ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ޕީއެންސީ ޕްރައިމަރީން ފުރުސަތު ނުދިން މައްސަލަ ހޫނުވެއްޖެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ބޭފުޅުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ބައެއް ކެންޑިޑޭޓުންނަށް ފުރުސަތު ނުދޭން ނިންމި މައްސަލަ ހޫނުވެއްޖެ އެވެ.

ޕާޓީ އެތެރޭގައި ފިތުނަ އުފެދޭ ގޮތަށް މަސައްކަތްކޮށްފައިވާތީ އާއި ޕާޓީއަށް އެކަށީގެންވާ ހިދުމަތް ކޮށްދީފައިނުވާ ކަމަށް ބުނެ ބައެއް ކެންޑިޑޭޓުންނަށް ޕްރައިމަރީން ފުރުސަތު ދެވެން ނެތް ކަމަށް ވަނީ އަންގާފަ އެވެ.

މި ގޮތަށް ނިންމިކަން އަންގާފައިވަނީ ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲ ސޮއިކުރައްވާ ފޮނުއްވެވި ސިޓީއެއްގަ އެވެ.

މަޖިލިސް ޕްރައިމަރީން ބައެއް ކެންޑިޑޭޓުންނަށް ފުރުސަތު ނުދޭން ނިންމުމުން ޕީއެންސީ އޮފީހަށް ރޭ ބަޔަކު ވަދެ ވަނީ ނުހުރުން ފާޅުކޮށްފަ އެވެ.

މަޖިލިސް ޕްރައިމަރީން ފުރުސަތު ނުދޭން ނިންމީ ކިތައް ކެންޑިޑޭޓުންނަށް ކަމެއް އަދި ސާފެއް ނުވެ އެވެ.

ޕްރައިމަރީން ބައެއް ކެންޑިޑޭޓުންނަށް ފުރުސަތު ނުދޭން ނިންމިއިރު އެ ކޯލިޝަންގައި މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.