ވާހަކަ

އަދުވީ ރޯށޭ

( 17 އޮކްޓޯބަރ 2023 އާ ގުޅޭ )

އަހަރެންގެ ހިތް އަވަސްވެފައިވާއިރު މޭގައި އެ ހިތް ނެގިނެގިފައި ޖެހޭއަޑު އަރަޝްއަށް އިވޭނެއޭ ހީކުރީމެވެ. ޖެހިލުންވަނީ ކީއްވެކަމެއް ބުނާން އަހަރެންނަކަށް ނޭނގެއެވެ. ނަމަވެސް ހިތް ގޮވަމުންދިޔައީ ސަމާސާގެ އަޖުމަ ބަލައިލުމަށެވެ. އަހަރެން ގަޔާނުވާނެ ކަމެއް ސަމާސާއަށް ވިޔަސް އަރަޝް ކުރާނެއެކޭ ހިތެއް ނުބުނެއެވެ. އަހަރެން އާނއެކޭ ބުނާން ބޯޖަހާލީމެވެ.

"ޓެލް މީ އިފް ޔޫ ލައިކް އިޓް." ކަންފަތްދޮށުގައި ސިއްރުން ބުނެލާފައި އަހަރެންގެ ކޯތާފަތުގައި ހިފަހައްޓާލިއެވެ.

ހިސާބަކަށް ނުކެރިފައި އިނދެ ވެސް އަރަޝްގެ އިސްނެގުންތަކަށް އަހަރެން ރުހުން ދިނީމެވެ. ފަޅުކަމާއި ހިމޭންކަމުގައި ނިދާފައި އޮތް ގޭތެރޭގައި ދިރިމެއްވަނީ ހަމައެކަނި އަރަޝްގެ ނިދާކޮޓަރީގައެވެ. ދެ ނަފްސު ދުނިޔޭގެ އެދުންވެރިކަމުގެ މަސްތުގައި ޖެހި ބެހެމުންދިޔަ އަޑު އެ ކޮޓަރީގެ ހަތަރު ފާރުގެ ތެރެއިން އިވެމުން ދިޔައެވެ. ނުކެރުމާއި ލަދާއި ބިރު ވެސް ފިލައި ހިނގައްޖެއެވެ. އެ އިޙްސާސްތަކަކީ އަހަރެން ނުދަންނަ އެއްޗެއް ކަމުގައި އަރަޝް ހަދައިފި އެވެ. އެރޭ އަރަޝްގެ ލޯބިން އަހަރެން ފެންވެރީމެވެ. މުޅިހަށިގަނޑު އޭނާގެ ލޯބިން ފުރާލަދިނެވެ. ހުރަހެއްނެތި އިޙުސާސް ކުރެވެމުންދިޔަ އައު ބީހުންތަކަށް މަރުޙަބާކީ އުފަލުން އެކަމަށް ޤަޔާވެވިގެނެވެ. ދުވަހަކުވެސް ނުކުރެވޭފަދަ މީރު ހިތްގައިމު އިޙުސާސްތަކެކެވެ. އަރަޝްގެ ކުޅަދާނަ ހަރަކާތްތަކުން އަހަރެންގެ ޅަހިތް ރަނގަޅަށް މޮޔަކޮށްލައިފި އެވެ.

