ދިރާގު

"ކަވާ" ވޮލީބޯޅަ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ކަވާ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަގުވާމީ މި މުބާރާތަކީ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކަވާ)އާ ގުޅިގެން ބާއްވާ މުބާރާތެކެވެ.

ކަވާ އަކީ ދެކުނު އޭޝިއާ ސަރަހައްދުގެ 14 ގައުމެއް ހިމެނޭ ޖަމިއްޔާ އެކެވެ. މިއީ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އާއި ފެޑެރޭޝަން އިންޓަނޭޝަނަލް ޑި ވޮލީބޯލް (އެފްއައިވީބީ)ގެ އެފިލިއޭޓެޑް ޖަމިއްޔާ އެކެވެ.

ދިރާގުގެ މެނޭޖަ ބްރޭންޑް އެންޑް އިވެންޓްސް ނާޔާ ޝަރީފް ވިދާޅުވީ ކަވާ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ ޑިޖިޓަލް ޕާޓްނަރަށްވެ ޑިޖިޓަލް ގޮތުން މި މުބާރާތަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ދިވެހި އެތުލީޓުންގެ ކުރިއެރުމަށް އެއްބާރުލުން ދީ، އެ ކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް. އެގޮތުން އަޅުގަނޑުމެންގެ އުއްމީދަކީ މި މުބާރާތް މެދުވެރިކޮށް މިކަން ހާސިލްކުރުން،" ނާޔާ ވިދާޅުވި އެވެ.

މާލޭގެ ސޯޝަލް ސެންޓަރުގައި މިއަދުން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ސްރީލަންކާ، ނޭޕާލް، ކިރްގިސްތާން އަދި ރާއްޖޭގެ 20 އަހަރުން ދަށުގެ އަންހެން ޓީމު ބައިވެރިވެ އެވެ. މި މުބާރާތުގެ ސަބަބުން ޒުވާން އެތުލީޓުންނަށް ބައިނަލްއަގްވާމީ ފެންވަރުގައި ވާދަކުރާއިރު ހުނަރު ދައްކާލުމުގެ ޕްލެޓްފޯމެއް ފަހިވެގެންދާނެ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެ އެވެ.