ދުނިޔެ

އިންޑިއާގެ ނޫސްވެރިންނަށް އޮތް ނުރައްކާ ބޮޑުވެފައި

އިންޑިއާގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދުމުގެ ބޭނުމުގައި ކުރާ ހަނގުރާމައިގައި އިންޑިއާގެ ނޫސްވެރިންވަނީ ރައްކާތެރިކަމަށް އެދި މަގުމައްޗަށް ނިކުމެ ހަޅުތާލުކޮށްފައެވެ. އިންޑިއާގެ ނޫސްވެރިން ވަނީ އެގައުމުގެ ބޮޑު ވަޒީރުގެ ނަރެންދްރާ މޯޑީގެ ފަހަތުގައި ހައްދުފަހަނަ އަޅާފައިވާ ބައިގަނޑެއް ވާ ކަމަށް ބުނެފަ އެވެ. އަދި އެ ބައިގަނޑަށް ހިމާޔަތް ދޭ ކަމަށް ބުނެ ސުޕްރީމް ކޯޓާއި ދެކޮޅަށް ވެސް އަޑު އުފުލާފަ އެވެ.

ގާތްގަނޑަކަށް 800 ނޫސްވެރިން ސޮއި ކޮށްފައިވާ ޕެޓިޝަނެއް ވަނީ ސުޕްރީމް ކޯޓަށް ހުށައަޅާފައެވެ. މި ޕެޓިޝަނުގައި ނޫސްވެރިން ވަނީ ރައްކާތެރިކަމަށް އެދިފައެވެ. އަދި ނޫސްވެރިންނަށް ދެވޭ ހަމަލާތައް ބަލާ ތަހުގީގު ކުރުމަށް ވެސް އެދިފައެވެ.

އިންޑިއާގެ ނޫސްވެރިންނަށް ނުރައްކާ ބޮޑުވެފައިވަނީ އިންޑިއާގެ އެންްމެ ބޮޑު ޔުނިވާސިޓީގައި ކިޔަވަމުން ދިޔަ ދަރިވަރަކު، ދައުލަތުން މަރަށް ހުކުމް ކުރި މުސްލިމް ކަޝްމީރުގެ ލީޑަރެއްގެ މަރުގެ އެނިވާސަރީ ފާހަގަ ކުރުމުގެ ގޮތުން ކުރި މުޒާހަރާ އާއި ބެހޭގޮތުން ރިޕޯޓް ކުރުމުންނެވެ. މި ދެންނެވި ދަރިވަރުގެ ހައްޔަރާއި ކޯޓުގައި އޭނާޔާއި ދެކޮޅަށް ދައުލަތުން ހިނގާ ޝަރިއްޔަތާއި ބެހޭގޮތުން ރިޕޯޓު ކުރަމުން ދިޔަ ނޫސްވެރިންނަށް ވަނީ ބާގީ ނުވަތަ އެންޓި އިންޑިޔާ ޓެރޮރިސްޓުން ގޮތުގަ ލޭބަލް ވެފައެވެ. އަދި މީގެ އިތުރުން މި ޝަރިއްޔަތާއި ބެހޭގޮތުން ރިޕޯޓުކުރަމުން އަންނަ ނޫސްވެރިންނަށް ވަނީ ޖިސްމާނީ އަނިޔާ ލިބުމުގެ ބިރު ވެސް ބޮޑުވެފައެވެ.

އިންޑިއާގައި މިހާރު ކަން ހިނގަމުން ދާ ގޮތުން ވަނީ އެގައުމުގެ މިނިވަން ނޫސްވެރިކަމަށް ވަރަށް ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވެފައެވެ. އަދި މީގެ އިތުރުން، ފުލުހުން ތިބޭ ތަންތާގައި، ނޫސްވެރިންނާއި ދެކޮޅަށް ދޭ ޖިސްމާނީ ހަމަލާތައް ނުހުއްޓުވުން މިއީ އިންޑިއާގައި ކުރިއަރަމުން އަންނަ ޑިމޮކްރަސީއަށް ހުރި ވަރަށް ބޮޑު ނުރައްކަލެކެވެ.