އިސްލާމިކް މިނިސްޓްރީ

ފަލަސްތީނަށް ނަސްރު އެދި ހުރިހާ މިސްކިތެއްގައި ދުއާކުރަން އަންގައިފި

ފަލަސްތީނުގެ މުސްލިމު އަޚުންނާ އުޚްތުންނަށް ނަސްރު ދެއްވުން އެދި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޤުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ އިޒްރޭލުގެ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ކުރިމަތިވަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށްދެއްވައި އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން އެދި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤުނޫތު ނާޒިލާ ކިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޤުނޫތު ނާޒިލާ ކިޔާނީ އަޑު ހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުއަތުގައި އިއުތިދާލުގައި ކަމަށްވެސް ސާކިއުލާގައިވެ އެެވެ. ކިޔަންވީ ޤުނޫތު ނާޒިލާވެސް ސާކިއުލާގައި ހިމަނާފައިވެ އެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން މިދިޔަ ހޮނިހިރު ދުވަހު އިޒުރޭލަށް ދޭން ފެށި ކުއްލި ހަމަލާތަކުގައި އެ ދުވަހު އެކަނިވެސް 5،000 ރޮކެޓް ހަމަލާ އިޒްރޭލަށް ދީފައިވެ އެވެ. ހަމަލާތައް މިހާރުވެސް ކުރިއަށްދާއިރު ހަމާސްގެ ހަމަލާތަކުގައި އިޒުރޭލުގެ 1،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި ރައްދުގައި އިޒުރޭލު ސިފައިން ގާޒާއަށް ދޭން ފެށި ހަމަލާތަކުގައިވެސް ފަލަސްތީނުގެ ހާހަކާ ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ހަމާސް ޖަމާއަތާއި އިޒްރޭލު ސިފައިންނާ ދެމެދު ކުރިއަށްދާ ހަމަލާތައް އެހާ އަވަހަށް ހުއްޓިގެން ނުދާނެ ކަމަށް ބައިނަލްއަގްވާމީ މަޝްރަހް ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.