ސީރިޔާގައި މިހާރު ކުރަމުންދާ ދާހިލީ ހަނގުރާމަ ވަގުތީ ގޮތުން މެދު ކަނޑާލަން ނިންމައިފި އެވެ. އެގައުމުގެ ރައީސް ބައްޝާރުލް އަސަދު ވަނީ ހަނގުރާމަ ހުއްޓާލަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ބައްޝާރު ވަނީ ސީރިޔާގައި ހާލުގައިޖެހިފައިވާ މީހުންތި ބި ސަރަހައްދުތަކަށް ކާބޯތަކެއްޗާއި ބޭހުގެ ޝިޕްމަންޓްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ދޭން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.
ބައްޝާރު އިތުރަށް ވިދާޅުވީ ހަނގުރާމަ މެދު ކަނޑާލެވޭނީ އޭގެ ބޭނުން ނާޖާއިޒް ފައިދާ އައިއެސް އަދި ޖަބްހަތުއް ނުސްރާ ފަދަ ޓެރަރިސްޓު ޖަމާއަތްތަކުން ނުނަގާނެ ކަމުގެ ޔަގީންކަން ލިބުމުންނެވެ.
ހަބަރުތައް ބުނާ ގޮތުގައި ބައްޝާރު ބޭނުންވާ ގެރެންޓީތައް ލިބިއްޖެނަމަ ސީރިޔާ ސިފައިންގެ އަތްދަށުގައިވާ އިދިކޮޅު ޖަމާއަތްތަކުގެ ހަނގުރާމަވެރިން މިނިވަންކުރަން ބައްޝާރު ހުންނެވީ ތައްޔާރަށެވެ.
ހަނގުރާމަ މެދު ކަނޑާލަން ތައްޔާރަށް ހުންނެވި ކަމަށް ބައްޝާރު ވިދާޅުވީ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމަށް އިދިކޮޅު ޖަމާއަތްތައް ތައްޔާރަށް ތިބިކަން އިދިކޮޅު ޖަމާއަތްތަކުން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.
އެ ޖަމާއަތްތަކުން ބުނީ އެމެރިކާއާއި ރަޝިޔާގެ ބެލުމުގެ ދަށުން އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައިވާ ސަރަހައްދުތަކާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް ނައްތާލުމަށާއި ސީރިޔާ ސިފައިންގެ ބެލުމުގެ ދަށުގައިވާ އެ ޖަމާއަތްތަކުގެ ހަނގުރާމަވެރިން މިނިވަންކުރާ ނަމަ ހަނގުރާމަ މެދުކަނޑާލަން ތައްޔާރު ކަމަށެވެ. އަދި ހާލުގައިޖެހިފައިވާ މީހުން ތިބި ސަރަހައްދުތަކަށް ކާބޯތަކެއްޗާއި ބޭހުގެ ޝިޕްމަންޓްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމަށް ސީރިޔާ ސަރުކާރުން އެއްބަސްވާނަމަ ވެސް ހަނގުރާމަ މެދުކަނޑާލާނެ ކަމަށް އެ ޖަމިއްޔާތަކުން ވަނީ ބުނެފަ އެވެ.
ހަނގުރާމަ މެދު ކަނޑާލަން އިއުލާނުކޮށްފައި މިވަނީ ސީރިޔާ ސިފައިން ބޮޑެތި ކާމިޔާބީ ތަކެއް ހޯދަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެ އެވެ.