އެރޭ ވެގެން ދިޔައީ އަހަރެންނާއި އަރަޝްގެ ދެމެދުގައިވީ ޖިސްމުގެ ފަރުދާ ނެގުނު ރެއަށެވެ. އޭގެ ފަހުން އަހަރެންނަކަށް ވެސް އަރަޝްއާ ދުރުގާ ހުރެވޭ ގޮތެއް ނުވިއެވެ. ގޭގެ އެންމެން ނިދާ ހަރުވުމުން ދަންވަރު ގެއިން ނުކުމެ އަރަޝްއާއެކު އޭނާގެ ގެއަށް ދިއުން އާދައަކަށް ވިއެވެ. ބަންދު ދުވަސް ދުވަހު ސުކޫލުގައި އިތުރު ގަޑި އޮންނަ ކަމުގެ ދޮގު ހަދާފައި ގޮސް އަރަޝްއާއެކީ އޮންނަނީ އެ ގޭގައެވެ. ނުވީތާކަށް "ގުރޫޕު ސްޓަޑީ" ހެދުން ވެސް އޮންނަނީ އަރަޝްގެ ގޭގެ އޭނާގެ ނިދާކޮޓަރީގައެވެ. އެކަކަށް އެކައްޗެއް ވެސް ނޭނގެއެވެ. އަހަރެންގެ ދޮގުތަކަށް ފާރަލާނޭ މީހަކު ނެތެވެ. އުމުރުން މިހިސާބަށް އައިއިރު މީ ކުރީން އަހަރެން އުޅުނު ގޮތެއް ނޫނެވެ. މައިންބަފައިންގެ އިތުބާރު އަހަރެންނަށް ލިބިފައި އޮތީ އެހެންވެއެވެ. މިވީހާ ތަނަށް އަހަރެން އުޅެފައިނުވާ ގޮތަކަށް މިހާރު އުޅެދާނޭ އެމީހުން ހިޔެއް ނުކުރާނެއެވެ. އެމީހުންގެ ކުރިމަތީ އަހަރެންނަކީ އަޚްލާޤު ރަނގަޅު ކިޔަމަންތެރި ދަރިއެކެވެ. ހެޔޮނުބައި ވަކިވާއިރު އަހަރެން ނުބައި ކަމަކަށް އަރައި ނުގަންނާނެކަމުގެ ޔަގީންކަން އެ މީހުންނަށް އޮވެއެވެ. އެކަމަކު މިހާރު އެއީ ހަޤީޤަތަކަށް ވާނެ ހެއްޔެވެ. އަރަޝްއާ ދިމާވެ އަހަރެން މިވަނީ ހުރިހާ އިމެއް ފަހަނައަޅައި ގޮސްފައެވެ. އެކަމުގައި އަހަރެންގެ އިޚްތިޔާރެއް ވެސް ނެތެވެ. ދުނިޔޭން މޮޔަވާހާ އަހަރެންނަށް މިވަނީ އަރަޝް ދެކެ ލޯބިވެވިފަ އެވެ. ހުރިހާ ވަގުތެއްހެން އޭނާއާއެކު ހޭދަކުރަން ބޭނުންވަނީ ކަރުހިއްކައިގަނެފައިވާ މީހަކު ފަދައިންނެވެ. އަހަރެމެންނަށް ކުރެވެމުން ދިޔައީ ކިހާ ވަރެއްގެ ކަމެއްކަން އެނގޭއިރު ވެސް އަރަޝްގެ އެއްވެސް ކަމަކަށް ހުރަހެއް ނޭޅުނެވެ. ނުވެސް ހުއްޓުވުނެވެ. ހޯދަމުން ދިޔަ އުފަލާއި ލިބެމުންދާ އަރާމާއި މަޖަލުގައި ގޯހެއް ވެސް ނުވިއެވެ.

އެއްވެސް ކުންޏެއް ނުޖެހި ދުނިޔޭގެ ލޯތަކަށް ސިއްރުން ކުރިޔަށް ދިޔަ އަހަރެންނާއި އަރަޝްގެ ލޯތްބަށް ހަ މަސް ފުރިއްޖެ އެވެ. ކޮންމެ މަހަކު އަހަރެމެން ލޯބީގެ ގޮތުން ގުޅުނު ތާރީޚު އައީ ފާހަގަ ކުރަމުންނެވެ. ނަމަވެސް ހަ މަސް ފުރުނު ދުވަހު އަރަޝްގެ ޚަބަރެއް ނުވީ އެވެ. ޚާއްޞަ ކަމެއް އެފަހަރު ރާވާފައި އޮތްކަން އަރަޝް މާކުރީން އޮތީ ބުނެފައެވެ. އެހެންވެ ހަ މަސް ފުރޭ ދުވަހަށް އަހަރެން ހުރީ ވަރަށް އިންތިޒާރު ކޮށްގެންނެވެ. ނަމަވެސް ދެރައީ ކަންކަން ބަދަލުވީ އެ ދުވަހުގެ ފަހުން ކަމަށްވީމަ އެވެ. އަހަރެން އެ ދުވަހު ގުޅުމުން ފޯނެއް ވެސް ނުނެގި އެވެ. ވަރަށް ހާސްވި އެވެ. އެހެންވެ މުޅި ދުވަހު އިރުއިރުކޮޅުން އޭނާއަށް ގުޅުނެވެ. ދުއިސައްތައާ ކައިރިކުރާހާ ކޯލު ކުރިއިރު އަހަރެން ހުރީ ހަމަހޭގައެއް ނޫނެވެ. އަރަޝްގެ ޚަބަރެއް ނުވެގެން ހޭބުއްދިފިލާވަރު ވެފަ އެވެ. އެންމެ ދުވަހެއްގައި އަރަޝްގެ އަޑު ނީވި އޭނާގެ ފުށުން މެސެޖެއް ވިޔަސް ނުލިބެންޏާ އަހަރެންނަށް ކެތްކުރާން ދަތި ވެއެވެ. ހިތާއި ނަފްސުގެ ހަމަޖެހުން ގެއްލިދެ އެވެ. ސަލާމަތް ނުވެވޭވަރަށް މަސްތެއްގައި ޖެހި އެކަމަށް ދެވިހިފާފައި ހުރި މީހެކޭ އަހަރެން އެއްގޮތް ވެއްޖެ އެވެ. އެހާ ލޯބިދީފާ އަރަޝް ވަކިވެދާނޭތީ ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. ނޫނީ އަހަރެން ދޫކޮށްލާފައި އެހެން އަންހެން ކުއްޖެއްގެ ފަހަތުން އަރަޝް ހިނގައިދާނޭ ހީވަނީއެވެ. މީ އަހަރެން އެންމެ ހާސްވެ ބިރުގަންނަ ކަންތަކަށް ވެއްޖެ އެވެ.

