އިސްލާމިކް މިނިސްޓްރީ

ފަލަސްތީނަށް ނަސްރު އެދި ފަސް ނަމާދުގައިވެސް ދުއާކުރަން އަންގައިފި

ފަލަސްތީނުގެ މުސްލިމު އަޚުންނާ އުޚްތުންނަށް ނަސްރު ދެއްވުން އެދި ފަރުޟު ފަސް ނަމާދުގެ ވަގުތުގައި ގުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިމަހުގެ 11 ވަނަ ދުވަހު ނެރުނު ސާކިއުލާއެއްގައި ކުރިން އަންގާފައި އޮތީ ގުނޫތު ނާޒިލާ ކިޔާނީ އަޑު ހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުއަތުގައި އިއުތިދާލުގައި އެކަނި ކަމަށެވެ. ކިޔަންވީ ޤުނޫތު ނާޒިލާވެސް ސާކިއުލާގައި ހިމަނާފައިވެ އެވެ.

ނަމަވެސް އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި އަންގާފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު ފަރުޟު ފަސް ނަމާދު ފަހު ރަކުއަތުގައި އިއުތިދާލުގައި ގުނޫތު ނާޒިލާ ކިޔުމަށެވެ. އަދި އިސްލާމިކް މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން އެގޮތަށް އަމަލުކުރުމަށްވެސް އެދިފައިވެ އެވެ.

ކިޔަންވީ ޤުނޫތު ނާޒިލާވެސް އިސްލާމިކް މިނިސްޓްރީގެ ސާކިއުލާގައި ހިމަނާފައިވެ އެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން މިދިޔަ ހޮނިހިރު ދުވަހު އިޒުރޭލަށް ދޭން ފެށި ކުއްލި ހަމަލާތަކުގައި އެ ދުވަހު އެކަނިވެސް 5،000 ރޮކެޓް ހަމަލާ އިޒްރޭލަށް ދީފައިވެ އެވެ. ހަމަލާތައް މިހާރުވެސް ކުރިއަށްދާއިރު ހާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ.