އަބްދުއްރަހީމް އަބްދުﷲ

އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތް މާދަމާ ނިންމަނީ

ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށްޓަކައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އެކުލަވާލައްވާފައިވާ އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތް މާދަމާ ނިޔަލަށް ނިންމާލުމަށް އަމާޒު ކަނޑައަޅައިފި އެވެ.

އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތް މިމަހުގެ އަށްވަނަ ދުވަހު ފެށީ މިމަހުގެ 15 ދުވަހު އެ މަސައްކަތް ނިންމުމަށް އަމާޒެއް ކަނޑައަޅައިގެންނެވެ.

ޑިރެކްޓާ އޮފް ޓްރާންޒިޝަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކޮމިޓީތަކުގެ މަސައްކަތް ކަނޑައެޅި އަމާޒަށް ނިންމާލެވިފައި ނުވި ނަމަވެސް މިހާރު މަސައްކަތްތައް ކުރިއަށްދާ ގޮތަށް ބަލާއިރު މާދަމާ ކޮމިޓީތަކުގެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ކޮމިޓީތަކުގެ މަސައްކަތްތައް ކަނޑައެޅި އަމާޒަށް ނިންމާ ނުލެވުނީ ސަރުކާރުގެ ބައެއް އިދާރާތަކުން ލިބެންޖެހޭ އެއްބާރުލުން ނުލިބުމުންނެވެ. އެކަމަކު އެއްވެސް ތަނެއްގެ ނަން ހާމަކުރައްވާފައެއް ނުވެ އެވެ.

"ހިތާމައާއެކީ ފާހަގަކޮށްލަަން ޖެހޭ ބައެއް އިދާރާތަކުން އެކަށީގެންވާ ގޮތުގައި އެއްބާރުލުމެއް ނުލިބޭ. އަދި ހޯދަން އެދޭ މައުލޫމާތު ފޯރުކޮށް ދިނުމުގައިވެސް ލަސް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ސަރުކާރުގެ ގިނަ އިދާރާތަކުން އެއްބާރުލުން ދިންކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ކޮމިޓީތަކަށް ލިބުނު މައުލޫމާތުތަކުގެ މައްޗަށް ބަލައި ހާއްސަ ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

"މިރިޕޯޓްގައި ދައުލަތުގެ ހާލަތު އޮތް ގޮތް އަޅުގަނޑުމެން ބަޔާންކުރާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އިންތިގާލީ ކޮމިޓީތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ވަރަށް ބުރަކޮށް ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.