އަރަޝްގެ ޚަބަރެއްވީ އަހަރެމެންގެ "ސިކްސް މަންތް އެނިވަރސަރީ" ފާއިތުވިތާ ދެ ދުވަސް ފަހުންނެވެ. އޭނާ ބަލިކޮށް އުޅޭ ވާހަކަ ބުންޏެވެ. އަހަރެން ދަންތޯ އެހުމުން އެކަމާ އަރަޝް އެއްބަހެއް ނުވިއެވެ. އަހަރެން ބަލިވެދާނެތީކަމުގައި ބުންޏެވެ. ދެން އައި ދުވަސްތަކުގައި އަހަރެންނަށް އަރަޝް ހަމައެކަނި ފެންނަނީ ސުކޫލުންނެވެ. މާގިނަ ވާހަކައެއް ނުދައްކައެވެ. ހިނިތުންވުމެއް އަހަރެންނާ ބަދަލުކޮށްލަ އެވެ. ދެ މީހުން އެކަނި ބައްދަލުވާން ނުބުނާއިރު އަހަރެން އެދުނަސް އެއްބަހެއްނުވެ އެވެ. އަބަދު އަރަޝް އުޅެނީ ބަލިވެ އެވެ. ދޮގުހަދައޭ ހީނުވަނީ އޭނާ ފެންނައިރު ވެސް ކަމެއްވެފައި ހުންނަހެން ހީވާތީ އެވެ. ރޯގާޖެހިފައި ހުންނަ މީހަކު ފަދައިން ބައެއް ފަހަރު އަޑު ފަޅައިގެން ގޮސްފައި ހުރެއެވެ. ވެގެން އުޅޭ ގޮތެއް ނުބުނެއެވެ. ދުވަހަކުވެސް ކުލާހެއް ދޫކޮށްނުލާ އަރަޝް އެއް ހަފްތާވަންދެން ކިޔަވާދޭކަށް ނާދެއެވެ. އަހަރެން އިތުރަށް ހާސްވިއެވެ. ކެތްތެރިކަން ކޮޅުންލީއެވެ. އަރަޝް މާބޮޑަށް ބަލިވީބާއޭ ހިތަށް އެރިއެވެ. އޭނާއަށް ގުޅިޔަސް ފޯނެއް ނުނަގައެވެ. އެހެންވެ ސުކޫލުގެ ގަޑި ނިންމާފައި ގެއަށް ދިއުމުގެ ބަދަލުގައި އަހަރެން އެގެއަށް ދިޔައީ އެވެ. އަރަޝް އުޅޭ ފަންގިފިލާއަށް ގޮސް އޭނާ ދިރިއުޅޭ އެޕާޓްމެންޓްގެ ބޭރުގައި ހުރި ބެލް އެޅީމެވެ. ބައިގަޑިއިރު އެގޮތުގައި ހޭދަވީއިރު ވެސް ދޮރެއް ނުހުޅުވިއެވެ.

