އިޒުރޭލާއި ފަލަސްތީނުގެ އަރައިރުން

ކުއްލި އެހީގެ ގޮތުގައި ޣާޒާގެ ރައްޔިތުންނަށް އެއްލައްކަ ޑޮލަރު ބަހައިފި

ފަލަސްތީންގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ އާއިލާތަކުން ޒަރޫރީ ބޭނުންތައް ހަމަޖެއްސުމަށްޓަކައި އަވަސް އެހީގެ ގޮތުގައި އެއްލައްކަ އެމެރިކާ ޑޮލަރު ބަހައިފި އެވެ.

މިއެހީ ބަހާފައިވަނީ ހާލުގައި ޖެހިފައިވާ މުސްލިމުން އެހީވުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ހަރަކާތްތެރިވަމުންދާ ރާއްޖޭގެ ޖަމިއްޔާ -- އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިންނެވެ.

އައިއޭސީ އިން މިއަދު ބުނީ ފަލަސްތީންގެ ވަރަށް ގިނަ އާއިލާތަކުގެ އެދުމުގެ މަތިން އެހީ ބޭނުންވާ ބައެއް އާއިލާތަކަށް ފައިސާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ.

އައިއޭސީ އިން ބުނީ ފައިސާ ބަހާފައިވާ ސަރަހައްދު ތަކަކީ މާރުކޭޓާއި، ފިހާރަތަށް އަދިވެސް ހުޅުވި ހިންގަމުންދާ ސަރަހައްދެއް ކަމަށެވެ.

އައިއޭސީގެ އެހީގެ ގޮތުގައި 200 އާއިލާއަކަށް 500 އެމެރިކާ ޑޮލަރުގެ މަގުން ނަގުދު ފައިސާގެ ގޮތުގައި ޖުމްލަ އެއްލައްކަ ޑޮލަރު ބަހާފައިވެ އެވެ.

"ޝަހީދުވި ބައެއް ބޭފުޅުންގެ އާއިލާތަކާއި އެކީއެކަށް ގެ ހަލާކުވި ފަރާތްތަށް މީގެ ތެރޭގައި ހިމެނޭ. އަޅުގަނޑުމެންގެ ހެޔޮ ދުއާ އާއި އެހީ ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ދެމި ތިއްބަވާ،" އައިއޭސީ އިން ބުނެފައިވެ އެވެ.

އިޒްރޭލާއި ފަލަސްތީންގެ ހަމާސް ޖަމާއަތާ ދެމެދު ކުރިއަށްދާ ހަމަލާތައް މިމަހުގެ ހަތްވަނަ ދުވަހު ފެށުނު ފަހުން ރެއާ ހަމައަށް އިޒްރޭލުގެ ސިފައިން ވަނީ ފަލަސްތީންގެ 3،478 މީހަކު ޝަހީދުކޮށްލާފަ އެވެ. އަދި އާންމުންގެ 12،500 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެ އެވެ.