ދިރާގު

ދިރާގު ރޯޑް ރޭހުގައި ބައިވެރިވާ ކުޑަކުދިންނަށް ޚާއްސަ ރަނިން ކްލިނިކެއް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް)ގެ ކޯޗިން ޕާޓްނަރެއް ކަމަށްވާ ސާއިދު ސްޕޯޓްސްއާ އެކު ކުޑަކުދިންނަށް ހާއްސަ ރަނިން ކްލިނިކެއް ބޭއްވުމަށް ދިރާގުން ނިންމައިފި އެވެ.

މިކްލިނިކް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ޑީއެމްއާރްއާރްގެ 13 އަހަރުން ދަށް އަދި 13 އަހަރުން މަތީގެ ފަސް ކިލޯމީޓަރު ކެޓެގަރީގެ ދަރިވަރުންނަށެވެ.

މިކްލިނިކް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ހަވީރު 4:30 އިން 5:45 އަށް މާލޭ ރަނިން ޓްރެކް ގައެވެ. ކްލިނިކްގައި ބައިވެރިވުމަށް ޝައުގުވެރިވާ ދަރިވަރުން ރަޖިސްޓްރީ ކުރުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.

މިކްލިނިކްގައި ދަރިވަރުންނަށް ކޯޗިން އިރުޝާދުތައް ދޭނީ ސާއިދު ސްޕޯޓްސްގެ ވެރިޔާ އަދި ދިރާގު ބްރޭންޑް އެމްބެސެޑަރުކަން ކުރަމުންދާ ރާއްޖޭގެ އެންމެ ހަލުވި ދުވުންތެރިޔާ ހަސަން ސާއިދު އެވެ. މީގެ އިތުރުން މިއަހަރުގެ ޑީއެމްއާރްއާރްގެ މެޑިކަލް ޕާޓްނަރު -- ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހާއްސަ ސެގްމަންޓެއްވެސް މި ކްލިނިކްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން ދުވުމާއި ސިއްހަތާ ގުޅޭ ގޮތުން ޑރ. އިބްރާހިމް އިޔާޒު ތަފާތު ޓިޕްސް ބައިވެރިންނަށް ކިޔައިދޭނެ އެވެ.

ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކް ގައެވެ.

މި އަހަރުގެ ރޯޑް ރޭހުގައި 4000 އަށް ވުރެ ގިނަ ބައިވެރިން ދުވާއިރު ފުރަތަމަ ފަހަރަށް ހާފް މެރަތަންއަށް ދުވުމުގެ ފުރުސަތުވެސް ދުވުންތެރިންނަށް ލިބިގެންދާނެ އެވެ. މީގެ އިތުރުން އެހެން އަހަރުތަކެކޭ އެއްފަދައިން ފަސް ކިލޯމީޓަރު އަދި 10 ކިލޯމީޓަރަށްވެސް ދުވުންވެސް އޮންނާނެ އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ. އަދި މިއީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.