އެ ދުވަހަށް ފަހު ކުއްލިއަކަށް އަހަރެންނަށް އަރަޝް ގެއްލުނީ އެވެ. އުޑުފަޅާ މައްޗަށް އެރީކަމެއް ނޫނީ ބިންފަޅާ އަޑިއަށް ދިޔައީކަމެއް ނޭނގެ އެވެ. އަރަޝް ހޯދަން ދާނީ ކޮންތަކާކަށް ކަމެއް ވެސް ނޭނގެ އެވެ. އޭނާގެ ޚަބަރެއްވޭތޯ ފޯނަށް އެތައްހާސް ފަހަރު ގުޅުނެވެ. އައްސޭރިއެއް ފެނޭތޯ ފިކުރުގެ ކަނޑެއްގައި އަހަރެން ފަތަމުން ދަނިކޮށް ހަނދާނަށް އައެވެ. އޭނާގެ ތަޢުލީމީ ދުވަސްތައް އަދި ނުނިމޭކަމުގައި ބުނި ހަނދާނެވެ. އެނބުރި ގޮސް ކިޔެވުން ފުރިހަމަކުރާން ގަސްދުކުރާން އަރަޝް އޮތީ ތަންކޮޅެއް ކުރީން ދެއްކި ވާހަކައެއްގެ ތެރޭގައި ބުނެފައެވެ. އެކަމަކު އެނބުރި ދާން ގަސްދުކުރަނީ ކޮންއިރަކު ކަމެއް އަހަރެން ގާތު ނުބުނެއެވެ. ބުނީ އެހާ އަވަހަކަށް ނުދާނެކަމެވެ.

މަސް ދުވަސް ފާއިތުވީއިރު އަހަރެން ހުރީ އުންމީދު ގެއްލުވާލަން ބޭނުންނުވެއެވެ. ހުރިހާ އިދިކީލި ޚިޔާލުތަކާއި އަހަރެން އައީ ދެކޮޅު ހަދަމުންނެވެ. އަރަޝް އަހަރެންނަށް ލަނޑެއް ނުދޭނެއޭ ބުނަމުންނެވެ. ނަމަވެސް އަރަޝްގެ ފޯނަށް ގުޅާއިރު އޮންނަނީ ނިއްވާލާފައެވެ. ކޮލުޖުގެ ކިޔެވުން ވެސް އޭރު ނިމިއްޖެ އެވެ. އެތަނަށް ކިޔަވައިދޭން އަރަޝް ދެން ނާންނާނެކަން އެނގުނީ ކޮލެޖުގައި އުޅޭ އެހެން މުދައްރިސެއްގެ ފަރާތުންނެވެ. އޭނާ އެއްބަސްވި މުއްދަތު ވެސް ފުރިހަމަނުކޮށް ވަކިވީކަން އެނގުނީ ދެނެވެ.

ތަޢުލީމީ ފަހު އަހަރު ނިމިގެންދިޔައިރު ފާހަގަކޮށްލެވޭހާ މަތީ ދަރަޖައިގައި އަހަރެން ފާސްވިއެވެ. އަރަޝްގެ ސަބަބުން ކުލާހުގައި ސަމާލުކަން ނުދޭ ދަރިވަރެއްގެ ގޮތުގައި ފާހަގަކުރެވިފައި ވިއެއްކަމަކު އެންމެ މަތީ ފެންވަރުގައި ފާސްވީ ވެސް އަރަޝްގެ މާއްދާ އިންނެވެ. ޢާއިލާގެ މެންބަރުން އަހަރެންގެ ކާމިޔާބީއާމެދު އުފާކޮށް އެކަން ފާހަގަކުރި އެވެ. އަހަރެން އެހާ މަސައްކަތް ކުރީ ހަމަ އަރަޝްއަށް ޓަކައެވެ. އޭނާ އަހަރެންނާ މެދު ފަޚުރުވެރިވާނޭ ނަތީޖާއެއް ނެރުމުގެ ނިޔަތުގައެވެ. ނަމަވެސް އަހަންނަށް އެއްވެސް ކަމަކުން އުފަލެއް ނުލިބުނެވެ. އަހަރެންގެ އުފާވެރިކަމުގައި ބައިވެރިވާން އަރަޝް ނެތީމައެވެ. ލިބުނު އެއްވެސް ކާމިޔާބީއެއް އަހަރެންނަށް ކާމިޔާބެއް ކަމުގައި އިޙްސާސެއް ނުކުރެވުނެވެ.

