ޑރ. ފަޒީލް ނަޖީބް

ޑރ. ފަޒީލް ނަޖީބް މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ކުރީގެ ގަވަނަރު ޑރ. ފަޒީލް ނަޖީބް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހްގެ އެއްބަނޑު އެއްބަފާ ކޮއްކޮ -- ފަޒީލް ކުރިމަތިލެއްވުމަށް ނިންމަވާފައިވަނީ އޭނާގެ އުފަން ރަށް -- ފުވައްމުލަކުގެ ދެކުނު ދާއިރާ އަށެވެ.

ފަޒީލް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ޕީޕީއެމް ޕީއެންސީގެ ޓިކެޓް ދޭނެ ފަރާތެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށެވެ.

ފަޒީލް މިއަދު އަވަސްއަށް ވިދާޅުވި ގޮތުގައި އޭނާ މަޖިލިސް އަށް ކުރިމަތިލައްވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުތައް ތަންފީޒުކުރުމުގައި އެހީތެރިވުމަށާއި ފުވައްމުލަކަށް ހިދުމަތް ކުރެއްވުމަށް ކަމަށެވެ.

"ރައްޔިތުންނަށް ހިދުމަތްކުރުން އެއީ އަޅުގަނޑު މިކަމުގައި ނިކުންނަވާ މައިގަނޑު ސަބަބު،" ފަޒީލް ވިދާޅުވި އެވެ.

ޑރ. ފަޒީލް ނަޖީބް ގަވަރުނަރަކަށް ހުންނެވީ އޮކްޓޯބަރު 2008 އިން ޑިސެމްބަރު 2013 އަށެވެ. ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑރ. ފަޒީލް ނަޖީބް ވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފަ އެވެ.

ކުރިން ނޫސްވެރިކަމުގައިވެސް ބައެއް މަސައްކަތްތައް ކުރައްވާފައިވާ ފަޒީލް ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1987 ވަނަ އަހަރު ޓްރޭޑް މިނިސްޓްރީގައެވެ. ޑރ. ފަޒީލް ވަނީ ޓްރޭޑް މިނިސްޓްރީގެ އެކި ފެންވަރުގެ މަގާމުތައް ފުރުއްވާފަ އެވެ. އެގޮތުން ބޭރުގެ ވިޔަފާރިވެރިންގެ ކަންކަން ބެލެހެއްޓެމާއި އެ މިނިސްޓްރީގެ އިންވެސްޓްމަންޓާއި އިންޓަނޭޝަނަލް ކޯޕަރޭޝަން ބައިގައި ވަރަށް ގިނަ ދުވަހު ފަޒީލް މަސައްކަތް ކުރައްވާފައިވެ އެވެ.

ފަޒީލް އިނގިރޭސިވިލާތުގައި ޕީއެޗްޑީ ހާސިލްކުރައްވާފައިވަނީ ކޮމާޝަލް ލޯ އިންނެވެ.