑުއެޓަށް ގްރެމީ ނޮމިނޭޝަނެއްވެސް ލިބިފައިވެ އެވެ. 2022 ގައި ދެމަފިރިން ވަނީ ވަކިން ޓުއާތަކަށް ގޮސްފަ އެވެ. މެރެން ޓުއާ ކުރީ ހޭޒްއާ އެކުގައެވެ. ރަޔާން އަކީ ޓިމް މެގްގޯ، ބްލޭކް ޝެލްޓަން އާއި ލޫކް ބްރާޔަން ފަދަ މަޝްހޫރު ކަންޓްރީ ލަވަކިއުންތެރިންނަށް ލަވަ ލިޔެދީފައިވާ މިއުޒިޝަނެކެވެ.