އަހަރެންގެ ހިތަށް ކުރާ އަސަރެއް އެކަކު ވެސް ނުދެނަ ހުއްޓެވެ. ޢާއިލާއާއި ގާތް އެކުވެރިއަކަށް ވެސް ނޭނގޭތީ އެވެ. ކޮޓަރީގައި ހޭދަކުރާ ވަގުތު ގިނަވިއިރު އެކަނިވެއްޖެނަމަ ދެ ލޮލުން އޮހޭ ކަރުނަ ހުސްވުމެއް ނުވެއެވެ. ބައެއް ރޭ ރޭ ނިދެނީ ވެސް އަރަޝްގެ ހަނދާނުގައި ރޯން އޮއްވައެވެ. ހިތްކުދިކުދިވީ އަލުން އެހިތް ރާވަން ނޭނގޭނޭ މިންވަރަށެވެ. އަހަރެން ބިނާކުރަމުން އައި ލޯބީގެ ގަނޑުވަރު ސައިބޯނި ބޮތްކެއް ފަޅައިގެން ދިޔަ ފަދައިން ފުނޑުފުނޑުވެ އޭގެ އަސަރު ވެސް ނެތި ދިޔައީ އެވެ. ކިތަންމެ ވަރަކަށް ރުޔަސް ދެން އަލުން އަރަޝް އަހަންނަށް ނުލިބޭނެކަން އަހަރެންގެ ޟަމީރު ވިސްނާދިނެވެ. ހިތްދަތިކަމާއި ރިހުމުގައި ދިރިއުޅުން މަޑުޖެހިފައި ވުމަށްފަހު އަހަރެން ހިތްވަރާއެކު އެކަމުން އަރައިގަތުމަށް މަސައްކަތް ފެށީމެވެ. އެގޮތުން ދުވަސްކޮޅަކު ރޮއެރޮއެ އުޅުމަށްފަހު، އަހަރެން ހަމައަކަށް އެޅުނެވެ. އަހަރެންނަށް އަބަދަށް ޓަކައި އަރަޝް ގެއްލިއްޖެކަން ޤަބޫލުކުރީމެވެ. އެ ލޯތްބާއި ދިން އުފަލާއި އަރާމަކީ ވަގުތީ ކަމެއްކަން ނާއުންމީދުވެފައިވާ ނިކަމެތި ހިތަށް ވިސްނައިދިނީމެވެ. ނަމަވެސް އަރަޝްގެ ހަނދާންތައް އަހަރެން ދިރިހުރިހާ ދުވަހު އަހަންނާ ވަތްކެއްނުވާނެއެވެ. އަހަރެންގެ ހިތުން ދުވަހަކުވެސް އަރަޝްގެ ސޫރަ ފުހެވިގެން ނުދާނެއެވެ. އޭނާ އަހަރެންގެ ހިތާ ހަމައެކަނި ކުޅެލީކީ ނޫނެވެ. އަހަރެންގެ ޖިސްމު ވެސް މިލްކު ކުރީއެވެ.

ކިޔެވުން ނިމުނުތާ މަސްތަކެއް ފާއިތުވީއިރު އަހަރެން ހުރީ ހަމައަކަށް އެޅިފައެވެ. އަރަޝްގެ ޚަބަރެއް ނުވެ ހުރެފައި ކުއްލިއަކަށް އަހަރެންނަށް އައީ އޭނާގެ ނަމުގައި "އީ-މެއިލް" އެކެވެ. އަދި އެވެސް އަހަރެމެން ރައްޓެހިވި ތާރީޚުގައެވެ. އަރަޝް އަހަރެންނާއެކީ ހުރިނަމަ އެ ދުވަހަކީ އަހަރެމެންގެ ގުޅުމަށް އެއް އަހަރު ފުރޭނެ ދުވަހެވެ. މެއިލް ހުޅުވާއިރު އަހަރެންގެ ހިތް އިތުރަށް ޒަޚަމްވާ ފަދަ ވާހަކަތަކެއް އޮވެދާނެތީ ކަންބޮޑުވިއެވެ. އިތުރު އަނިޔާއެއް ހިތަށް ދޭހާ ހިތްވަރެއް އަހަރެންގެ ނެތެވެ. އެހެންވިޔަސް އަރަޝްގެ ސިޓީއެއްވީމައި ނުބަލައެއް ވެސް ހިތަކަށް ކެތެއްނުވިއެވެ. ދެރަވެ ރޯންޖެހުނަސް އޭގައި އޮތް އެއްޗެއް ކިޔަން ހުޅުވީމެވެ. އެ ސިޓީގައި އަރަޝް ލިޔެފައި އޮތެވެ.

