ދައުލަތުން ދައްކަންޖެހޭ ފައިސާ ނުދެއްކުމުން ދައުލަތްވެސް ޖޫރިމަނާ ކުރެވޭ ގޮތް ގާނޫނަކުން ލާޒިމުކުރަންޖެހޭ ކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު މިއަދު ވިދާޅުވެއްޖެ އެވެ.
ފެނަކައިން ކުދި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސް ކުރުމަށް ގޮވާލާ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އާމިރު ވިދާޅުވީ ދައުލަތުގެ މަސައްކަތެއް ކުރުމަށްފަހު ހުށަހަޅާ ބިލަށް ފައިސާ ނުދައްކާނަމަ ދައުލަތްވެސް ޖޫރިމަނާކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ގާނޫނަކުން މިއަދު ލާޒިމުކުރަންޖެހޭ ދައުލަތުން ދޭންޖެހޭ ފައިސާ ނުދިނީމާ ދައުލަތްވެސް ޖޫރިމަނާ ކުރެވެންޖެހޭނެ ކަމަށް." އާމިރު ވިދާޅުވި އެވެ.
އާންމުން ބިލު ނުދެއްކުމުން އަސާސީ ހިދުމަތްތައްވެސް ކަނޑާލާކަން ފާހަގަކޮށް އާމިރު ވިދާޅުވީ ހިދުމަތް އަލުން ލިބެނީ ޖޫރިމަނާ ދެއްކުމުން ކަމަށެވެ.
އާމިރު ވަނީ ފެނަކައިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިސާ ނުދެއްކުމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެކަމުން ވިޔަފާރިތައް ބަނގުރޫޓުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
"ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ފެނަކައިން މަސައްކަތްކޮށް އެ ލިބެންޖެހޭ ލާރިކޮޅު ނުލިބުމުގެ ސަބަބުން ބަނގުރޫޓުވެފައިވާ އެތައް ބަޔަކު އެބަތިބި،" އާމިރު ވިދާޅުވި އެވެ.
ފެނަކައަކީ އަސާސީ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްކަން ފާހަގަކޮށް އާމިރު ވިދާޅުވީ ފެނަކަ ކޮޅަށް ޖަހަންޖެހޭ ކަމަށެވެ. އަދި ލޯނު ނަގައިގެން ނަމަވެސް ފެނަކައިން ދޭން ހުރި ފައިސާތައް ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.