ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ފަލަސްތީން ހަނގުރާމަ ވަގުތުން ހުއްޓާލަންޖެހޭ: ޝަހީމް

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓާލައި ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުން އަވަސް ކުރުމަށް ރާއްޖެއިން ގޮވާލައިފި އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މިކަމަށް ގޮވާލެއްވީ ފަލަސްތީނުގެ މައްސަލައިގައި އޯއައިސީ އިން ބާއްވަމުންދާ ހާއްސަ ޖަލްސާގައި ރާއްޖޭގެ އިސްލާމީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިނގަމުންދާއިރު އަޅައި ނުލައި ތިބެވެން ނެތް ކަމަށެވެ. އަދި އަމާންކަމާއެކު އުޅުމުގެ ހައްގު ފަލަސްތީނުގެ ރައްޔިތުންނާއި ކުޑަކުދިންނަށް އޮންނަން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ޝަހިމް ވިދާޅުވީ ބައިނަލްއަގްވާމީ ގާނޫނުތަކަށް ވުރެ މަތީގައި ވަކި ގައުމަކަށް އޮވެވިގެން ނުވާނެ ކަމަށާއި އިޒްރޭލުގެ އަނިޔާވެރި އަމަލުތައް ހުއްޓުމަކަށް ގެނައުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ ވަގުތު އަތުވެއްޖެ ކަމަށެވެ.

"އަދި ނަސްލެއް ނައްތާލަން ބައިނަލްއަގްވާމީ ގާނޫނުތަކާއި އިންސާނިއްޔަތާ ހިލާފަށް އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި އަމަލުތަކަށް ފިޔަވަޅު އަޅަންޖެހޭ،" ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ޝަހީމްް އިތުރަށް ވިދާޅުވީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރަން ޖެހޭ ވަގުތަކީ މިއީ ކަމަށެވެ. އަދި ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާއެކުގައި ކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރެވެން އޮތް ހުރިހައި ކަމެއް ރާއްޖެއިން ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް ވިދާޅުވި އެވެ.