"ހެލޯ ލިވީ، ޚަބަރެއްނުވެ މިހާ ދުވަސް ހުރެވުނީތީ ވަރަށް ބޮޑަށް މަޢާފު. ރުޅި އައިސްފައިކަން އެނގޭ ހުންނާނީ. ރޮނީތަ؟... ނުރޮއްޗޭ. އެނގޭ މިހެން ބުންޏަސް ލިވީ ރޯނެކަން. އަހަރެންނަކީ ވަރަށް ގޯސް މީހެއް. ރަނގަޅު މީހަކު އަހަރެން ކަންތައް ކުރި ފަދައިން ލިވީއާ މެދަކު ކަންތަކެއް ނުކުރާނެ. އެހެންވިޔަސް... ލިވީ. އަހަންނަށް މާފުކޮށްދީ. ވަރަށް އާދޭސްކޮށްފައި މިއެދެނީ. އަހަންނަށް މާފުކޮށްދީ. އަހަންނަށް މާފުކޮށްދީ. މިއަދު އަހަރެންނަށް ލިވީގެ މަޢާފު ވަރަށް މުހިންމު."

އެތައްފަހަރަކު އަރަޝް ތަކުރާރުކޮށް އެދިފައި އޮތީ މާފުކުރުމަށެވެ. އަރަޝްގެ އީމެއިލް ކިޔާ ނިންމާލިއިރު އޭނާގެ ލޯބީގައި ރުއިން ހުއްޓާލި އަހަރެންގެ ދެލޮލަށް ކަރުނަތައް އަލުން ބޮނޑިވެގަތެވެ. މަދު ސުކުންތުކޮޅެއްގެތެރޭގައި ކަރުނައިގެ ސައިލެއް ފަދައިން އެއްވެސް ހިފޭއްޓުމެއްނެތި އަހަރެންގެ ދެ ލޮލުން ކޯތާފަތް ހުރަސްކޮށް ކަރުނައިގެ ކޯރެއް ދެމެންފެށި އެވެ. ނަފްސު ހަމައަކަށް އެޅި ސިކުނޑީގެ ބޭނުން ހިފޭހާ އަހަރެން ހަމަޖެހުމުން އަރަޝްގެ އެ ސިޓީއަށް ރައްދު ފޮނުވީމެވެ. އޭނާ އަހަރެން ފޮނުވި "މެއިލް"އެއް ނުހުޅުވައެވެ. އެގޮތުގައި އަނެއްކާ ވެސް އަހަރެންގެ އިންތިޒާރު ދިގުވިއެވެ. އަރަޝްގެ ފަރާތުން ޖަވާބެއް ހޯދުމަށް އޭނާގެ އީމެލް އެޑްރެހަށް އެތައް މެސެޖެއް ފޮނުވީމެވެ. ކުރިއެރުމެއް ނުލިބި އަހަރެން މާޔޫސްވެ ނާއުންމީދުން ފުރިގެން ދިޔައެވެ. އިތުރަށް ހަދާނޭގޮތެއް ނޭނގި އަހަރެންނަށް ގޮސް ހުސްވީ އެވެ. ފަސޭހަވަމުން އައި ފާރުގަނޑުގައިވީ މަލަންގަނޑު ނައްޓާލުމާ އަރަޝްގެ ފޮނުވި ސިޓީއާ އެއްވެސް ތަފާތެއް ނެތެވެ. އޭގެ ސަބަބުން އަހަރެންގެ ހިތާމަތައް އިތުރުވީ އެވެ. މިހިސާބަށް ކަންތައް ދިޔައިރުވެސް އެކަކު ގާތުވެސް މިވާހަކައެއް ނުދައްކަމެވެ. ކުރިން ހުރީ އަރަޝް އާއި އަހަރެންގެ މެދުގައި ގާތްގުޅުމެއް އުފެދިފައިވާކަން އަހަރެންގެ ރަޙުމަތްތެރިން ގާތު "ގްރެޖުއޭޝަން"އަށް ފަހު ބުނާގޮތަށެވެ. އެހެންނަމަވެސް ކުރި ހުރިހާ އުންމީދެއް ފެނަށްވުމުން އިތުރަށް އަރަޝްގެ ނަން އެއްވެސް މީހެއް ގާތު ބުނަން އަހަރެން ބޭނުންނުވީ އެވެ.

