ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އިން ރީސައިކަލްކޮށްފައިވާ މެޓީރިއަލްގައި ޕްރިންޓްކޮށް އައު ކާޑު ޑިޒައިންތަކެއް ތައާރަފްކޮށްފި

ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ އަދި ރީސައިކަލް ކޮށްފައިވާ މެޓީރިއަލްގައި ޕްރިންޓްކޮށްފައިވާ އައު ކާޑު ރޭންޖެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކޮށްފި އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ރީތިކަން މި ކާޑުތަކުގެ ޒަރިއްޔާއިން ދައްކުވައިދިނުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި މިކަމަކީ އަންނަން އޮތް ޖީލުތަކަށް ރާއްޖޭގެ ރީތި އެކަމަކު ނާޒުކު ވެށި ހިމާޔަތް ކުރުމަށް ކަސްޓަމަރުން މެދުގައި ޒިންމާދާރުކަމުގެ އިހްސާސް އުފެއްދުމަށް ބޭންކަށް ލިބޭ ފުރުސަތެއް ކަމުގައިވެސް ވިދާޅުވި އެވެ.

"އަލަށް ތައާރަފްކުރި ކާޑުތައް އުފައްދާފައިވަނީ ރީސައިކަލް ޕްލާސްޓިކްގައި. މިއީ ވިޔަފާރީގައި ދެމެހެއްޓެނެވި ގޮތެއްގައި ކަންކަން ކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް. އަޅުގަނޑުމެންގެ ކާޑުތަކަކީ ހަމައެކަނި ބަލާލަން ރީތިކާޑުތަކެއް ނޫން. މިއީ ދުނިޔޭގެ ތިމާވެއްޓަށް ރައްކާތެރި ކާޑުތަކެއްވެސްމެ" ކާލް ވިދާޅުވި އެވެ.

އަލަށް ތައާރަފްކުރި ކާޑުތަކުގައި ބޭނުންކޮށްފައިވާ ރާއްޖޭގެ ފޮޓޯގްރާފަރުން ނަގާފައިވާ ފޮޓޯތަކުން ދައްކުވައިދެނީ ރާއްޖޭގެ ރަށްތަކުން ފާހަގަކުރެވޭ ރެދަން އަދި މުރަކައިގެ ތަފާތު ރީތި މަންޒަރުތަކެވެ.

ބީއެމްއެލްގެ އާ ޑިޒައިންތަކަކީ ބޭންކުގެ ވިސާ އަދި މާސްޓަކާޑުގެ ޑެބިޓް އަދި ކްރެޑިޓް ކާޑަށް ތައާރަފްކުރި ޑިޒައިންތަކެކެވެ.

ބީއެމްއެލް ވިސާ ކްރެޑިޓް ގޯލްޑް ކާޑާއެކު އަލަށް ތައާރަފްކުރި ކާޑުތައް މިއަދުން ފެށިގެން ދޫކުރާނެ ކަމަށްވެސް ބީއެމްއެލް އިން ބުނެ އެވެ.