އެމްއެންޑީއެފް

ހާލު ސީރިއަސްވި މީހާ މާލެ ގެނެސްފި

Oct 19, 2023

ހދ. ކުޅުދުއްފުށި އެއާޕޯޓުގައި އެއްޗެއް ގޮވައި އަނިޔާވި މީހުންގެ ތެރެއިން ހާލު ސީރިއަސްވީ މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.

އުމުރުން 37 އަހަރުގެ ދިވެހި ފިރިހެން މީހާ މިރޭ މާލެ ގެނައީ ދިވެހި ސިފައިންގެ ޑޯނިއާ މަތިންދާ ބޯޓު ގައެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް ސިފައިންގެ އިންވެސް ބުންޏެވެ.

ކުޅުދުއްފުށި އެއާޕޯޓްގައި މިއަދު ހިނގި ހާދިސާގައި 37 އަހަރުގެ މީހާގެ އިތުރުން އިތުރު ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބުނެވެ. ދެން އަނިޔާވީ އަންހެނަކާއި ދެ ފިރިހެނަކަށެވެ.

އަނިޔާ ލިބުނު މީހުންނަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ ކުޅުދުއްފުށި އެއާޕޯޓްގައި ތަމްރީން ތަކުގައި ބޭނުންކުރާ ސިލިންޑަރެއް ރީފިލް ކުރުމުގެ ތެރޭގައި ގޮވީ ކަމަށާއި މިކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު 11:45 ހާއިރު ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަދާފައިވާ ކުޅުދުއްފުށި އެއާޕޯޓް ހިންގަނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އިންނެވެ.