* * * * *

ގުރޭޑު ބާރަ ނިންމި ފަހުން ތިން އަހަރު ފާއިތުވެގެން ދިޔައީ ކިހިނެއްކަމެއް އަހަރެންނަށް ބުނާކަށް ނޭނގެއެވެ. ވަޒީފާއަކަށް ކުރިމަތިލާ ހިތްނުވެ ގޭގައި ކަމެއްނެތިފައި އަހަރެން އިންނާތީ މަންމަ އެ ވާހަކަދައްކަން ފެށިއެވެ. މި ޒަމާނުގައި ގުރޭޑު ބާރަ ނިންމާލައިގެން ނުފުދޭނެކަން މަންމަ ވިސްނައިދޭން އުޅުނެވެ. އަތުގައި ޑިގުރީއެއް ނެތިއްޔާ މީހަކަށް ނުވާނޭ މަންމަ ކިޔެވެ. ހަޤީޤަތުގައި ކަންތައްވީ ގޮތަކީ އަހަރެމެން ގެއަށް ދީނާ އައީ އެވެ. އެއީ އަހަރެންނާ އެއް އުމުރުގެ މަންމަ ފަރާތުން ތިމާގެކަން އޮތް ކުއްޖެކެވެ. ޢާއިލާއާ ވަރަށް ބޮޑު ގާތްކަމެއް އަބަދުވެސް އޮވެއެވެ. މަންމަމެން އަހަރެމެން ދެ މީހުންގެ ކަންކަން ބައެއް ފަހަރު އަޅާކިޔާނެ އެވެ. ޚާއްޞަކޮށް ތަޢުލީމާ ގުޅިފައިވާ ކަމެއްނަމަ ނިކަން ފޯރި ހުރެ އެވެ. މި ވީ ގޮތަކީ ދީނާ ރާއްޖޭގެ ކޮލެޖަކުން ޑިޕްލޮމާ ނިންމާ ޑިގުރީއަށް ކިޔަވަން ރާއްޖޭން ބޭރަށް ފުރަން އުޅޭ ޚަބަރު މަންމަމެންނަށް ލިބުނީއެވެ. އެހެންވެ މަންމަމެން ބޭނުންވީ އަހަރެން ވެސް ވަޒީފާއަކަށް ދާން ބޭނުންނުވަންޏާ އިތުރަށް ކިޔެވުން ކުރިޔަށް ގެންދިއުމަށެވެ. ބައްޕަ ހުރީ އަހަރެންގެ ކިޔެވުމަށް ޚަރަދުކޮށްދޭން ތައްޔާރަށެވެ. އެމީހުންގެ ނަޒަރުގައި ދީނާއަށް ބޭރުގެ ކޮލެޖަކުން ފުރުޞަތު ލިބުނިއްޔާ އަހަރެންނަށް އަދި މާ ފަސޭހައިން އެފަދަ ފުރުޞަތެއް ލިބިދާނެއެވެ. ދީނާއަށްވުރެ ތަޢުލީމީ ގޮތުން އަހަރެންގެ ފެންވަރު ރަނގަޅުވީމައެވެ. އެހެންވިޔަސް ދުނިޔެވީ ކަމަކާ އުޅޭނޭ ހިތްވަރެއް އަހަރެންގެ ނެތެވެ. އަރަޝްގެ ޚިޔާލުތަކުން އަހަރެން ވަނީ ބަލިކޮށްލާފަ އެވެ. އެ ޚިޔާލުތަކާއި ދުރަށް ދާން އަލުން ކިޔަވަން ފެށުން ރަނގަޅު ނިންމުމަކަށް ވާނޭ ހެއްޔެވެ. ކުލާސްރޫމަކަށް ވަދެފިނަމަ އެންމެ ފުރަތަމަ ހަނދާންވާނެ ސޫރައަކަށް ވާނީ އަރަޝްކަން ގައިމެވެ. އެހާލުގައި އަހަރެންނަށް އިތުރަށް ކިޔެވިދާނެބާ އެވެ.

(ނުނިމޭ)